ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އަލިފުއްޓަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ރަސްމީ ދަތުރުފުޅެއްގައި ރ. އަލިފުއްޓަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގ...

05 Jan 2023 | 04:53

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ރަސްމީ ދަތުރުފުޅެއްގައި ރ. އަލިފުއްޓަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުފުޅުގައި އެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެއެވެ. އަދި، އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލް ހުޅުއްވައި ދެއްވާނެއެވެ.

އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންނަވާނީ ހުކުރު ދުވަހު އެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް