އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.
ރައްޔިތުންގެ އާބާދީ އިތުރުވާ މިންވަރަކަށް ބޯހިޔާވަހިކަމެއްނެތި މަގުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދުވެސް އެންމެ ގިނަ އެއްގައުމެވެ. ވަޒިފާއެއް ނުލިބުމުގެ ސަބަބުން ދިރިއުޅުމަށް ޙަރަދުކުރާނެ މަގެއްނެތުމުން މަގުމަތިވުމާއި ދިމާވާ ހާދިސާއަކާއެކު އަޅާލާނެ ފަރާތެއް ނެތުމުން އެފަދަ ދިރިއުޅުމެއް އުޅެން ޖެހުމާއި އަދި އުފަންވީއިރުވެސް އާއިލާގެ ހާލު އެގޮތުގައި ހުރުމަކީ ބޯހިޔާވަހިކަމެއްނެތި ނުވަތަ 'ހޯމްލެސް' ވުމަށް މެދުވެރިވާ މައިގަނޑު ތިން ސަބަބެކެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި އެކަނިވެސް އެއްލައްކަ ފަންސާސް ހާސް މީހުން ބޯހިޔަވަހިކަން ނެތި މަގުމަތި ވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އެފަދަ ފަރާތްތަކަށް ވަގުތީ ހިޔާތަކެއް އެޤައުމުގެ ސަރުކާރުން ހަމަޖައްސައިދޭއިރުވެސް މިއަދަދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތީ ނުކުޅެދިފައެވެ.
އެގޮތުން އެކި އަވަށްތަކުގައި 195 އެފަދަ ހިޔާތަކުން ސަރުކާރަށް އެހީތެރިނަ ފޯރުކޮށްދެވެނީ 19،000 (ނަވާރަ ހާސް) މީހުންނަށް އެކަނި ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މުޅި އިންޑިއާގެ އެތައް ލައްކަ މީހުންނެއް ފިނި މޫސުމުގައި ނިވަލެއް ނެތި މަގުމަތިވެފައި ތިބޭނެ ވަރު ތަސައްވަރު ކޮށްލެވޭނެއެވެ.
ދަންވަރުގެ ފިނީގައި ނިވަލެއް ނެތި އެތައް ބަޔަކު މަގުތަކުގެ އެއްފަރާތުގައި ދިރިއުޅެމުންދެއެވެ. ބްރިޖްތަކުގެ އަޑީގައާއި ކޮންސްޓްރަކްޝަން ސައިތުތަކުގައި ނިދަމުންނެވެ.
އެމީހުން ގައިގަ އަޅާލަނީ މަގުމަތީގައި އުކާލާފައި ހުންނަ ބޭނުންނުކުރާ ފޮށިގަނޑުތަކުގެ ބޭނުންހިފައިގެންނެވެ. މިކަންކަމަކީ އެފަދަ ފަރަތްތަކަށް އާއްމު ކަންކަންކަމުގައިވާއިރު ފިނީގައި ކެތްނުކުރެވިގެން މަރުވާ މީހުންގެ އަދަދު އަހަރަކު 10،000 އަށް އަރައެވެ.
ބޯހިޔާވަހިކަމެއްނެތުމުގެ ސަބަބުން ދިރުއުޅުމުގެ އެތައް ދަތިތަކަކާއި އެފަދަ ފަރާތްތަކުން ކުރިމަތިލައެވެ. ދާއިމީ ހިޔަލެއް ނެތުމުން ދިރިއުޅުން ރަނގަޅު ކުރުމަށް ވަޒީފާއެއް ލިބުން އޮންނަނީ ނާދިރުކަމަކަށްވެފައެވެ.
އެގޮތުން ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ކުދިކުދި މަސައްކަތް މީހުންނަށް ކޮށްދީގެން ނުވަތަ ހޮވާ ތަކެތި ވިއްކައިގެން ، ގިނަފަހަރަށް ސަލާން ޖަހައިގެން ލިބޭ އެތިކޮޅުން ބަނޑުފުރާން މުއްތިކޮށްގެން އުމުރު ހޭދަކޮށްލަން ޖެހުމަކީ އެފަދަ ފަރާތްތަކުގެ ދުވަހީ ދިރިއުޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް