ލ.އަތޮޅު ވޮލީ މުބާރާތް: އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ސްޓަރ އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފޮނަދޫ ޒުވާނުންގެ ރޫޙް ހޯދައިފި

ލ. އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް އިއްޔެ ނިމުނުއިރު، މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ތުނޑީ ސްޓަރ އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފޮނަދޫ ޒުވާނުންގެ ރޫޙް ހޯދައިފިއެވެ. ...

05 Jan 2015 | 12:36

ލ. އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް އިއްޔެ ނިމުނުއިރު، މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ތުނޑީ ސްޓަރ އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފޮނަދޫ ޒުވާނުންގެ ރޫޙް ހޯދައިފިއެވެ.

އިއްޔެ ކުޅެވުނު އަންހެން ޑިވިޜަންގެ ފައިނަލް މެޗުގައި ބައްދަލުކުރީ ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން ސްޓަރ އަދި ފޮނަދޫ ހެލްޕިންގ ހޭންޑްސް އޮފް މޯލްޑިވްސްއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޓަރއެވެ.

މުބާރާތުގެ އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަދި ފެއަރޕްލޭ ކުޅުންތެރިއަކަށް މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާގެ ޖާރސީ ނަންބަރ 7 ރަމްލާއެވެ. މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު ސެޓަރަކަށް ހޮވިފައިވަނި ތުނޑީ ސްޓަރގެ ޖާރސީ ނަންބަރ 7 ފާތިމަތު މަޒިއްޔާއެވެ. އެންމެ މޮޅު ސަރވަރަކަށް ހޮވިފައިވަނީ ތުނޑީ ސްޓަރގެ ޖާރސީ ނަންބަރ 12 އައިޝަތު ސަނާއެވެ.

މުޅި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ސްޓަރގެ މަރިޔަމް އަޒީފާ ހޮވުނުއިރު، އެންމެ މޮޅު ސްޕައިކަރަކަށްވެސް ހޮވިފައިވަނީ އަޒީފާއެވެ. އަންހެން ޑިވިޜަންގެ އެންމެ މޮޅު ޑިގަރަކަށް ހޮވިފައިވަނީ ފޮނަދޫ ޒުވާނުންގެ ރޫހްގެ ޖާރސީ ނަންބަރ 15 ޝާއިރާއެވެ. އަދި އެންމެ މޮޅު ބްލޮކަރަކަށް ހޮވިފައިވަނީ އެޓީމުގެ ޖާރސީ ނަންބަރ 11 ފާތިމަތު ސުޒީލާއެވެ.

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން 19 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާ ލިބިފައިވަނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާގެ ޖަރސީ ނަންބަރ 8 އަިއޝަތު ޝާލީއަށެވެ. އަންހެން ޑިވިޝަންގެ ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކީ ޗެމްޕިއަން ޓީމް ސްޓަރގެ ކޯޗެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލްގައި ރޭ މާމެންދޫ މަސްވެރިންގެ ގުޅުމުގެ މައްޗަށް ކުރިހޯދާ ފޮނަދޫ ޒުވާނުންގެ ރޫހުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލ.އަތޮޅު ވޮލީ މުބާރާތުގެ ތަށި އުފުލާލީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެނެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ރަނާރޒް އަޕް ޓީމަކީ މާމެންދޫ މަސްވެރިންގެ ގުޅުމެވެ. އަދި ފެއަރ ޕްލޭޓީމަކީ ފޮނަދޫ ފިޔެސްއެވެ. މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ސަރވަރ އަދި މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޒުވާނުންގެ ރޫޙްގެ ޖަރސީ ނަންބަރ 10 އަހުމަދު އަބްދުލް ކަރީމް ( ލޯންގޭ ) އެވެ.

އެންމެ މޮޅު ސްޕައިކަރު އަދި ފެއަރޕްލޭ ކުޅުންތެރިޔާ ލިބިފައިވަނީ މާމެންދޫ މަސްވެރިންގެ ގުޅުމުގެ ޖަރސީ ނަންބަރ 16 އަހުމަދު ޝާއިންއަށެވެ.  އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ޗެމްޕިއަން ޒުވާނުންގެ ރޫޙްގެ ސެޓަރ އަލީ މައުރޫފެވެ.

އެންމެ މޮޅު ބްލޮކަރަކަށް ޒުވާނުންގެ ރޫހްގެ އާސިފް ހޮވުނުއިރު 19 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ ޖަރސީ ނަންބަރ 13 އަހުމަދު އަތީފެވެ. އެންމެ މޮޅު ޑިގަރ ލިބިފައިވަނީ ޒުވާނުންގެ ރޫހްގެ އަހުމަދު އަބްދުﷲ އަށެވެ.

ފިރިހެން ޑިވިޜަންގެ ޓީމަށް އެންމެ ފައިދާ ކޮށްދިން ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ޓީމުގެ ކޯޗު އަބްދުﷲ ހަސީބެވެ.

ލ. އަތޮޅު ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތުގައި ޖުމްލަ 9 ޓީމް ބައިވެރިވިއެވެ. އެއީ އަންހެން ޑިވިޜަންގެ 6 ޓީމުގެ އިތުރުން ފިރިހެން ޑިވިޜަންގެ 3 ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް