އައު އަހަރާއި ދިމާކޮށް ތުރުކީގައި ކުރިއަށްދިޔަ ޕާޓީއަކަށް ހަތިޔާރާއެކު މީހަކު ވަދެ ދިން ހަމަލާއާއެކު އައު އަހަރަށް ޓެރަރިޒަމްގެ ހަމަލާތަށް ފެށިގެން ދިޔަ އެވެ. އަދި މިކަމުން މުޅި ދުނިޔެ ސިއްސުވާލި އެވެ.
މިއީ އެ ހާދިސާގައި މަރުވި ޖިއްދާއަށް އުފަން އެއްމާބަނޑު ދެބެން ކަމުގައިވާ އަހްމަދު އަދު މުހައްމަދު އަލް ފާދިލްގެ ވާހަކަ އެވެ.
މި ދެބެންގެ ވާހަކަ ސައުދީ ގެޒެޓްގައި ގެނެސްދީފައިވާއިރު ބުނެފައިވަނީ އަހުމަދު އަދި މުހައްމަދު، މި ދެބެން ކުރެ ފުރަތަމަ ދުނިޔެއަށް އުފަންވީ ކާކުކަން އާއިލާއަށްވެސް ބުނެދޭން ނޭނގޭ ހާލު ފުރަތަމަ ދުނިޔެއާ އަލްވަދާއު ކީ ކާކުކަންވެސް ބުނެދޭން ނޭނގޭ ކަމަށެވެ.
އަހުމަދު އަދި މުހައްމަދުގެ ބޭބެއެއް ކަމުގައިވާ އަމްރު އާއި ހަވާލާދީ ސައުދީ ގެޒެޓްގައި ބުނެފައިވަނީ އެއްމާބަނޑު އެ ދެބެންނަކީ އަބަދުވެސް އެކުގައި އުޅުނު ދެމީހުން ކަމަށާއި އާއްމުގޮތެއްގައި ހުރިހާ ކަމެއްވެސް ކޮށް އުޅުނީ އެކުގައި ކަމަށެވެ.
"އުޅެ ބޮޑުވީވެސް އެކުގައި ކިޔެވީވެސް އެކުގައި ، ޑިގްރީ ހާސިލް ކުރީވެސް އެއް ދާއިރާއަކުން ދެބެން ދުއްވަނީ އެއް ކާރު، އެކަކު ދުއްވާއިރު އަނެކަކު އިންނާނީ ޕަސިންޖަރެއްގެ ގޮތުގައި" ދެބެންގެ ވާހަކަ ކިޔާދެމުން އަމްރު ބުނެފައި ވެއެވެ.
އަމްރު ބުނެފައިވަނީ ދެބެން މަރުވުމުން އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާކަމަށާއި އެއީ ގައުމަށްވެސް ލިބުނު ހިތާމައެއްކަމުގައި ގަބޫލު ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް