ރޭ ހައްޔަރު ކުރި ހަރުކަށި ފިކުރުގެ އަބްދުﷲގެ ބަންދަށް 15 ދުވަސް ޖަހައިފި

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ރޭ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ. ރޭ މި މައްސަލައިގަ ހައްޔަރު ކުރީ ކާކު...

19 May 2021 | 10:25

ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ރޭ ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

ރޭ މި މައްސަލައިގަ ހައްޔަރު ކުރީ ކާކުކަން ފުލުހުން ހާމައެއް ނުކުރެ އެވެ. އަހައެކަނި ބުނެފައިވަނީ އެއީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ރޭ ހައްޔަރު ކޮށްފައިވަނީ ހއ. މޮޅަދޫ ބަހާރުގެ، އަބްދުﷲ އަލީ މަނިކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ. ފުލުހުން އެދިގެން މިއަދު ބޭއްވި މުއްދަތު މަޖިލީސް ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާ އަކީ ޖިހާދުގެ ނަމުގައި ދިވެހީން ހަނގުރާމައަށް ރެކްރޫޓު ކުރުމާއި ހަނގުރާމައަށް ފޮނުވުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި ވަކިން ޖަމާއަތުގައި ނަމާދުކޮށް، ހަރުކަށި ފިކުރަށް މީހުން ލެންބުމަށް ކްލާސްތައް ބާއްވާ ކަމަށް ތުހުމަތު ކުރެ އެވެ.

ހިމަންދޫ މައްސަލައިގައި އަލިމަނިކު 2008 ވަނަ އަހަރު 10 އަހަރަށް ޖަލަށްލި ނަމަވެސް، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލުން ފިލައިފަ އެވެ. އެއްފަހަރު ގދ. ތިނަދޫއިން އޭނާ ހައްޔަރު ކުރި އިރު ދެ ވަނަ ފަހަރު ފިލުމުން ހައްޔަރުކޮށްފައިވަނީ އަހަރެއްހާ ދުވަސް ފަހުން ތިލަފުށިންނެވެ.

ފުލުހުން އޭރު ބުނެފައިވަނީ އޭނާ ފިލައިގެން އުޅެފައިވަނީ ވަރަށް ބޮޑަށް ސިފަ ބަދަލުކޮށްގެން ކަމަށެވެ. މިހާރު އޭނާ ދޫވެފައިފަ ހުރީ މިނިވަން ވެގެންނެވެ.

އަބްދުﷲ ހައްޔަރު ހައްޔަރުކޮށްފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އަށް ފަހު، ހަރުކަށި ފިކުރާ ދެކޮަޅަށް ސިފައިންނާއި ފުލުހުން ހިންގާ ހަރަކާތްތައް އިތުރުކޮށްފައި ވަނިކޮށެވެ. އެކަމަކު އޭނާ ހައްޔަރުކުރީ ހަމަލާއާ ގުޅުން ހުރި މައްސަލައެއްގައި ކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް