ތާރީޚް: 5 ޑިސެމްބަރ 2022
ގަޑި: 00:00
ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް
ފީފާ ރޭންކިންގ: އިންގްލެންޑް (5)، ސެނެގާލް (18)
ހެޑް-ޓު-ހެޑް ނަތީޖާތައް:
ފީފާ ވޯލްޑް ކަޕްގައި އަދި މި ދެ ގައުމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ.
އިންގްލެންޑުން ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދުމަށް ސެނެގާލްއާ ދެކޮޅަށް ނުކުންނައިރު، އެ ގައުމުގެ ސަޕޯޓަރުންނަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ގައުމުގެ އެންމެ މޮޅު ފޯވާޑް ހެރީ ކޭންއަށް ގްރޫޕް ސްޓޭޖްގެ އެންމެ މެޗެއްގައި ވެސް ލަނޑެއް ޖެހިފައި ނެތުމެވެ. އެހެނަސް، ވޯލްޑް ކަޕްގައި އޭނާގެ ގޯލާ ބީރައްޓެހިކަން އެހެން ކުޅުންތެރިން، ޚާއްސަކޮށް ޒުވާން ކުޅުންތެރިން ފޫބައްދަމުން އަންނަކަމީ އޮތް ހިތްހަމަޖެހުމެއް ވެސްމެއެވެ.
މާކަސް ރަޝްފޯޑް، ފިލް ފޯޑެން، ރަހީމް ސްޓާލިންގ އަދި ބުކަޔޯ ސަކާ ފަދަ ކޮންމެ ކުޅުންތެރިއަކު ވެސް ގޯލުގެ ކުރިމަތީގައި ފެންވަރު ދައްކާލާފައިވާއިރު، އިންގްލެންޑް ކޯޗު ސައުތު ގޭޓަށް ފުރަތަމަ 11 ނެގުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ކަށަވަރެވެ. އެހެނަސް، މިއީ ވެސް އެ ގައުމަށް އޮތް އެޑްވާންޓޭޖެކެވެ.
ސެނެގާލްއަށް ބަލާއިރު، އެފްރިކާގެ ޗެމްޕިއަނުން މުބާރާތާ ކުރިމަތިލީ އެ ގައުމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސަޑިއޯ މާނޭ ނުލައެވެ. އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑް ކަޕް ގެއްލުނީއެވެ. އެހެނަސް، ތަޖުރިބާކާރު ކުޅުންތެރިންނާއި، ޓީމު ރަނގަޅަށް ދަންނަ ކޯޗަކާއެކު ސެނެގާލްއިން ވަނީ އެ ޓީމަކީ އަދިވެސް ވަރުގަދަ ޓީމެއްކަން ދައްކައިދީފައެވެ.
މި މެޗާ ކުރިމަތިލާއިރު، ހުރިހާ ގޮތަކުން ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރުމަށް ފޭވަރިޓުންނަކީ އިންގްލެންޑެވެ. އެހެނަސް، މުބާރާތުގައި މިހާތަނަށް ފެނުނު ސަޕްރައިޒިންގ ނަތީޖާތަކުން އެ ގައުމަށް ހިތްވަރު ލިބޭކަމަށް، ސެނެގާލްގެ އެސިސްޓެންޓް ކޯޗު ރެގިސް ވަނީ ބުނެފައެވެ. އިންގްލެންޑާ ދެކޮޅަށް ސެނެގާލްއިން މިރޭގެ މެޗަށް ނުކުންނައިރު، އެ ގައުމުގެ ކޯޗު ސިސޭ ބަލިވެ އުޅޭތީ ބެންޗުން ނުފެނުން ގާތެވެ. މީގެ އިތުރުން އެ ގައުމުގެ މެދުތެރެއަށް ކުޅޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އިދްރީސާ ގޭ އަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. އޭނާ 2 ރީނދޫ ކާޑު ހަމަވެ، ހުރީ ސަސްޕެންޝަނެއްގައެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 20:00 ގައި، ފްރާންސާއި ޕޮލެންޑް ވާދަކުރާ މެޗުން މޮޅުވާ ގައުމަކާއެވެ.
ދުވަސްގެ ލަފާކުރުން:
މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 2-0 ގެ ނަތީޖާއިން އިންގްލެންޑް މެޗު ކާމިޔާބު ކުރުމެވެ.
އިންގްލެންޑް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ޕިކްފޯޑް، ވޯކާ، ސްޓޯންސް، މެގުއަޔާ، ޝޯ، ރައިސް، ހެންޑާސަން، ބެލިންހަމް، ރަޝްފޯޑް، ކޭން، ފޮޑެން
ސެނެގާލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
މެންޑީ، ސަބަލީ، ކޮލިބެލީ، ޑިއަލޯ، ޖޭކޮބްސް، ޕަޕޭ ގޭ، މެންޑީ، ސިސް، އެންޑިއޭ، ޑިއޭ، ސާރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް