ފީފާ ވޯލްޑް ކަޕް 2022 ގެ ރައުންޑް އޮފް 16 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުން 3-1 ގެ ނަތީޖާއިން ޕޮލެންޑްގެ މައްޗަށް ކުރިހޯދާ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ފްރާންސަށް ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ، މިރޭ ރާއްޖެ ގަޑިން 00:00 ގައި އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ގްރޫޕް ސްޓޭޖްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗާ އަޅާ ބަލާއިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޮލެންޑްގެ ފަރާތުން ފެނުނު ކުޅުން ވަރަށް ބޮޑަށް ރަނގަޅެވެ. ޕޮލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ފުރަތަމަ ހާފުގައި ބެރެޒެންސްކީ ފޮނުވާލި ބާރު ހަމަލާއެއް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ސަލާމަތްކުރުމުން، އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބިގަނެ އަނެއްކާ ވެސް އޭނާ ފޮނުވާލުމުން ހުރަހަކަށްވީ އުޕަމެކާނޯއެވެ. ތިންވަނަ ފަހަރަށް ރިބައުންސް ބޯޅައިން ކަމިންސްކީ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ވެރޭންއެވެ.
ފުރަތަމަ ހާފުގައި ޕޮލެންޑުން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދި ނަމަވެސް، ލަނޑެއް ޖެހޭގޮތް ނުވިއިރު، ފްރާންސުން އެ މީހުންގެ ފޯވާޑް ލައިންގެ ފެންވަރު ރަނގަޅުވުމުގެ ފައިދާ ނަގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑް ނެގިއެވެ. އެމްބާޕޭ އޭރިޔާގެ ތެރެއަށްލި ހުރަހަކުން މި ލަނޑު ޖެހީ އޮލިވާ ޖިރޫ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ. މިއާއެކު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފުވެރި ރެކޯޑް އޭނާއަށް ވަނީ ލިބިފައެވެ.
ދެ ވަނަ ހާފުގައި ފްރާންސްގެ ފަރާތުން ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ދުވެލި ބާރު، ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ހުއްޓުވުން ޕޮލެންޑަށް އުނދަގޫވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނިޓުގައި އޭރިޔާގެ ބޭރުން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއަކުން ފްރާންސްގެ ލީޑު ފުޅާކޮށްދިނެވެ. މި ލަނޑާއެކު، ފްރާންސަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައަށް އެމްބާޕޭ ވަނީ އަރާފައެވެ.
ފްރާންސަށް ދެ ލަނޑުގެ ލީޑެއް ލިބުމުން ޕޮލެންޑްގެ ފަރާތުން މާޔޫސްކަން ފެނުނުއިރު، މެޗުގެ އިތުރު ވަގުތު އެމްޕާބޭ ވަނީ އަނެއްކާ ވެސް ބާރު ހަމަލާއަކުން ރީތި ލަނޑެއް ޖަހާފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ. މިއާއެކު މި ވަގުތު އޭނާ އަކީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.
ޕޮލެންޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ އެންމެ ފަހު މިނިޓުގައި ފްރާންސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ބޯޅައަށް ރެފްރީ ދިން ޕެނަލްޓީއަކުން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް