ރޮމެލޫ ލުކާކޫ ޗެލްސީގެ ސަޕޯޓަރުންނާއި ކުލަބުގެ ކިބައިން މައާފަށް އެދިއްޖެއެވެ.
ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެކޯޑް ފީއެއް ކަމުގައިވާ 97.5 މިލިއަން ޕައުންޑްގެ އަގަކަށް އިޓަލީގެ އިންޓަ މިލާނުންް ޗެލްސީއަށް ބަދަލުވި ލުކާކޫ މަޢާފަށް އެދިފައިވަނީ މީގެ ތިން ހަފްތާއެއްހާ ދުވަސް ކުރިން ކުލަބާއި މެދު ހިންހަމަ ނުޖެހުން ފާޅުކޮށް ކުރީގެ ކުލަބު އިންޓަ މިލާނަށް ބަދަލުވާން ބޭނުން ކަމަށް ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ދެކެވުނު ވާހަތަކާއި ގުޅިގެންނެވެ.
ސަޕޯޓަރުންނާއި ކުލަބުގެ ކިބައިން މަޢާފަށް އެދި ލުކާކޫ ބަޔާނެއް ނެރެފައިވާއިރު، މި ބަޔާނުގައި އޭނާ ބުނެފައިވަނީ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއާއި ގުޅިގެން ކުލަބުގެ ސަޕޯޓަރުންނާއި ކުލަބުގެ މެނޭޖްމަންޓުގެ އިތުރުން ކުލަބުގެ ކުޅުންތެރިންނަށް މާޔޫސްކަން ލިބޭފަދަ ވާހަކަތަކެއް ދެއްކުނީތީ އެކަމަށް މަޢާފަށް އެދޭކަމަށެވެ. އަދި މިހާރުގެ ކުލަބު ޗެލްސީ ދޫކޮށް އެހެން ކުލަބަކަށް ދިއުމުގެ ވިސްނުން ނެތް ކަމަށާއި ބޭނުން ވަނީ ޗެލްސީއާއި އެކު ކުރިޔަށް ދާން ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެވެ.
" އަހަރެން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ކުލަބުގެ ސަޕޯޓަރުންނާއި ކުލަބުގެ ކުޅުންތެރިންގެ އިތުރުން ކުލަބުގެ މެނޭޖްމަންޓަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނު. އެކަން އަހަރެންނަށް އެނގޭ. އެހެން ކަމުން ކުލަބުގެ ސަޕޯޓަރުންނާއި ކުލަބުގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން. ބޭނުން ވަނީ މިހާރުގެ ކުލަބާއި އެކު ކުރިޔަށް ދާން." ލުކާކޫގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޓަވިއުގައި ދެކެވުނު ވާހަކަތަކަށް އިޢުތިރާފުވެ މަޢާފަށް އެދުނު ނަމަވެސް ކުލަބުގެ އުސޫލު އޮންނަ ގޮތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ލުކާކޫގެ އެއް ހަތްފާ މުސާރަ އުނިކުރާނެ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
ސްކައި ސްޕޯޓަސްއަށް ދިން އިންޓަވިއުގައި ލުކާކޫ ދެއްކި ވާހަކަތަކާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގެ ސްކޮޑުގައި ލުކާކޫ ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ މަޢާފަށް އެދުމުން އިނގިރޭސި އެފްއޭ ކަޕުގައި ޗެލްސީން ޗެސްޓާފީލްޑާ ދެކޮޅަށް ކުޅޭ މެޗަށް ލުކާކޫ ސްކޮޑުގައި ހިމަނާނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް