ސޫދާންގެ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން އައްޔަން ކުރާ މީހަކު ބަލައި ނުގަންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމެރިކާއިން ބުނެފި އެވެ.
އަސްކަރިއްޔާ އާއި ސަރުކާރަށް ދެކޮޅަށް ކުރަމުންދާ ވަރުގަދަ މުޒާހަރާތަކާއި ގުޅިގެން ސޫދާން ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ވަނީ އިސްތިއުފާދެއްވާފަ އެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު އަސްކަރިއްޔާއިން ގެނައި ބަޣާވާތަށް ފަހު އަލުން ހަމްދޫކާއި ވެރިކަން ހަވާލު ކުރީވެސް މުޒާހަރާތަކާއި ބޭރު ގައުމުތަކުގެ ފިއްތުންތަކާއި ގުޅިގެންނެވެ.
އެކަމަކު އޭނާ އިސްތިއުފާ ދިނުމުން އަސްކަރިއްޔާއިން ވަނީ ގައުމު ހިންގަން ދެން އައްޔަން ކުރާނީ އެމީހުން ބޭނުންވާ ބޮޑުވަޒީރެއް ކަން އިއުލާނުކޮށްފަ އެވެ. މިއާއި އެކު ދުނިޔޭގެ ގައުމުތަކާއި އދ. އިން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.
އެމެރިކާ އާއި އީޔޫއިން ބުނީ އެމީހުން ބަލައިގެންނާނީ ރައްޔިތުން ހިމެނޭހެން ސިޔާސީ ޕާޓީތައް ބައިވެރިވެގެން އައްޔަން ކުރާ ބޮޑުވަޒީރަކާއި ސަރުކާރެއް ކަމަށެވެ. އަދި މި ނޫންގޮތަށް އަސްކަރިއްޔާއިން އަމަލު ކުރާނަމަ އެއީ ސޫދާންގެ މަޝްރަހު އިތުރަށް ގޯސްކުރުމަށް ސިފައިން އަޅާ ފިޔަވަޅަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.
ސޫދާން ސިފައިން މިދިޔަ އޮކްޓޯބަރު މަހު ގެނައި ބަޣާވާތާއި ގުޅިގެން ފެށުނު ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ. މުޒާހަރާ ކުރާ މީހުން ޑިމާންޑު ކުރަމުންދަނީ ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރެއް އުފެއްދުމަށެވެ.
ހަމްދޫކް ވެރިކަމަށް ގެނައީ 2019 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް އުމަރު ބަޝީރުގެ ވެރިކަން ސިފައިން ބަޣާވާތްކޮށް ވައްޓާލުމަށް ފަހު އެކުލަވާލި އިންތިގާލީ ސަރުކާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް