އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާތަކުގައި އެކި ފަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއް ރެއިން ރައްދުދީ ނިންމާލައްވައިފި އެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ދައުލަތުގެ ދަރަންޏާއި، ތަރައްގީ، އާމްދަނީ، އަދި ސިޔާސީ ގޮތުން ނަޝީދު ކިޔުއްވާފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައި އެވެ.
ރައީސް ވިދާޅުވީ ޖެނުއަރީ މަހު އެކަނި ލޯނު އަނބުރާ ދައްކަން 79 މިލިއަން ޑޮލަރު އަދި ކުރިއަށް އޮތް ކޮންމެ އަހަރަކު، ކޮންމެ މަހަކު 45 މިލިއަން ޑޮލަރާ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ނަޝިދު ވިދާޅުވެފައިވާ ކަމަށެވެ.އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި ރުފިޔާ ނެތް ކަމަށް ބުނެ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް ރިއެކްޓު ނުކޮށް، އޮޅުން ފިލުވައިދޭން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން ޑައިރެކްޓް ބަޖެޓަށް ނަގާފައި ހުރި ދަރަނީގެ ތެރެއިން މިމަހު ދައްކަން ޖެހެނީ 29 މިލިއަން ޑޮލަރު ކަމަށާއި މި އަންނަ މަހު ދައްކަން ޖެހެނީ 14 މިލިއަން ޑޮލަރުގެ އިތުރުން މާޗު މަހު 27 މިލިއަން ޑޮލަރު ކަމަށެވެ. އެހެންވީމާ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި މިކަހަލަ ކަންތައް ކުރުމަކީ ވަރަށް ވަރަށް ދެރަކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލަން ނިންމުމުން އެކަމުގެ ކުރެޑިޓް ނަންގަވަން ނަޝީދު މަސައްކަތްކުރެއްވި ކަމަށެވެ. އެކަމަކު އޭގެ ހަގީގަތަކީ މަހުން ޑިއުޓީ ކަނޑާލަން ޔޫރަޕުން އެއްބަސްވީ ފޮރިން މިނިސްޓަރު ޝަހީދުގެ މަސައްކަތުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުވައްމުލަކުގެ ތަރައްގީ އާއި ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ޖޯކެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ފުވައްމުލަކަކީ ދަނޑުވެރި ރަށަކަށްވާއިރު ދަނޑުވެރިކަމާއި ގުޅޭ ތަކެތި އިމްޕޯޓު ކުރަން ނުޖެހޭނެ ކަމަށާއި މި ސަރުކާރުން ވައުދުވި ދަނޑުވެރިކަމުގެ ލެބޯޓަރީގެ ސިޕީޑުވެސް ވަރަށް މަޑު ކަމަށެވެ. އަދި އެ ސިޓީއަށް ގެންނަ ތަރައްގީ ފެނިވަޑައިނުގެންނަވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ރައްދުގައި ރައީސް ރޭ ވިދާޅުވީ ފުވައްމުލަކުގައި ހުރެ ތަރައްގީއެއް ރާއްޖެއަކަށް ނުގެނެވެއޭ، ފުވައްމުލަކުގައި ރާއްޖޭގެ މަޝްރޫއެއް ނުހިންގައޭ ބުނީމަ އެއީ ދެން ބޮޑު ޖޯކެއް ކަމަށެވެ. ފުވައްމުލަކުގައި 786 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަމުންދާ ކަމަށާއި މިހާތަނަށް ހަރަދުކޮށް 436 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމާފައިވާ ކަމަށެވެ.
" މަގުތައް ހެދި ނިމެނީ، ގިރާ ސަރަހައްދު ހިމާޔަތް ކުރެވެނީ، އޭގެ ބޭރުން ބޮޑު މަގެއް އެލެވެނީ، މިސްކިތްތައް އެޅެނީ، ސްކޫލުތަކުގެ މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތައް އެ ރަށުގައި އެޅެމުން އެ ދަނީ، އާ އިންޖީނުގެއް އެޅެމުން އެ ދަނީ. މިހާރު އަޅުގަނޑުމެން ކުރަން ނިންމާފައި އޮތްކަމަކީ އެރަށުގެ ބަނދަރު ބޮޑު ކުރެވޭނީ ކިހަނެކުންތޯ ބެލުމުގެ ސާވޭ ކުރުން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ވާހަކަ ދައްކަވާ އިރު، ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި ބޮޑު އަގުގައި މަސް ވިއްކޭނީ ސަރުކާރުން ވެލިއު އެޑުކުރުމުން ކަމަށެވެ. އެ ވާހަކަފުޅަށްވެސް ވަރަށް ސާފުކޮށް ރައީސް ރޭ ރައްދު ދެއްވި އެވެ.
"ކީއްތޯ ކުރެއްވީ، ފެލިވަރު ފެއްޓެވީ 50 ޓަނުގެ ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަ ކުރެއްވިއޭ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ. 26 ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. ތަދެއް، އެކަމަކު ކިހިނެއްތޯވީ. އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ، 2018 ވަނަ އަހަރުވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯވީ، ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް އޭރު ނުދައްކާ އޮތް ބޮޑުކުރި އަގު ދައްކަން ޖެހުނީ، ތިރިކުރަން ޖެހުނީ. 39 މިލިއަން ރުފިޔާ އަޅުގަނޑުމެން ފުރަތަމަ އައިސް ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދެއްކީ. އެ އޮތީ ރިޔާސީ އިންތިހާބެއް ކުރިމަތީގައި، އަޅުގަނޑަށް ކޮށްލެވިދާނެ 30 ރުފިޔާވެސް. އެކަމަކު ކީއްތޯ ކުރަނީ، އެއީކީއެއް ނޫން މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއަރުވަން ވީ ގޮތަކީ،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް