ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދިރާގާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް (އެމް.އޭ.ޕީ.ޑީ) ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި ހެލްތް އެންޑް ވެލްނެސް ކޭމްޕަކާއި ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޕެރަލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހެލްތް އެންޑް ވެލްނެސް ކޭމްޕްގައި މެޑިކަލް ސްކްރީން ކުރުމާއި ތެރަޕީ އަދި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައިވަނީ ބައިނަލްއަޤްވާމީ އަދި ލޯކަލް ސްޕެޝަލިސްޓުންގެ ޓީމަކުންނެވެ. މީގެ ތެރޭގައި ސްޕީޗް އެންޑް ހިއަރިން ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް އެންޑް ބިހޭވިއަރ ތެރަޕިސްޓުންނާއި ޑެންޓިސްޓުންނާއި ޕީޑިއެޓްރިކް އޯތޮޕީޑިކް ތެރެޕިސްޓްސް އަދި ފިޒިއޮތެރަޕިސްޓުން ހިމެނެއެވެ.
މި ކޭމްޕްގައި 200 އަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ފަރާތްތައް ވަނީ ބައިވެރިވެފައިވެއެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީ ޕެރަލިމްޕިކް ދުވަސް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ހަފްލާއާއި އިންކްލޫސިވް ސްޕޯޓްސް ހަވީރު ފައްޓަވާ ދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މި އިންކްލޫސިވް ފެސްޓިވަލްގައި ކުޅުދުއްފުށި ސިޓީގެ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.
ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް