ނިއުމޯނިއާއިން އަވަހަށް ރަނގަޅުވުމަށް ބޭނުންކުރެވިދާނެ ކާނާ

ނިއުމޯނިއާ އަކީ ފުއްޕާމޭގެ އިންފެކްޝަނެކެވެ. ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ މި ބައްޔަކީ ފުއްޕާމޭގައި ޕަސް ނުވަތަ ފެން އުފެދޭ ބައްޔެކެވެ. ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައު...

04 Dec 2023 | 05:34

ނިއުމޯނިއާ އަކީ ފުއްޕާމޭގެ އިންފެކްޝަނެކެވެ. ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ މި ބައްޔަކީ ފުއްޕާމޭގައި ޕަސް ނުވަތަ ފެން އުފެދޭ ބައްޔެކެވެ. ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބުރަކަށީގައި ރިއްސުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސުން ހިމެނެއެވެ.

ނޭވާލާން އުނދަގޫވުން ފަދަ ނިއުމޯނިއާގެ ސީރިއަސް އަލާމާތްތައް ފެންނަނަމަ ވީހާ އަވަހަކަށް ޑޮކްޓަރަށް ދައްކަން ޖެހެއެވެ. ނިއުމޯނިއާއަށް ގޭގައި ފަރުވާ އެއް ނުލިބުނަސް، ބަލީގެ މުހިންމު މަރުހަލާ ފާއިތުވުމުން ކެއުން ބުއިމުގައި ތިރީގައި މިވާ ބާވަތްތައް ހިމެނުމުން ބަލިން އެއްކޮށް ރަނގަޅުވުމަށް އެހޭތެރިވެދެއެވެ.

އޮރެންޖް

އޮރެންޖުގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީ އަކީ ހަށިގަނޑަށް މުހިއްމު ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މީގެ އިތުރުން ވިޓަމިން ސީ އަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. ނަމަވެސް ކަރުގައި ރިއްސާނަމަ، އޮރެންޖު ކެއުމުން ދުރުހެލިވާށެވެ. އޮރެންޖް ކެއުމުން ކަރުގައި ރިހުން ގޯސްވުމަކީ އެކަށީގެން ވާކަމެކެވެ. ވިޓަމިން ސީ ރަނގަޅު ގޮތުގައި ހަށިގަނޑަށް  ފޯރުކޮށްދިނުމަށް ޓަކައި ލުނބޯ، ބެރީ އަދި ކިވީ ފަދަ އެހެނިހެން ހުތް މޭވާތައް ވެސް ކެވިދާނެ އެވެ.

ގޮވާމުގެ ބާވަތްތައް

ބާރްލީ، އޯޓްސް އަދި ބްރައުން ރައިސް ފަދަ ކާބޯހައިޑްރޭޓް ގިނަ އަދަދަކަށް އެކުލެވޭ ގޮވާމުގެ ބާވަތްތަކަކީ ބަލި ފަސޭހަވުމަށް  ބޭނުންވާ ހަކަތަ ހަށިގަނޑަށްފޯރުކޮށްދޭ ކާނާއެވެ. އަދި ހޯލް ގްރޭންސް ސެލެނިއަމް މާއްދާއިން ވެސް ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ވިޓަމިން ބީ އާއި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ސެލެނިއަމް ހިމެނެ އެވެ.

ހޫނު ފެނާއި ބުއިންތައް

ރީނދޫ އެޅި ފެން ނުވަތަ ސައި ފަދަ ހޫނު ބުއިންތައް ގިނައިން ބުއިން މުހިއްމެވެ. ނަމަވެސް މިފަދަ ކެއުން ބުއިމުގައި ކޮންމެ މީހަކަށްވެސް ތަފާތު ލުއިތައް ލިބެއެވެ. އަދި އެކި މީހުނަށް އަސަރުކުރާވަރު ތަފާތުވެއެވެ. އެއްފަހަރާ ބައިވަރު ދިޔާ އެއްޗެހި ބުއިމުގެ ބަދަލުގައި މަދު މަދުން ހޫނު އެއްޗެހި ބުއިމުން ބަލީގެ އުނދަގޫތަކަށް ލުއި ލިބެއެވެ.

މާމުއި

ތެރަޕިއުޓިކް ގިނަ ބޭނުންތަކެއް އެކުލެވިގެންވާ ޒަމާންވީ މާއްދާއަކީ މާމުއި އެވެ. ހުމާއި ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތަކަށް ލުއި ލިބެއެވެ. ނިއުމޯނިއާ ހުންނަ މީހުން ކެއުމުގައި މާމުއި ހިމެނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ލުނބޯ ފަނި ނުވަތަ ޖޫސް ތެރެއަށް މާމުއި އަޅައިގެން ބުއިމުން ބަލީގެ އަސަރު އަވަހަށް ހަށިގަނޑުން ފިލައިގެން ދިޔުމަށް އެހީތެރިވެދެއެވެ.

އިނގުރު

އިނގުރަކީ ނިއުމޯނިއާ އިންފެކްޝަން ހަށިގަނޑުން ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ނޭވާލާ ނިޒާމުގެ ގާތްގަނޑަކަށް ހުރިހާ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެއްޗެކެވެ. އިނގުރު ބޭނުންކުރުމުން މޭގައި ރިއްސުން ލުއި ކޮށްދެއެވެ. އިނގުރުގެ  އެންޓި-އިންފްލެމޭޓަރީ ސިފަތަކުގެ ސަބަބުން ވޭން ފިލުވައިދެއެވެ. އިނގުރަކީ ނޭވާލުމަށް އެހީތެރިވެދޭ ހަށިގަނޑުގެ ގުނަވަންތަކުގައި އުފެދޭ ދަވަ ނުވަތަ ރޯގާ ދުއްވާލާއި ނޭވާ ލުމަށް ފަސޭހަކޮށްދޭ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް