މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް އާއެކު ހަދާފައިވާ އެއްބެސްވުން ބޯޑަށް ހުށަހެޅިފައިނުވާކަމަށާއި އެ އެއްބަސްވުން ބޯޑުން ފާސްކޮށްފައިވެސް ނުވާކަމުގައި އެމްޕީއެލް އިން ބުނެފި އެވެ.
އެމްޕީއެލްއިން މިހެން ބުނެފައިވަނީ "މިހާރު" ނޫހުގައި 4 ޖެނުއަރީ 2017 ވަނަ ދުވަހު " މެރީޑިއަމާ އެކު ބާތިލް އެއްބަސްވުމެއް، އެ މައްސަލަ އިސްތިއުނާފް ކުރާނަން: އެމްޕީއެލް" މި ސުރުޚީގެ ދަށުން ޝާއިއުކުރި އާޓިކަލް އަށް މެރީޑިއަމްގެ އޮފިޝަލެއް ދައްކަވާފައިވާ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކާއި ގުޅޭގޮތުން އެމްޕީއެލްއިން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
"އެ އާޓިކަލްގައި " އެ އެއްބަސްވުން ހެދީ އެމްޕީއެލްގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ފާސްކޮށްގެންނެވެ." މި ފަދައިން އޮތް ނަމަވެސް މިއަދާއި ހަމައަށްވެސް މިކަމާއި ގުޅޭގޮތުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް އެޖެންޑާކުރެވި އަދި ހުށަހެޅިފައެއްވެސް ނުވެއެވެ. ވަކިން ޚާއްސަކޮށް މި ކުންފުނީގެ މިހާރުގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު 5 ޑިސެމްބަރ 2013 އިން 10 އޮކްޓޫބަރ 2015 އަށް މި ކުންފުނީގެ ޗެއާރމަން ކަމުގައި ހުންނެވި ދުވަސްވަރު ބޭއްވުނު އެއްވެސް ބޯޑު ބައްދަލުވުމެއްގައި (ބައްދަލުވުން ނަމްބަރު 104 އިން 125 އަށް) މިފަދަ ކަމެއް ހުށަހެޅި އަދި މަޝްވަރާ ކޮށްފައެއް ވެސް ނުވެއެވެ. އަދި މެރީޑިއަމް ސާވިސަސް އާއި އެކު ހަދާފައިވާ އެއްބަސްވުން އޭރު ހަދާފައި ވަނީ 'ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތްހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާޢިދުގެ 2.9 ވަނަ މާއްދާގެ 660 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށެވެ. އެ ނުކުތާގައިވާ ގޮތުން ޑީސަލާއި އަޑީތެޔޮ ފަދަ ތަކެތި ގަތުމަށް " އެއްވެސް ފަރާތަކާއި އެކު ކޮންޓްރެކްޓެއް ހަދާނަމަ އެކަން ކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަން ވާނެއެވެ. އަދި އެފަދަ މުޢާމަލާތެއް ހިންގަންވާނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރުމުންނެވެ". މި ޤަވާޢިދަށް އަމަލުކުރުމަށް 27 ފެބްރުއަރީ 2012 ގައި ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 74 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މެރީޑިއަމް ސާވިސަސް އާއި އެކު އެއްބަސްވުން ހަދާފައިވަނީ މި ޤަވަޢިދާ ވެސް ޚިލާފަށެވެ." އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.
އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވަނީ މީގެއިތުރުން އެ އެއްބަސްވުން ހެދީ ބޯޑުން ފާސްކޮށްގެން ކަން ކޯޓުގެ ޙުކުމުން ވެސް އެނގޭނެ ކަމަށާއި އެމްޕީއެލް އިން ކަންކަން އޮޅުވާލަނީ ކަމަށް އޮފިޝަލް ވިދާޅުވެފައިވާއިރު ސިވިލް ކޯޓުގެ ގަޟިއްޔާ ނަމްބަރ 2166-Cv-C/2016 ގައި އެ އެއްބަސްވުން ނިންމީ ބޯޑުންކަން އެނގޭނެ ނުވަތަ ދޭހަވާނެފަދަ އެއްވެސް އިބާރާތެއް ނެތްކަމުގައެވެ.
އެ އާޓިކަލްގައި " އެމްޕީއެލް އިން މަސައްކަތް ކުރީ ސަރުކާރާ ގުޅުން އޮންނަ އެހެން ބަޔަކާ ގުޅިގެން ތެޔޮ ކުންފުންޏެއް އުފެއްދުމަށް ފަހު އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރާށެވެ" މި ތުހުމަތަކީ ދިވެހި ސަރުކާރާއި މެދު ނުތަނަވަސްކަށް އުފައްދާ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ކުރި މަސައްކަތެއް ކަމުގައި ދެކޭ ކަމަށާއި އަދި މި ސަރުކާރާއި އެމްޕީއެލްގެ އަގު ވައްޓާލުމަށް ކުރާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް ގޮވާލާކަމުގައި އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެންމެ އަގުހެޔޮކޮށް ހުށަހެޅި ފަރާތަކީ މެރީޑިއަމް ސާވިސަސް އެއް ނޫން ކަމަށާއި އަދި އެންމެ އަގުހެޔޮ ފަރާތްކަމަށް މެރީޑިއަމް ސާވިސަސް އިން ވިދާޅުވާ ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އިސްވެދެންނެވިފައިވާ ހުރިހާ މަޢުލޫމާތުތަކަކީ ވެސް އެ ކުންފުނީގެ ލިޔެކިއުންތަކުން ފެންނަން ހުރި ސައްހަ މަޢުލޫމާތު ކަމުގައިވެސް އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ. މީގެ އިތުރުން ދިވެހި ސަރުކާރާއި އެމްޕީއެލްގެ އަގު ވައްޓާލުމުގެ ގޮތުން ބައެއް ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ސަރުކާރާއި މި ކުންފުނި ބަދުނާމުވާ ގޮތަށް މަސައްކަތްނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާކަމުގައިވެސް އެމްޕީއެލްގެ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް