ސިލްސިލާ ވާހަކަ: ޒާރާ- ފަސްދޮޅަސް ދެވަނަބައި

ފޯނު ކެނޑުނުތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އާދިލްގެ ޖީބުގައިވާ ފޯނުގެ ރިންގު އަޑުން ތަނުގައިވާ ހަމަހިމޭންކަން ފުޑުފުޑުކޮއްލައިފިއެވެ. ''ހަލޯ........'' އާދިލް ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިމްރާ...

05 Jan 2021 | 04:27

ފޯނު ކެނޑުނުތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އާދިލްގެ ޖީބުގައިވާ ފޯނުގެ ރިންގު އަޑުން ތަނުގައިވާ ހަމަހިމޭންކަން ފުޑުފުޑުކޮއްލައިފިއެވެ.

''ހަލޯ........'' އާދިލް ފޯނު ކަންފަތުގައި ޖައްސާލުމާއެކު އިމްރާންގެ އަޑު އައެވެ.

''ކޮބާ .......... ހަވާލުކުރެވިއްޖެ ދޯ......... ވައިފް ވަރަށް ކަންބޮޑުވެފަ ހުރީ ............ އެކަނި އުޅޭތީ .......... މިހާރު މާލޭގެ ކަންތައްތައް ހުންނަގޮތުން ބިރުގަންނާނެދޯ އަންހެނަކު އެކަނި ހުރެފަ ގޭގެ ދޮރު ހުޅުވަންވެސް..........އެހެންވެ ހުޅުވަން ނުކެރިފަހުއްޓަ ބޭރުގަ އިއްބެހުރި ވާހަކަ ބުނީމަ އެ ހުޅުވީވެސް........ދިމާވި ދޯ.......ޒާރާ ވަރަށް ލަދުންދޯ ހުރީ......... އެއީ އޭނާގެ މިޒާޖު........ އަލައް ފެނުނީމަ ވެދާނެ ދޯ އެހެން.......... އެކަމު ފަހުން ރަނގަޅުވާނެ..........ޒާރާއަށް ވެސް ގުޅައިފިން ......... ފޯނު ނުނެގީމަ އިއްބެއަށް މި ގުޅީ.......... ވެދާނެ ކުޑަމީހާ ހޭލީމަ ބިޒީވެގެން ފޯނު ނުނެގުނީ ކަމަށްވެސް..............'' އިމްރާން ވާހަކަދައްކަމުން ދިޔައެވެ. އާދިލްއަށް އެ ދައްކާ ވާހަކަ އަޑުއިވޭހެނެއް ހިޔެއް ނުވެއެވެ. އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ކުރިމަތީ ހުރި ޒާރާގެ މޫނަށް ހުއްޓިފައިވާ އޭނާގެ ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ.

އާދިލް އަތުން ފޯނު ދޫވެގެން ވެއްޓުނު އަޑަށް ޒާރާ ސިހުނެވެ. އޭރު އާދިލް އަރިއަޅާލައިފިއެވެ. އާދިލްގެ ދެއަތުންވަނީ ބޮލުގައި ހިފަހައްޓާލާފައެވެ.

''އާދިލް.............'' ޒާރާއަށް ބޭއިޚްތިޔާރުގައި އާދިލްގެ ނަން ކިޔާލެވުނެވެ. ކުރިއަށް ޖެހިލާ އާދިލްގެ ހަށިގަނޑުގައި ހިފަހައްޓާލީ ވެއްޓުނަނުނީ ސަލާމަތް ކުރެވޭތޯއެވެ. އެހެންނަމަވެސް ޒާރާއަކަށް އާދިލް ހިފަހައްޓައެއް ނުލެވުނެވެ. އާދިލްގެ ވަރު ދޫވެފައިވާ ހަށިގަނޑާއެކު ޒާރާވެސް އަރިއަޅާލައިފިއެވެ. ނަތީޖާއަކަށްވީ އަމިއްލަ ކޮންޓްރޯލް ގެއްލި، ވެއްޓެމުންދިޔަ އާދިލްއާއެކު ޒާރާވެސް ވެއްޓުމެވެ.

ވެއްޓުނުގޮތުން އާދިލްގެ ބޯއަޅާލެވިފައި އޮތީ ޒާރާގެ ފައިމަތީގައެވެ. ޒާރާ މަޑުމަޑުން ތެދުވިއެވެ. އޭނާގެ ފައިމަތީގައި ބޯއަޅާލައިގެން އޮތް އާދިލްގެ މޫނަށް ނަޒަރު ހުއްޓާލެވުނީ ޒާރާގެ އަމިއްލަ އިޚްތިޔާރެއް ނެތިއެވެ. މީގެ އެތައް އަހަރުތަކެއްގެ ކުރީގައިވެސް ހަމަ އެގޮތަށް ޒާރާގެ އުނގުމަތީގައި ބޯއަޅާލައިގެން އާދިލް އޮތެވެ. އެހެންނަމަ ވެސް އެދުވަހާ މިއަދާ ވަރަށް ތަފާތެވެ. އޭރު އާދިލް އޮންނަކީ އޭނާގެ ރީތި ދެލޮލުން ޒާރާގެ މޫނަށް ބަލާށެވެ. އެހެން އޮވެގެން ޒާރާގެ ރީތިކަމަށް އޭނާ ތަޢުރީފު ކުރެއެވެ. ޒާރާ ލަދުގަންނަ ވަރަށެވެ.

ޒާރާ ހާސްވާންފެށީ އާދިލްގެ އެއްވެސް ހަރަކާތެއް ނެތްކަން އިހްސާސް ވުމުންނެވެ. ކަންބޮޑުވެފައިވާ ވަރުން ހަދާނެ ގޮތެއްވެސް ވިސްނުމަކަށް ނައެވެ. އާދިލްއަށް އެހީތެރުވުމަކީ މިވަގުތު ޒާރާގެ ޒިންމާއެކެވެ. ކުރީގެ ލޯބިވެރިޔާ ކަމުގައި ވީތީއެއް ނޫނެވެ. އިންސާނިއްޔަތަށްޓަކައެވެ.

ޒާރާ ބޭނުންވީ އޭނާގެ ފައިމަތީގައިވާ އާދިލްގެ ބޯ އުފުއްލާލުމަށްފަހު ފައި ނަގާށެވެ. އަދި އާދިލް ރީތިކޮއް ޓައިލްސް މަތީގައި ބާއްވާށެވެ. އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްކަމުގައި އޭނާއަށް ގަބޫލު ކުރެވުނެވެ.

އާދިލްގެ ބޯދަށަށް ދެއަތްތިލަ ލެއްވުމަށްފަހު އުފުލާލިއެވެ. އެވަގުތު ޒާރާގެ އަތް ބީހިލީ އާދިލްގެ ބޮލުގެ ފުއްކިބައިން ފެށިގެން އެއް އަރިމައްޗަށް ދެމިގެން ގޮސްފައިވާ ދިގު ލަކުނުގައެވެ. އިސްތަށިގަނޑުން ރަނގޅަށް ނިވާނުވެ އިން އެ ލަކުނަށް ޒާރާގެ ނަޒަރު ހުއްޓުނެވެ. އެ ލަކުނުގައި މަޑުމަޑުން ފިރުމާލެވުނީ ކީއްވެކަމެއް ޚުދު ޒާރާއަކަށްވެސް ނޭގެއެވެ.

އާދިލްގެ ބޯ ޓައިލްސް މަތީގައި މަޑުމަޑުން ބޭއްވުމަށްފަހު ވިންދު ބަލާލިއެވެ. އެއް އަރިއަކަށް އާދިލް ބާއްވާލުމަށްފަހު ޒާރާ އަވަސްވެގަތީ އާދިލް މޫނުގައި ފެން އުނގުޅުމަށެވެ. އެތެރެއަށްވަދެ ފެންތައްޓެއް ހިފައިގެން ނިކުމެ އާދިލް ކައިރީގައި ކުޑަކަކޫ ޖަހާލައިގެން އިށީނެވެ. އަތްގޮއްޓަށް ފެންފޮދެއް އަޅާލުމަށްފަހު ތުރުތުރު އަޅަމުންދިޔަ އިނގިލިތަކުން އާދިލްގެ މޫނުގައި ފެން އުނގުޅާލިއެވެ. އެ މޫނުގައި ޒާރާގެ އިނގިލިތައް ބީހެމުން ދިޔައިރު ބުނެދޭން ނޭގޭކަހަލަ ތަފާތު އިހްސާސެއްކުރެވުނުހެން ޒާރާއަށް ހީވިއެވެ. ނުވަތަ އެއީ އޭނާއަށް ކުރެވުނު ކުށް ހީއެކެވެ.

ދެތިން ފަހަރަކު ފެން އުނގުޅާލިފަހުން އާދިލް ލޯ ހުޅުވާލިއެވެ. އޭނާއަށް އޮވެވުނީ ކޮންތަނެއްގައި ކަން ދެނެގަތުމަށް ސިކުންތުކޮޅެއް ހޭދަވިއެވެ.

އާދިލް ލޯ ހުޅުވާލިތަން ފެނުމުން ޒާރާ ކޮޅަށް ތެދުވިއެވެ. އާދިލްވެސް މަޑުމަޑުން ތެދުވެ ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީދެލިއެވެ. ބޮލުގައި ރިއްސާލެއް ގަދަކަމުން ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

އެވަގުތު ލިފްޓް ހުޅުވުނު އަޑަށް ދެމީހުނަށްވެސް ސިހުން ލިބުނެވެ. ކާއެއްޗިހި ހިފައިގެން މައިދައިތަ އައީއެވެ. މައިދައިތަ އާއި ޖީނާ ލިފްޓުން ނިކުތްތަން ފެނުމުން ޒާރާގެ ހިތުގެ ވިންދު އަވަސްވިއެވެ. އާދިލް އެގޮތަށް އެތަނުގައި އިންދާ މައިދައިތައަށް ފެނުމުން ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ.

''އައްދެ..... އިއްބެ......... ކިހިނެތްވެފަ ޓައިލްސްމަތީގަ ތީނީ............ މިއޮތީ ކޮން ކަރުދާސްތަކެއް ............. ކިހިނެތްވީ ދަރިފުޅާ...................'' ސަރީފާގެ ފަހުސުވާލު އަމާޒުވީ ޒާރާއަށެވެ.

''މޫނުމައްޗަށް………  އަނދިރިވާގޮތްވީ...............'' ޖަވާބު ދިނީ އާދިލް އެވެ.

''އެހެންތަ ............. ހާދަ ދެރަގޮތެކޭ ތި ވީ............. ދަރިފުޅު އިއްބެ އެތެރެއަށް ވައްދަބަލަ...... '' ސަރީފާ ބަލާލީ ބުދެއްހެން އެއްވެސް ހަރަކާތެއް ނެތި، ކޮޅަށްހުރި ޒާރާއަށެވެ.

''މިހާރު ކިހިނެތް...............'' އާދިލް ކޮނޑުގައި އަތް ޖައްސާލަމުން ސަރީފާ ސުވާލު ކުރިއެވެ.

ރަނގަޅު............ '' ލޯ މަރާލައިގެން އިނދެ އާދިލް ޖަވާބު ދިނެވެ. އާދިލް ގަސްދުގައި ދޮގުހެދީއެވެ. އޭނާ ބޭނުމީ އެތަނުން ދާށެވެ. ޒާރާގެ މޫނު ފެންނަ ހިސާބުގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ޒާރާ އަކީ އިމްރާންގެ އަންހެނުންކަން އެނގުނުވަގުތުން ފެށިގެން ޒާރާގެ ސޫރަ ދެކެންވެސް އާދިލް ބޭނުމެއް ނޫނެވެ.

ޒާރާ އާދިލް އަށް އޮޅުވާލައިފިއެވެ. ކެހި ދީފިއެވެ. ލޯބިވާ ކަމަށްބުނެ ވީ ވަޢުދުތަކަކީ ދެއްކީ ކެހިވެރި ކުލަވަރެއްކަން މިހާރު އާދިލްއަށް ޔަގީން ވެއްޖެއެވެ. އެހާ ލޯބިން އާދިލްއާ އެކު ދުވަސްތައް ހޭދަކުރި ޒާރާ އެގޮތަށް އާދިލް ބާކީކޮށް އެއްލާލާނެ ކަމަށް ދުވަހަކުވެސް އާދިލަށް ހީކުރެވިފައެއް ނެތެވެ.

ކުރިއްސުރެވެސް ފާރުވެފައިވާ އާދިލްގެ ހިތަށް ތަދުވެއްޖެއެވެ. އެ ހިތް ވަނީ ޒަޚަމް ވެފައެވެ. ދުވަހަކުވެސް ރަނގަޅުނުވާވަރަށެވެ. ޒާރާގެ ޚަބަރެއްނުވެ ހޭދަވީ ދުވަސްތަކަށްވުރެ ބޮޑަށް އެ ހިތުގައި މިހާރު ރިއްސަން ފަށައިފިއެވެ. ގިރިޓީ ލޯތްބެއްގެ ހިތި ރަހަ ނިކަން ރަނގަޅަށް އަރުގައި ލައިފިއެވެ. އެ ލޯބީގެ ހޫނުން އާދިލް ފިހި ހަނާވަމުން ދަނީއެވެ.

''އިއްބެ..............'' އާދިލްގެ ކޮނޑުގައި ސަރީފާ އަތް ޖައްސާލަމުން ދަވަނަފަހަރަށްވެސް ގޮވާލިއެވެ. އާދިލް ލޯމަރާލައިގެން އިނީ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ބޭރުވިޔަ ނުދިނުމަށްޓަކައެވެ. އެހެންނަމަވެސް އޭނާއަށް މަޖުބޫރުވީ ލޯ ހުޅުވާލާށެވެ. ލޯ ހުޅުވާލުމާއެކު ކަރުނައިގެ ދެތިން ތިކި ލޮލާ އަލްވަދާޢު ކީ މަންޒަރު ކުރިމަތީގައި އާދިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބި އެކަކަށްވެސް ސިއްރެއްނުވިއެވެ.

ޒާރާ ހުރީ އާދިލްގެ މޫނަށް ބަލަން ކަމުގައި ވިޔަސް، އާދިލްއަށް އެއްވެސް ފަރުވާލެއް ނެތެވެ. ޒާރާއާ ހަރަރުކަޅި ހަމަކުރާކަށް އާދިލް ދެން ބޭނުމެއް ނޫނެވެ.

އާދިލް ހިތްވަރުކޮއްފައި ކޮޅަށް ތެދުވިއެވެ.  ބޮލުގައި ގަދަޔަށް ރިއްސަމުންދިޔަ ކަމުގައިވިޔަސް އާދިލް ބޭނުންވީ އެތަނުން ނިކުމެގެން ދާށެވެ.

އުޅޭ އެތެރެއަށް ވަންނަން .......... ކުޑަކޮށް އަރާމު ކޮއްލީމަ ހަމަޔަކަށް އެޅިދާނެ........ އާދޭ  އިއްބޭ........'' ސަރީފާ ދޮރު ހުޅުވާލަ ދިނީ އާދިލް ވަނުމަށެވެ.

''ނޫނޭ.........މިހާރު ދެން ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ..........ދަނީ........'' ތެދުވެ ލިފްޓާ ދިމާލަށް އެނބުރިލަމުން އާދިލް ހިނގައިގަތެވެ. އެއްވެސް މީހެއްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތިއެވެ.  ސަރީފާ ހީކުރީ ބޮލަށް އެނބުރުން އެރުމުގެ ސަބަބުން އާދިލްގެ މޫޑު ގޯސްވެފައި ހުރީކަމަށެވެ.

އާދިލް ހިނގައްޖެއެވެ. އާދިލްއަށް ކޮށްފައިވާ އަސަރާއި ހިނގާ ދިޔަ ހުރިހާކަމެއް އެނގެނީ ހަމައެކަނި ޒާރާއަށެވެ. އެތެރެއަށް ވަނުމަށްފަހު ޒާރާ ބޭނުންވީ އެކަނިވެލާށެވެ. އެހެންނަމަވެސް މައިދައިތަ ހުއްޓާ ކޮޓަރިއަށްވަދެ ދޮރުލެއްޕުން ރަނގަޅެއްނުވާނެކަން ޒާރާއަށް އެނގެއެވެ.

ޒާރާގެ މޫނުމަތީގައިވާ އުފާވެރިކަން ވަނީ ގެއްލިފައެވެ. ޒާރާއަށް އައިސްފައިވާ ބަދަލު މައިތައިދައަކަށް ސިއްރެއް ނުވިއެވެ.

''ދަރިފުޅު ބަލީތަ.......... '' ސޯފާގައި އިށީދެއިން ޒާރާގެ ބޮލުގައި ސަރީފާ ފިރުމާލީ ނުހަނު ލޯބިންނެވެ.

--------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 07 ޖަނަވަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް