ތަންފީޒު ކުރަމުންދަނީ 2018ގެ މެނިފެސްޓޯ، ނިޒާމު ވޯޓުގެ ވާހަކެއް ނެތް: މިއުވާން

ސަރުކާރުން ތަންފީޒު ކުރަމުން ދަނީ2018 ވަނަ އަހަރު އާންމު ކުރި މެނިފެސްޓޯއަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ އެންމެ ފަހުން ބޭއް...

04 Dec 2022 | 10:03

ސަރުކާރުން ތަންފީޒު ކުރަމުން ދަނީ2018 ވަނަ އަހަރު އާންމު ކުރި މެނިފެސްޓޯއަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ އެންމެ ފަހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން2018 ގައި އެމްޑީޕީން އާންމު ކުރި މެނިފެސްޓޯގައި ނިޒާމުގެ ވޯޓު ނަގަން ހިމެނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަޝީދު ވިދާޅުވީ އެކަން ކުރިއަށް ނުގެންގޮސް 2023 އަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރެން ޕްރައިމަރީގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

މިއުވާން ވިދާޅުވީ ނިޒާމީ ވޯޓަކަށްދާން2018 ވަނަ އަހަރު އާންމު ކުރި މެނިފެސްޓޯއަކު ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކޮށް، ކަށަވަރުކޮށްދެމުން އަންނަނީ އެ މަނިކުފާނުގެ ވައުދުތައް ފުއްދުމަށް 2018 ގެ އިންތިހާބުގައި އާއްމު ކުރެއްވި މެނިފެސްޓޯގައި ހުރި ކަންކަން ކަމަށެވެ.

މިއުވާން ވިދާޅުވީ ނިޒާމުގެ ވޯޓުގެ މައްސަލަ މަޑުޖައްސާލާފައި އޮތީ މަޝްވަރާ ކުރުމަށް ފަހު އެކަމައިގެން ކުރިޔަށް ދިއުމަށް ކަމަށެވެ.

ނަޝީދު އެ ވިދާޅުވިގޮތަށް ބަޔާންކޮށް ލިޔެފައިވަނީ އެމްޑީޕީން އެ އަހަރު އާންމު ކުރި މެނިފެސްޓޯގައި އެވެ. އެކަމަކު ވެރިކަމަށް ނުކުތީ ގުޅިފައިވާ ޕާޓީތަކުން ކަމަށްވާތީ ފަހުން ވަނީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް އާންމުކޮށްފައި އެވެ. އެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް