އޭޑީކޭ ހޮސްޕިޓަލްގެ "ދުވާހިތުން" ޗެރިޓީ ރަން ފަށައިފި

އޭޑީކޭ ހޮސްޕިޓަލްގެ "ދުވާހިތުން" ރަން ފަށައިފިއެވެ. އެ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި އިވެންޓު ކުރިއަށްދަނީ ކުޅިވަރު އެކުވެނި ދުވާ ޓްރެކް ގައެވެ. މިއަދު ހެނދުނު ބޭއްވި ރަސްމިއް...

05 Jan 2022 | 07:13

އޭޑީކޭ ހޮސްޕިޓަލްގެ "ދުވާހިތުން" ރަން ފަށައިފިއެވެ.

އެ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި އިވެންޓު ކުރިއަށްދަނީ ކުޅިވަރު އެކުވެނި ދުވާ ޓްރެކް ގައެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އިވެންޓު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި ރަސްމިއްޔާތުގައި އޭޑީކޭ ގްރޫޕްސްގެ ޗެއަރމަން އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް އަދި އެ ހޮސްޕިޓަލާއި އޭޑީކޭ ގްރޫޕްސް ގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ދުވާހިތުން”، މި ޝިޢާރުގެ ދަށުން، އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ މި ޗެރިޓީ ރަން އޮންނާނީ މިއަދުން ފެށިގެން މާދަމާ (6 ޖަނަވަރީ) ދުވަހުގެ ރޭގަނޑު އަށެއް ޖެހުމާ ހަމައަށެވެ. މި ދުވުމުން ޗެރިޓީގެ ގޮތުގައި ލިބޭ ފައިސާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.

މިދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ވެސް މަދުވެގެން އެއް ކިލޯމީޓަރު ދުވަންޖެހޭ އިރު، ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާގެ ރޭޓުން ޗެރިޓީއަށް ހަދިޔާކުރާނެއެވެ. މި ފައިސާ ޓައިނީ ހާޓްސް އަށް ހަދިޔާ ކުރާނީ ްއޭޑީކޭ ހޮސްޕިޓަލުގެ ފަރާތުންނެވެ. މިދުވުން ކުރިއަށްދާ އިރު، ކޮންމެ ދުވަހެއްގެ ހަވީރު ހެލްތު ސްކްރީނިންގ އާއި ފަސްޓް އެއިޑްގެ ޚިދުމަތް ވެސް އެސަރަޙައްދުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މި ދުވުން ނިމޭ ގަޑީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާ 35 ވަނަ އަހަރީ ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އޮންނަ ލޯގޯ ލޯންޗް ކުރުމަށް ނިންމާފައިވާ އިރު، މި ދުވުމުގައި ލިބުނު ފައިސާ ރަމްޒީ ގޮތުން ހަވާލުކުރުން ވެސް އޮންނާނެއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރީ ވާންޖެހޭ އިރު، ރެޖިސްޓްރޭޝަންގެ ކަންކަން ދުވުން ފެށުމާއެކު އެކުވެނި ޓްރެކުގައި މިހާރުވަނީ ހަމަޖައްސާފައެވެ. ރަޖިސްޓްރީވުމުން ކޮންމެ ބައިވެރިއަކަށް ވެސް، އަތުގަ އަޅާ ބޭންޑެއް ލިބޭނެއެވެ.

“ދުވެ ނިމުނީމަ ކޮންމެ މީހަކު ވެސް ދުވި ވަރު ޔަޤީންކުރުމަށް ކައުންޓަރަށް އައިސް ބަލައިލެވޭނެ. އަދި ދުވުން ކުރިއަށްދާ ވަގުތުތަކުގައި ޚާއްސަ ލަކީ ޑްރޯއެއް ކޮންމެ 5 ގަޑިއިރަކުން، ކުރިއަށްދާނެ. 35 ގަޑިއިރު ތެރޭގައި 7 ފަރާތަކަށް ލަކީ ޑްރޯގެ ނަސީބު ލިބޭނެ. މިއިން ކޮންމެ ފަރާތަކަށް އޭޑީކޭ ސްޕޯޓްސް ޕެކޭޖެއް ހިލޭ ލިބޭނެ.” އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަފްޢާލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް