ޒުވާންކަންމަތީ ދެމިހުރުމަށް ބޭނުންނުވާ އެކަކުވެސް ނޫޅޭނެކަން ޔަޤީނެވެ. އެގޮތުން ހަންގަނޑުން ރޫފިލާ ޒުވާންކަންމަތީ ހުރުމަށް ވިޓަމިން ސީ އަކީ ވަރަށް މުހިންމު މާއްދާއެއްކަން ދިރާސާތަކުން ދައްކައެވެ. އަދި ވިޓަމިން ސީ އޭ ބުނުމުން އަހަރެމެންނަށް އަބަދުވެސް ސިފަވަނީ ލިނބޯ ނުވަތަ އޮރެންޖެވެ. އެހެން ނަމަވެސް މިފަހަރުގެ ދިރާސާއިން ދައްކާގޮތުގައި ފޭރަކީ އޮރެންޖުގައި ހިމެނޭ މިންވަރަށްވުރެންވެސް އިތުރަށް ވިޓަމިން ސީ ހިމެނޭ މޭވާއެކެވެ.
ފޭރުގައި ވިޓަމިން ސީގެ އިތުރުން ތަފާތު އެހެން ފައިދާތައްވެސް ހިމެނެއެވެ. އެގޮތުން ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން އިމިޔުން ސިސްޓަމް ވަރުގަދަކުރުމަށާއި އަދި ހަންގަނޑު އޮމާންކަންމަތީގައި ބަހައްޓައިދެއެވެ. އެގޮތުން ފޭރުން ލިބޭ ފައިދާތަކަށް ބަލައިލަމާ ހިނގާށެވެ.
ހިތުގެ ބަލިތަކަށް ފަރުވާއެއް
ފޭރުގައި ގިނަ އަދަދެއްގެ ވިޓަމިންސްއާއި އަދި އެންޓިއޮކްސިޑެންޓްސް އެކުލެވުމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. މީގެ އިތުރުން ފޭރަކީ އޭގައި ގިނަ އަދަދެއްގެ ފައިބާ އަދި ޕޮޓޭސިއަމްވެސް ހިމެނޭ ބާވަތެކެވެ. ފޭރު ފަތަކީވެސް ހަމަ އެހާމެ ފައިދާހުރި އެއްޗެކެވެ. އެގޮތުން ފޭރުފަތް ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ބޭކާރު ކޮލެސްޓްރޯލްތައް ނައްތާލައެވެ.
ހަކުރު ދައްކޮށްދިނުން
އާންމުގޮތެއްގައި ފޭރު ކާނަމަ ހަށިގަނޑުގެ ހަކުރުގެ މިންވަރު އެއް މިންގަނޑެއްގައި ހިފަހައްޓައިދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފޭރާއި ފޭރުފަތް ބޭނުންކުރުމުގެ ސަބަބުން އިންސިއުލިންއާއި އަދި ހަކުރު ހުންނަ މިންވަރު އެއް މިންގަނޑެއްގައި ހިފަހައްޓައިދެއެވެ.
މައްސަރު ކަންތަކަށް އެހީއެއް
ދިރާސާތަކުން ދައްކާގޮތުގައި މައްސަރުކަންތައް ދިމާވުމުން ބަނޑުގައި ރިއްސާ ރިއްސުމަށް ފޭރުފަތުގެ ދިޔަ ބޭނުންކުރުމުން ރިހުން ކެނޑިގެން ދެއެވެ. އެހެންކަމުން ޕެއިންކިލާ އެއްގެ ބަދަލުގައި ފޭރުފަތް މިކަމުގައި ބޭނުންކުރެވިދާނެއެވެ.
ބަނޑުގެ ބަލިތަކަށް
ފޭރުގައި ހުންނަ ސޮލިއުބުލް ފައިބާއެއްގެ ސަބަބުން ބަނޑުގެ ތަފާތު މައްސަލަތައް ދިމާވާނަމަ ފޭރު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ބަނޑު ދިޔާވުމަށާއި އަދި ބަނޑު ހިކުން ފަދަ ބަލިތަކަށްވެސް ފޭރުން ފަރުވާ ލިބެއެބެ.
ބަރުދަން ލުއިކުރުމަށް
ފޭރަކީ އޭގައި ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ފައިބާ ގިނަ އަދަދަކަށް ލިއްބައިދޭ މޭވާއަކަށް ވުމުން, ގަވާއިދުން ފޭރު ކާނަމަ ބަރުދަން އެއް މިންގަނޑެއްގައި ހިފެހައްޓައިދިނުމަށް އެހީތެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް