މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މާލޭ ރައްޔިތުންނަށް ގޯތިބީ މާލެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ފްލެޓުތަކަށް މީހުން ވައްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި ރައްޔިތުން ފްލެޓަށް ވައްދާފައި ނުވާ ކަމަަށެވެ. އެކަމަކ މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން ހާސިލް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައިސް ވިދާޅުވީ މި ސަރުކާރުން މާލެ ސަރަހައްދުގައި 8،782 ފްލެޓުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އޭގެ ތެރެއިން ދައުރު ނިމުމުގެ ކުރިން ބައެއް ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށޭވަރަށް މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަތް ވައުދު ވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކަޑަ ޖަހައި، ބިން ވަކިކޮށް، ރޯނު ދަމައި މާލޭގެ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ދޭނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ރޭވެސް ތަކުރާރު ކުރެއްވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު ރައީސްގެ ވާދަވެރި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕެއިންގައި ވިދާޅުވަމުން ގެންދަވަނީ ހައުސިން މަޝްރޫއުތައް ކުރިޔަށްދާލެއް ލަސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް