ސޯޝަލް ސެންޓަރުން ކޮވިޑް-19އަށް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސޯޝަލް ސެންޓަރުން ސާމްޕަލް ނަގާނީ ހޮނިހިރުން ފެށިގެން ބުދަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު ނިވަޔަކުން މެންދުރު ބާރަ އަށް ކަމަށެވެ. އަދި މެންދުރު ތިނަކުން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ކަމަށެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހު ސާމްޕަލް ހެނދުނު ނުވަޔަކުން މެންދުރު ބާރަ ޖަހަންދެން އަދި ހުކުރު ދުވަހު މެންދުރުފަހު ތިނަކުން އިރުއޮއްސި ހައެއް ޖަހަންދެން ސާމްޕަލް ނަގާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ ސޯޝަލް ސެންޓަރުގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުންހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ވެސް ހެނދުނު ދިހަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެން އަދި ހުކުރު ދުވަހު މެންދުރުފަހު ދޭކުން ރޭގަނޑު ދިހައެއް ޖަަހަންދެން ވެސް ސާމްޕަލް ނަގާނެ ކަމަށެވެ. އަދި ވިލިމާލޭގައި ސާމްޕަލް ނަގާނީ ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން އިރުއޮއްސި 18:30 އަށްކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލްތައް ނަގަނީ ސެނަހިޔާ، ސޯޝަލް ސެންޓަރާއި އަދި ވިލިމާލޭ ފްލޫ ކްލިނިކުންނެވެ.
ކޮވިޑް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފައި މިވަނީ ރާއްޖޭގައި ކޮވިޑު ކޭސްތައް މަދުވުމަށް ފަހު، އަނެއްކާ ވެސް އިތުރުވަމުންދާ ދުވަސްވަރެއްގައެވެ.
އެގޮތުން ފާއިތުވި ދެ ދުވަހު ވެސް ޕޮޒިޓިވް ކޭސްތައް ހުރީ ދުއިސައްތައިން މަތީގައެވެ.
ޕޮޒިޓިވް ކޭސްތައް އިތުރުވަމުން މިއަންނަނީ މި ދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށްވެފައި، އަތޮޅުތަކުގެ ގިނަ ބަޔަކު ވެސް މާލެ އަށް އައުމެވެ. އަދި އައު އަހަރު ފާހަގަކުރުމަށް ބޭއްވި މިއުޒިކް ޝޯވ ބެލުމަށް ވެސް ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ، މަސްހުނިވެފައިވާ އިރު، މިހާރުކުރިއަށްދާ ނައިޓް މާކެޓުގައި ވެސް ގިނަ މީހުން އުޅެނީ އެޗްޕީއޭ ގެ ގައިޑްލައިނާ ޚިލާފަށް ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް