ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މިވަގުތު މުޅި 'ފޯކަސް' ހުރީ މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދެހާސް އަށާވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނިންމަން އަދި އަވަސް ކަމަށާއި، މިވަގުތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މުޅި 'ފޯކަސް' ހުރީ މިހާރު މި އޮތް ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، މިއަދު އޮތް ސަރުކާރުގެ ހުދުމުޚްތާރުކަމާއި، ރާއްޖެއަށް މި ސަރުކާރުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ މަޑުޖައްސާލައި، 2028ގައި އޮތް ކަމަކާ ދިމާލަށް މިސްރާބު ހިފައިފިނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ގެއްލުންދީ، ރާއްޖޭގެ އިގުތިޞާދު ހަލާކުކޮށްލުމަށް މިސްރާބު ޖަހާފައިވާއިރު، އެ މިސްރާބު ތެދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން އެއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރަންބޭނުންވާ ކަމެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން މިއަދު އެދިއެދި ތިބި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ދެވޭނެ ކަމުގެ އުންމީދު ރައްޔިތުންނަށް ލިބޭނެ މަގަށް ކަންތައްތައް ގެންދިޔުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އަދި އެއްވެސް ހާލެއްގަ 2028ގަ އޮންނަ އިންތިޚާބެއްގައި ހުންނާނި ކޮންތަނެއްގަތޯ މިއަދު ނިންމާކަށް ގަސްދެއް ނުކުރައްވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ވިދާޅުވިއިރު، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިއްޔެ ވަނީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް