ރ. ދުވާފަރު ކައުންސިލްގެ ހިންގުން ހަވާލުކޮށްފައި ހުރި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ވެސް ސަސްޕެންޑްކޮށްފި އެވެ.
މީގެ ކުރިން ސަސްޕެންޑު ކުރީ އެ ރަށުގައި ކައުންސިލްގެ ހުރިހާ މެމްބަރުންނެވެ. އެ ކައުންސިލާއި ގުޅިގެން އެންޓީ ކޮރަޕްޝަން ކޮމިޝަނުން ދަނީ ބޮޑު ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
ކައުންސިލް މެމްބަރުން ސަސްޕެންޑު ކުރީ ލޯކަލް ގަވާމެންޓު އޮތޯރިޓީންނެވެ. އެކަމަކު އެ އޮތޯރިޓީން މީޑިއާގައި ބުނީ ނާސިހު ސަސްޕެންޑު ކުރީ ސިވިސް ސާވިސް ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެންނެވެ.
ނާސިހު މަގާމުން ސަސްޕެންޑު ކުރުމާއި ގުޅިގެން ކައުންސިލްގެ ހިންގުން ކުރިޔަށް ގެންދަން އަންގާފައިވަނީ އަތޮޅު ކައުންސިލާއި ކޯޑިނޭޓް ކޮށްގެންނެވެ.
އެ ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގަ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެމްބަރުންގެ އިތުރުން ނާސިހުވެސް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އެ ހިޔާނާތް ފަޅާއެރީ މިދިޔަ ޖުލައި މަހު އެލްޖީއޭއިން އިން އާއްމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ.
އެ ރިޕޯޓުގައި ވާގޮތުން އެ ބޭފުޅުން ވަނީ ކައުންސިލަށް ވަންނަ ފައިސާ އާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ އަމިއްލަ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް ޖަމާކޮށްފައި އެވެ.
އަދި ހިސާބުތަކާއި ލިޔެކިޔުންތައްވެސް ބަލަހައްޓާފައި ނުވާކަން އެނގިގެން ގޮސްފައިވެ އެވެ.
މި މައްސަލައިގަ އެލްޖީއޭއިް އެ ކައުންސިލްގައި ހިމެނޭ ތިން ފިރިހެން ކައުންސިލަރުން ސަސްޕެންޑު ކުރީ ތިން މަހަށެވެ. އަންހެން ތިން ކައުންސިލަރުން ސަސްޕެންޑު ކުރީ ދެ މަހަށެވެ.
ހަތް ކައުންސިލަރުން ތިއްބަވާ އެ ކައުންސިލުގެ ހިޔާނާތުގެ މައްސަލަ ބަލަން ފެށުމުން އެއް ފިރިހެން ކައުންސިލަރަކު ވަނީ އިސްތިއުފާ ދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް