ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ދުންޔާ މައުމޫން!

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ. އެ މަގާމަށް ދުންޔާ އައްޔަން ކުރެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ޔަ...

05 Jan 2017 | 08:47

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.

އެ މަގާމަށް ދުންޔާ އައްޔަން ކުރެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ޔަގީންކޮށްދެއްވާފައި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައި އެއް ނުވެ އެވެ. ރައީސް އޮފީހުންވެސް ވަނީ ދުންޔާ އެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަން ހާމަކޮށްފައި އެވެ.

https://twitter.com/SpokespersonMV/status/816924462633230336

ދުންޔާ ފޮރިން މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވީ 2016 ޖުލައި 5 ގައި އެވެ.  މަގާމުން އިސްތިއުފާދެއްވީ ސަރުކާރުގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށާއި ހާއްސަކޮށް މަރުގެ ހުކުމް ތަންފީޒު ކުރަން ފެށުމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށް އޭރު ދުންޔާ ވިދާޅުވި އެވެ.

އިސްތިއުފާދެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނިންމުންތަކަށް ފާޅުގައި ގެންދެވީ ފާޑުވިދާޅުވަމުންނެވެ. އަދި ދެބައިވެފައިވާ ޕީޕީއެމްގައި ދުންޔާ ތާއީދު ކުރައްވަމުން ގެންދެވީވެސް އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައިސް މައުމޫނަށެވެ.

ކުއްލި ގޮތަކަށް ދުންޔާ ރައީސް ޔާމީން ސަރުކާރުގެ މަގާމަކާއި ހަވާލުވެވަޑައިގެންނެވި ސަބަބެއް ނޭނގޭއިރު ޔުމްނާ މައުމޫން ވަނީ އެކަމަނާ ހުންނެވީ ބައްޕާފުޅުގެ ފަހަތްޕުޅުގައިކަން ހާމަކޮށްދެއްވުމުގެ ގޮތުން ޓުވީޓެއް ކުރައްވާފައި އެވެ. އެ ޓުވީޓުގައި ވިދާޅުވެފައިވަނީ ދުންޔާގެ އެ ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

"ދުންޔާ އެ ނިންމެވީ އަމިއްލަ ނިންމެވުމެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ހުންނާނީ ސާބިތުކަމާއި އެކު ރައީސް މައުމޫންގެ އަރިހުގައި ހައްގުގެ މަގުގައި،" ޔުމްނާ ވިދާޅުވެފައިވެ އެވެ.

https://twitter.com/yumna_maumoon/status/816929407789133829

ރައިސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ގައްސާން މައުމޫން އަދިވެސް ހުންނެވީ ރައިސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އެވެ. އަދި ގައްސާން ގެންދަވަނީ ރައިސް ޔާމީން ފެކްޝަނުން ބާއްވާ ޕީޕީއެމްގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް