ނ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފި އެވެ. އެމަނިކުފާނު އެ އަތޮޅުގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނު...

05 Jan 2022 | 16:19

ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު އެ އަތޮޅުގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނު އެވެ. މި ދަތުރުފުޅުގައި ރައިސް ވަޑައިގެންނެވީ ނ. މާފަރު، މަނަދޫ، ލަންދޫ، މަގޫދޫ އަދި ހޮޅުދޫއަށެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ނ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި އެ ބޭފުޅުން ވަނީ ރަށްރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އިތުރަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުކުރެއްވި ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވައި ލައްވައި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވަފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫ މިސްކިތާއި، ބަނދަރު ހުޅުއްވައިދެއްވައި، މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވައި، ހޮޅުދޫ ފުޓްބޯޅަދަނޑު ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

އެ މަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް