ސްޕެނިޝް ލަލީގާ: ރިއާލް މެޑްރިޑް އަދި ބަރސެލޯނާވެސް ބަލިވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ރިއާލް މެޑްރިޑް އަދި ބަރސެލޯނާވެސް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވެއްޖެއެވެ. ރިއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު 22 މެޗުންވަނީ މޮޅުވެފައެވެ. ނަމަވެސް ރޭގެ މެޗުގައި ފަހަތު...

05 Jan 2015 | 07:02

ސްޕެނިޝް ލަލީގާގައި ރޭ ރިއާލް މެޑްރިޑް އަދި ބަރސެލޯނާވެސް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ރިއާލް މެޑްރިޑުން އެންމެ ފަހުން ކުޅުނު 22 މެޗުންވަނީ މޮޅުވެފައެވެ. ނަމަވެސް ރޭގެ މެޗުގައި ފަހަތުންއަރާ ރިއާލް ބަލިކޮށް ވެލެންސިއާއިންވަނީ ރިއާލްގެ ރެކޯރޑު ނިމުމަކަށް ގެނެސްފައެވެ.

ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނައިގާ މެޗަށް ނިކުތް ރިއާލްއިންވަނީ ލިބުނު ޕެނެލްޓީއާއެކު މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ފުރަތަމަ ހާފްގެ ނަތީޖާ ރިއާލްއިން 1-0 އިން ނިމުނު ނަމަވެސް، މެޗުގެ ފަހުހާފް ފެށިގެން މާގިނައިރެއްނުވެ ބާރްގޭންގެ ގޯލުން ވެލެންސިއާ ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި އޯޓަމެންޑީގެ ގޯލާއެކު ފަހަތުންއަރާ ވެލެންސިއާއިން މެޗުގައި ލީޑު ނެގިއެވެ.

ތާވަލުގެ ދެވަނައިގައި ޕޮއިންޓެއްގެ ފަރަގަކާއެކު އޮތް ބަރސެލޯނާއަށް ތާވަލްގެ އެއްވަނައަށް ޖެހުލުމަށް ލިބުނު ފުރުސަތު ގެއްލިފައިވަނީ ރޭ ރިއާލް ސޮސިއެޑާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ.

ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން ސޮސިއެޑާ މެޗަށް ނިކުތްއިރު ބަރސާ ސޮސިއެޑާގެ ދަނޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސްވަނީ ބަލިވެފައެވެ. ބަރސާ ކޯޗު މެޗުގެ ފުރަތަމަ އެގާރާގައި މެސީގެ އިތުރުން ނޭމަރ އަދި ޑެނީ އަލްވޭސްވެސް ހިމަނާފައެއް ނުވެއެވެ.

މެޗުގެ ހަމައެކަނި ގޯލްއަކީ މެޗު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖޯޑީ އަލްބާއަތުން ބައިކޮޅަށް ވަން ގޯލައެކެވެ. ބަރސާއިން ގިނަ ޕްރެޝަރތަކެއް ކުރި ނަމަވެސް ސޮސިއެޑާއިންވަނީ މެޗު ނިމެންދެން ހިފަހައްޓާލާފައެވެ.

ލަލީގާގެ ތާވަލުގެ ތިންވަނައިގައިވާ އެތްލެޓިކޯ މެޑްރިޑް މޮޅުވެ ބަރސާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވިނަމަވެސް ގޯލްގެ ތަފާތުން ބަރސާއޮތީ ލަލީގާގެ ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް