މާލޭއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި މާލެއަށް ދަތުރު ކުރަމުން އައި ސީއެމްބިއުލާންސެއް އެކްސިޑެންޓުވެ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓުވި ސީއެމްބިއުލާންސް މާލެ އައީ މ. މުލިން ބަލި މީހަކު ގޮވައިގެންނެވެ. އެކްސިޑެންޓުވި އަނެއް ލޯންޗަކީ "ޑްރީމް" ނަމަކަށް ކިޔާ މާލެ އާއި ފ. ފީއަލީ އާއި ދެމެދު ދަތުރު ކުރާ ލޯންޗެކެވެ.
މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑަށް ކޮށްފައިވަނީ ރޭ ދަންވަރު 1:00 ގައި އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ އިތާފުށި ރިސޯޓު ކައިރީ ކަނޑުމަތިންނެވެ.
އެމްއެންޑީއެފުން ބުނީ އެކްސިޑެންޓުވި އިރު ސީއެމްބިއުލާންސްގައި އަށް މީހުން އަދި ޑްރީމް ލޯންޗުގައި ދެ މީހުން ތިއްބެވެ. އޭގެ ތެރެއިން އަނިޔާވެފައިވަނީ ސީއެމްބިއުލާންސްގައި ތިބި ދެމީހަކަށެވެ.
އަނިޔާވި މީހުންގެ ތެރޭގައި ސީއެމްބިއުލާންސްގެ ކެޕްޓަން ހިމެނެ އެވެ. އަނިޔާވި މީހުން މާލެ ގެނެސް އައިޖީއެމްއެޗުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓުގައި ސީއެމްބިއުލާންސްއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.
މި ހާދިސާ އެމްއެންޑީއެފުން ގެންދަނީ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް