ކުދި ވިޔަފާރިތަކަށް ޚާއްސަ އެސްއެމްއީ ހަބެއް ބީސީސިން ޤާއިމްކުރަނީ

ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއެމްއީ ހަބެއް ޤާއިމްކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީން) މަސައްކަތް ކުރަމ...

05 Jan 2022 | 18:16

ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްއެމްއީ ހަބެއް ޤާއިމްކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީން) މަސައްކަތް ކުރަމުންދާ ކަމުގައި ހާމަކޮށްފިއެވެ.

ބީސީސީން ހާމަކުރާ ގޮތުގައި އެސްއެމްއީ ހަބްގެ މައިގަނޑު މަޤްސަދަކީ އަލަށް ފަށައި ގަންނަ ވިޔަފާރިތަކަށް ތަކެތި މާކެޓް ކުރަން އެހީވެދިނުމާއި އެކު އެ ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ.

އެސްއެމްއީ ހަބްގެ ސަބަބުން ފަށައިގަންނަ ވިޔަފާރިތަކުން އަމިއްލައަށް ތަންތަން ކުއްޔަށް ހިފައިގެން ވިޔަފާރިކުރަންޖެހޭ ކުރުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ބީސީސީން ބުނެއެވެެ.

އޯކިޑް މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުގައި ހުންނަ އެލައިޑު އިމާރާތުގައި ހުޅުވާ މި އެސްއެމްއީ ހަބުގައި ކުދި ވިޔަފާރިތަކަށް ސްޓޯލެއް އެރޭންޖު ކޮށްގެން ތަކެތި އަމިއްލައަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ބީސީސީން ހާމަކުރެއެވެ.

މި ހަބް ޤާއިމް ކުރަން ހަމަޖެހިފައި ވަނީ 3 ފަންގިފިލާ އަށެވެ. ކުދި ވިޔަފާރިތަކަށް ހާއްސަ ސްޓޯލްތަކާއި، އާޓިސްޓުންނަށް ވެސް ޚާއްސަ ސަރަހައްދެއް ޤާއިމްކުރާނެއެވެ. މީގެއިތުރުން ކެފޭއެއްގެ ޚިދުމަތާއި، 15 ވަރަކަށް މީހުންގެ ޖާގައިގެ ފިލްމު ބަލާލެވޭ މިނީ ސިނަމާއަކާއި އާރޓު ގެލެރީއެއްވެސް ހުންނާނެކަމަށް ބީސީސީން ބުނެއެވެ.

އެގޮތުން އެސްއެމްއީ ހަބްގެ ސްޓޯލްތަކުގައި ތަކެތި ވިއްކާ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކާއެކު އެއްބަސްވުންތައް ޤާއިމްކުރުމަށް ހަަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމުގައި ބީސީސީން ހާމަކުރެއެވެ.

އެސްއެމްއީ ހަބްގައި މުދާ ވިއްކުމަށް ބޭނުންވާ ކުދި ވިޔަފާރިތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް