ތ.ކިނބިދޫގައި ދިހަމަހުގެ ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާ އަންހެނެއް ކަމަށްވާ ރުބީނާ ބުރުހާނުއްދީން ސަލާމަތް ކުރުމަށް ރުބީނާގެ އާއިލާއިން މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރުބީނާގެ މަންމަ ޝަފީގާ ބީވީ ބުނެފައިވަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރި އިންޑިއާގެ ޓީޗަރަކު ދާދިފަހުން ރާއްޖެއިން މިނިވަން ކޮށްފައިވުމުން ރުބީނާ މިނިވަން ކުރުމަށް އާއިލާއިން ކުރަމުން އަންނަ މަސައްކަތައް އިތުރު ހިތްވަރެއް ލިބިފައިވާކަމަށެވެ.
ޝަފީގާ ބުނެފައިވަނީ އޭނާގެ އަންހެން ދަރި ރުބީނާ، ހަސަން ޖާބިރު ކިޔާ ދިވެއްސަކާ ކައިވެނިކުރީ 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ކަމަށާއި ރުބީނާގެ ތުއްތު ދަރިފުޅު މަރުވީ ޖާބިރު އާއި ރުބީނާއާ ދެމެދު މައްސަލަ ޖެހިގެން އުޅުނު ދުވަހެއްގައި ކަމަށެވެ. އަދި ތުއްތު ކުއްޖާ މަރާލީ ރުބީނާ ނޫން ކަމަށް އާއިލާއިން ބުނެއެވެ.
"ރުބީނާ އެއްފަހަރު ގައުމަށް އައިސް އެނބުރި ރާއްޖެ ދިޔައިރު ޖާބިރު އެހެން އަންހެނަކާ ގުޅުން އޮތްކަން ރުބީނާއަށް އެނގުނު އެކަމާ އެމީހުންގެ ދެމެދުގަ މައްސަލަ ޖެހުނީ، ޒުވާބު ކުރި ރެއެއްގައި ރުބީނާގެ ދަރިފުޅު މަރުވީ އެކަމަށް ތުހުމަތު ކުރަނީ ރުބީނާއަށް" ރުބީނާގެ މަންމަ ބުނެފައިވެއެވެ.
ރުބީނާގެ އާއިލާއިން ބުނެފައިވަނީ ރުބީނާ ޖަލުގައި ހުންނަތާ ހަތަރު އަހަރު ވެފައިވާއިރު މީގެ ދެ އަހަރު ކުރިން ޖާބިރު ކައިރިން ވަރިވުމަށް މަޖުބޫރު ކުރިވި ކަމަށާއި އަދި ވަރިވެއްޖެ ނަމަ އަނބުރާ ގައުމަށް ފޮނުވަދޭނެ ކަމުގެ ޔަގީންކަންވެސް އޭރު ދިން ކަމަށެވެ. ނަމަވެސް އެކަން ކުރީވެސް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ރުބީނާގެ އާއިލާއިން ބުނެއެވެ.
އެ އާއިލާއިން އިތުރަށް ބުނެފައިވަނީ ޖަލުގައި ހުންނަތަ ހަތަރު އަހަރު ވެފައިވާއިރު ކޮންމެ ދެ ހަފްތާއަކުން ރުބީނާއަށް އާއިލާއާ ގުޅައިދެނީ އެންމެ ފަސް މިނެޓަށް ކަމަށާއި ރުބީނާގެ މައްސަލައިގެ އަޑު އެހުމެއް މި މަހުގެ 11 ގައި ބާއްވާނެ ކަމަށް ބުނެފައިވާއިރު އެ އަޑުއެހުމުގައި ހުކުމް ކޮށްފާނެ ގޮތަކާމެދު ކަންބޮޑުވާކަމަށެވެ.
ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖޫން 27، 2010ގައި އޭނާގެ ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަ ނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ދިހަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބު މަރާލުމުގެ ބޭނުމުގައި ރުބީނާ އެ ކުއްޖާގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާކަމަށް ބުނެއެވެ.
ސާއިބު މަރުވެގެން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ޒަހަމެއް ފެންނާކަށް ނެތް ނަމަވެސް ފަހުން ފުލުހުން ވަނީ ސާއިބުގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ހިންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް