މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު މިއަދު ބަދަލުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ގަރާރަކުން ގެފުޅުގެ އުރަކޮޅު ބަދަލު ކުރާ ދުވަހަށް މިއަހަރުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ. ކޮންމެ އަހަރެއްގެ ހައްޖު ދުވަހު ކުރަމުން އަންނަ މި މަސައްކަތް ދެން ކުރާނީ ކޮންމެ ހިޖްރީ އާ އަހަރެއްގެ ފެށޭ ދުވަހު އެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ މައްކާގައި ހުންނަ ކިންގް އަބްދުލް އަޒީޒު ކޮމްޕްލެކްސް ފޯ ހޯލީ ކާބާ ކިސްވާގެ ހާއްސަ ޓީމަކުންނެވެ. އެ ޓީމުގައި ހާއްސަ ތަމްރީނުތަކެއް ދެވިފައިވާ 200 މީހުން ހަރަކާތްތެރިވެ އެވެ.
ގެފުޅުގެ އުރަކޮޅު އެ ފެކްޓަރީގައި ހަދަނީ 47 ބަޔަކަށްވާ ގޮތަށް އަތުންނާއި މެޝިނުން ފަހައިގެންނާއި ވިޔެގެންނެވެ. މި އުރަކޮޅު ހަދާ ތަނުގައި، ދިގުމިނުގައި 16 މީޓަރު ހުންނަ ކޮމްޕިއުޓަރައިޒްޑް ފަހާފޮއްޓެއް ހުރެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ހުންނަ މިފަދަ އެންމެ ބޮޑު މެޝިނެވެ.
މިއަހަރު ފުޅުގެ އުރަކޮޅު ތައްޔާރުކޮށްފައިވަނީ 120 ކިލޯގެ ރަނާއި، 100 ކިލޯގެ ރިހި އަދި 850 ކިލޯގެ ރޯ ސިލްކު ރޮދި ބޭނުންކޮށްގެނެވެ.
ގެފުޅުގައި ލައްވާ އުރަކޮޅުގެ ފުޅާ މިނުގައި 95 ސެންޓިމީޓަރު ހުރެ އެވެ. އަދި ދިގުމިނުގައި ނުވަ މީޓަރު ހުންނަ އިރު ހަތަރުކަން ބައްދަން 47 ދަތި ކަހަލަ އެއްޗެއް ބޭނުން ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް