މިދިޔަ ސީޒަނުގައި އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނުއިރު، އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިމަށް ޖެހި މައްސަލައިގައި އިނގިރޭސި އެފްއޭ އިން ދިން އަދަބާއި ގުޅިގެން އަށް އަލް ނަޞްރުން މި ސީޒަނުގައި ކުރިޔަށް ކުޅެން އޮތް ދެމެޗުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މިދިޔަ ސީޒަނުގައި އެވަޓަންގެ ދަނޑުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިވި މެޗަށް ފަހު ރޮނާލްޑޯ، ސަޕޯޓަރެއްގެ ފޯނު ބިމަށް ޖެހި މައްސަލައިގައި އިނގިރޭސި އެފްއޭ އިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް، 50،000 ޕައުންޑް (60،000 ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ.
މި އަދަބާއި ގުޅިގެން ސައުދީ ލީގުގައި އަލް ނަޞްރުން މިރޭ އަލް ތާއީއާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައި ވާ މެޗާއި މިމަހުގެ 14 ވަނަ ދުވަހު އަލް ޝަބާބް އާއި ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ނުކުޅޭވޭއިރު، އޭނާއަށް އެންމެ އަވަހަށް ވެސް އަލް ނަޞްރުގެ ޖާޒީގައި މެޗެއް ކުޅެވޭނީ މި މަހުގެ 21 ވަނަ ދުވަހު އަލް އިއްތިފާޤްއާއި ދެކޮޅަށް ކުޅޭ މެޗުގައެވެ.
މިރޭ އަލް ތާއީއާއި ދެކޮޅަށް އަލް ނަޞްރުން ކުޅެން އޮތް މެޗުގައި ރޮނާލްޑޯއަށް ނުކުޅޭވޭއިރު، މިރޭގެ މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ބަލާ އެކުލަބުގެ 28 ހާސް ސަޕޯޓަރުން މިހާރު ވަނީ މި މެޗު ބެލުމަށް ޓިކެޓް ވެސް ގަނެފަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފީފާގެ ކުޅުންތެރިންނާއި ބެހޭ ގަވާއިދުގެ 12.1 ވަނަ މާއްދާގައިވާ ގޮތުން ރޮނާލްޑޯ ޕްރިމިއާ ލީގު ދޫކޮށް އެހެން ގައުމެއްގެ ލީގަކަށް ނުވަތަ ކުލަބަކަށް ބަދަލުވި ނަމަވެސް އެންމެ ފަހުން އެ ކުޅުންތެރިއަކު ކުޅުނު ލީގަކުން ނުވަތަ ކުލަބަކުން އަޅާ ފިޔަވަޅެއް އެ ކުޅުންތެރިއެއްގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އެހެން ކަމުން ރޮނާލްޑޯ ސައުދީ ލީގުގެ އަލް ނަޞްރަށް ބަދަލުވި ނަމަވެސް ނގިރޭސި އެފްއޭއިން ދިން މި އަދަބާއި ރޮނާލްޑޯ ކުރިމަތިލާން ޖެހޭނެއެވެ.
އެ މައްސަލާގައި އިނގިރޭސި ފްއޭ އިން ވަނީ ރޮނާލްޑޯ ތިން މެޗަށް ސަސްޕެންޑް ކުރަން ހުށައަޅާފައެވެ. ނަމަވެސް މައްސަލަ ބެލި ޕެނަލް އިން ވަނީ އޭނާގެ ސަސްޕެންޝަން ދެ މެޗަށް ވުރެ އިތުރު ނުކުރާން ނިންމައިފަ އެވެ.
މިއަހަރުގެ ނޮވެމްބަރު މަސްތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާފައިވާ ޕޯޗުގަލްގެ ފޯވާޑް ސައުދީގެ އަލް ނަޞްރަށް ބަދަލުވީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ރޮނާލްޑޯ އޭނާގެ އައު ކުލަބް އަލް ނަޞްރަށް ސޮއިކުރީ މިދިޔަ ހުކުރުދުވަހު އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް