ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވީ ނަމަވެސް، އެ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށާއި އެހެންވެ، އެ މައުލޫމާތު އާއްމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް، 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް، މިދިޔަ މަހުގެ 1 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ވަކި ކުރި މުވައްޒަފުންގެ ނަމާއި އެ މިނިސްޓްރީތަކުގެ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ މީހަކު ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށާއި އަދި އެ މުވައްޒަފުންގެ މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތައް ހާމަކޮށްފި ނަމަ، އެ މީހުންގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށެވެ.
އެހެންވެ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ވެސް އެ މައުލޫމާތު އާއްމު ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށް، ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ސިޔާސީ މުވައްޒަފުން މަދުކުރައްވާނެކަން އިއުލާނު ކުރައްވާ ރައީސް ކުރިން ވިދާޅުވީ އެ ނިންމުމާ އެކު ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށެވެ.
ގައުމުގެ މާލީ ހާލަތު ގޯސްވެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރަމުންދާ އިރު، ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކުރާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް