އިންތިހާބު އަވަސް ކުރަން ގާނޫނަށް އިސްލާހު ގެންނަން ތައްޔާރު: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުން އަވަސް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު...

05 Jan 2021 | 03:32

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުން އަވަސް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިއްޔެ އަނެއްކާވެސް އިތުރު ކުރުމުން ކަނޑައަޅާފައިވާ ތާރީހުގައި ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެއްސި އިންތިހާބު ކުއްލި ހާލަތާއި ގުޅިގެން ފަސް ކުރަން ޖެހުމުން އަލން ބާއްވަން ތާވަލު ކޮށްފައި އޮތީ މިއަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ. އަދި މިކަމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް އެކަން ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވުމުން ދޭހަވަނީ އިންތިހާބު އަވަސް ކުރުމަށް ދައުރުން ބޭރުގައި ޖަލްސާ ބާއްވާ ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ފެށުމާއިި މެދު އެމަނިކުފާނުގެ އިއުތިރާޒެއް ނެތް ކަމެވެ.

https://twitter.com/MohamedNasheed/status/1346168307662028800

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އިންތިހާބު ބޭއްވޭނީ މިދިޔަ އަހަރު އިިސްލާހު ގެނައި އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި އެ ގާނޫނު ވީހާވެސް އަވަހަކަށް އިސްލާހު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެ އެވެ.

އިދިކޮޅު ޕީއެންސީީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މީގެ ކުރިން ވިދާޅުވީ އިންތިހާބު އަވަސް ކުރަން ބޭނުން ނަމަ އެ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދު ހުރަސް ނާޅާ ކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

މަޖިލީސް މިވަގުތު ޗުއްޓީގައި އޮތް އިރު ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އެވެ. އެހެން ކަމުން އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އަވަހަށް އިސްލާހު ގެންނަން ބޭނުން ނަމަ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް