މޮރާޓާ ޔުވެންޓަސް ދޫކޮށް އެހެން ކުލަބަކަށް ނުދާނެ - އަލެގްރީ

މި ފަހަކަށް އައިސް ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ޔުވެންޓަސް ދޫކޮށް އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ސްޕެއިންގެ ބާސެލޯނާއަށް ބަދަލު ވާން އުޅޭ ވާހަކަ އަކީ މީޑިއާގަ...

05 Jan 2022 | 14:15

މި ފަހަކަށް އައިސް ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އޭނާގެ މިހާރުގެ ކުލަބު އިޓަލީގެ ޔުވެންޓަސް ދޫކޮށް އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ސްޕެއިންގެ ބާސެލޯނާއަށް ބަދަލު ވާން އުޅޭ ވާހަކަ އަކީ މީޑިއާގައި މިވަގުތު އެންމެ ގިނައިން ދެކެވެމުން އަންނަ އެއް ވާހަކައެވެ. އެގޮތުން ބާސެލޯނާއިން މިހާރު މޮރާޓާއާއި ވާހަކަދެކެވި، ބާސާއަށް ބަދަލުވުމާއި ދާދި ގާތަށް ގޮސްފައިވާ ކަމަށްވެސް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.

އެހެން ނަމަވެސް އެންމެ ފަހުން ޔުވެންޓަސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޓީމުގެ ހެޑް ކޯޗު މަސިމިލިއާނޯ އަލެގްރީ ވަނީ މޮރާޓާ ޔުވެންޓަސް ދޫކޮށް ބާސާއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.

ޔުވެންޓަސް މާދަމާރޭ ނަޕޮލީއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން އަލެގްރީ ބުނީ މޮރާޓާގެ ހާލަތު ވަރަށް ގާތުން ދެނެގަނެވިއްޖެ ކަމަށާއި އޭނާ ހުރީ ކުލަބު ދޫކޮށް ދާގޮތަކަށް ނޫންކަމަށެވެ. އަދި އަންނަ ސީޒަނުގައިވެސް މޮރާޓާ ފެނިގެން ދާނީ އޭނާގެ މިހާރުގެ ކުލަބު ޔުވެންޓަސްއިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

" އަހަރެން މޮރާޓާއާއި ވާހަދައްކައިފިން. އޭނާ ހުރީ ކުލަބު ދޫކޮށް ދާގޮތަކަށް ނޫން. އަންނަ ސީޒަނުގައިވެސް އޭނާ ހުންނާނީ އަހަރެމެންނާއި އެކު." އަލެގްރީ ބުންޏެވެ.

އުމުރުން 29 އަހަރުގެ މޮރާޓާ މިވަގުތު ޔުވެންޓަސްގައި ހުރީ އެތުލެޓިކޯ މެޑްރިޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓުގައިވާ ގޮތުން ޔުވެންޓަސްއިން ބޭނުންނަމަ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ލޯނު އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ އިތުރަށް ދައްކައިގެންނެވެ.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަގުގެ 22 ވަނަ ދުވަހު ލޯނު އުސޫލުން އެތްލެޓިކޯއިން ޔުވެންޓަސްއާއި ގުޅުނު ފޯވާޑް ވަނީ މިހާތަނަށް ޔުވެންޓަސްއަށް 67 މެޗު ކުޅެދީ 27 ގޯލް ޖަހައިދީފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް