ޖީ20ގެ ކުރިއަށް އޮތް ދައުރުގެ ރިޔާސަތަށް އިންޑީއާ ހޮވުމުން އެމެރިކާއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާއަކީ އެމެރިކާގެ ވަރުގަދަ ބައިވެރިއެއް ކަމަށާއި އިންޑިއާގެ ޖީ20 ގެ ވެރިކަމުގައި އެކުވެރި ބޮޑުވަޒީރު މޯދީއަށް އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި މޫސުމާއި ހަކަތަ އާއި ކާބޯތަކެތީގެ ދަތިކަން ފަދަ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ކުރިއެރުމެއް އިންޑިއާ އާއި އެމެރިކާ އިން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ރަސްމީކޮށް ޖީ-20 ގެ ރިޔާސަތާ ހަވާލުވިއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ޖީ-20 އާންމުންނާ ގާތްކޮށް، ހަގީގަތުގައި ވެސް ޖީ20 އަކީ ރައްޔިތުންގެ ޖީ20 އަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. އަޅުގަނޑުމެން މިއަދު ރަސްމީކޮށް ރިޔާސަތާ ޙަވާލުވީ. އަޅުގަނޑުމެންގެ ރިޔާސަތުގެ އެންމެ މުހިންމު އެއް ކަމަކީ ޖީ20 ރައްޔިތުންނާ ގާތްކޮށް، އަޅުގަނޑުމެންގެ ރިޔާސަތަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ޖީ20 އަކަށް ހެދުމަށް މަސައްކަތް ކުރުން. އާންމުކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއީއޭގެ އޮފިޝަލް ސްޕޯކްސްޕާސަން އަރިންދަމް ބަގްޗީ ވިދާޅުވީއެވެ."
އަދި ޖީ-20 ގެ ޗެއާމަންކަމުގެ ދަށުން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް ހަރަކާތްތައް މިހާރު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ޔުނިވާސިޓީ އިވެންޓެއް ބާއްވައި 75 ޔުނިވާސިޓީއެއްގެ ދަރިވަރުން ވާޗުއަލްކޮށް ބައިވެރިވެފަވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖީ-20 އަކީ ދުނިޔޭގެ ޖީޑީޕީގެ 85 އިންސައްތަ، ބައިނަލްއަޤްވާމީ ވިޔަފާރީގެ 75 އިންސައްތަ އަދި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ދުނިޔޭގެ ބޮޑެތި 20 އިޤްތިޞާދެވެ. މީގެ އިތުރުން އދ، ޑަބްލިއުޓީއޯ، ޑަބްލިއުއެޗްއޯ، ވޯލްޑް ބޭންކް، އައިއެމްއެފް، އައިއެލްއޯ، އާސިއާން، އެފްރިކަން ޔޫނިއަން، އިންޓަނޭޝަނަލް ސޯލާ އެލަޔަންސް، ސީޑީއާރުއައި ފަދަ ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތައް ވެސް މި ގްރޫޕުގައި ހިމެނެ އެވެ.
ޖީ-20 ޕްރެޒިޑެންސީގައި އިންޑިއާއިން އިންޑިއާގެ އެކި ތަންތަނުގައި ތަފާތު 32 ދާއިރާއަކުން ގާތްގަނޑަކަށް 200 ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ-20 ސަމިޓަކީ އިންޑިއާއިން ބާއްވާ ބައިނަލްއަގްވާމީ އެންމެ މަތީ އެއް އެއްވުން ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފި އެވެ.
އިންޑޮނޭޝިއާއިން 2023 ވަނަ އަހަރު ޖީ-20 ގެ ރައީސްކަމާ އިންޑިއާ ހަވާލުވިއިރު، އެންމެންގެ ނަޒަރު ހުއްޓިފައިވަނީ، ދުނިޔޭގެ ދެކުނު އަދި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ އެޖެންޑާއެއް ކަނޑައެޅުމަށެވެ.މި އެޖެންޑާގައި ހިމެނެނީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް