ފީފާ ވޯލްޑް ކަޕް 2022 ރައުންޑް އޮފް 16: ފްރާންސް – ޕޮލަންޑް މެޗު ޕްރިވިޔު

ތާރީޚް: 4 ޑިސެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް ފީފާ ރޭންކިންގ: ފްރާންސް (4)، ޕޮލަންޑް (26) ހެޑް-ޓު-ހެޑް ނަތީޖާތައް: މިއީ ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމު ކުރިމަތިލާ ދެވަނަ ފަހަ...

04 Dec 2022 | 07:18

ތާރީޚް: 4 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް

ފީފާ ރޭންކިންގ: ފްރާންސް (4)، ޕޮލަންޑް (26)

ހެޑް-ޓު-ހެޑް ނަތީޖާތައް:

މިއީ ފީފާ ވޯލްޑް ކަޕްގައި މި ދެ ޓީމު ކުރިމަތިލާ ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެޓީމު ވޯލްޑް ކަޕްގައި ވާދަކުރީ 1982 ވަނަ އަހަރު ސްޕެއިނުގައި ބޭއްވުނު މުބާރާތުގެ ތިންވަނަ ހޮވި މެޗުގައެވެ. މި މެޗު 2-3 އިން ކާމިޔާބު ކޮށްފައިވަނީ ޕޮލަންޑުންނެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހަތަރު ފަހަރު މި ދެޓީމުން ބައްދަލުކުރިއެވެ. އޭގެ ތެރެއިން ދެމެޗު ފްރާންސް އިން ކާމިޔާބު ކުރިއިރު، އަނެއް ދެމެޗު ވަނީ އެއްވަރުވެފައެވެ. މީގެ އިތުރުން އެކުވެރިކަމުގެ 11 މެޗެއް މި ދެޓީމުން ވަނީ ކުޅެފައެވެ. އޭގެ ތެރެއިން ފަސް މެޗު އެއްވަރުވިއިރު، އަނެއް ހަ މެޗު ކާމިޔާބު ކުރީ ފްރާންސުންނެވެ.

ފްރާންސްއިން ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރުމަށް މަރުދޭން ތައްޔާރަށް ތިބިއިރު، ޕޮލަންޑަށް ފްރާންސް ހިފަހައްޓާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެނަސް، މި ފަހަރުގެ މުބާރާތުގައި އާދައިގެ ޓީމެއްގެ ގޮތުގައި ބެލެވޭ ޓީމެއް ފަސޭހަކޮށް ނުނެގުން ވަރަށް މުހިންމުކަމުގެ ފިލާވަޅު ލިބުނު ބޮޑެތި ޓީމުތަކުގެ ތެރެއިން އެއް ޓީމަކަށް ފްރާންސް ވާތީ، އެ މީހުން މިރޭގެ މެޗަށް ވަރަށް ބޮޑަށް ސަމާލުވާނެކަން ޔަގީނެވެ.

ގްރޫޕް މަރުހަލާގައި، ކުޅުނު އެންމެ ފަހު މެޗުން ޓިއުނިޝިއާއަތުން ފްރާންސް ބަލިވި ނަމަވެސް އެންމެ ފުރަތަމަ ކުޅުނު ދެމެޗުން މޮޅުވެ ފްރާންސްއިން ދެވަނަ ބުރު ޔަގީން ކުރީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނަމަވެސް ފްރާންސް ބަލިކުރުމުގެ އުންމީދުގައި މިރޭ އެޓީމާއި ދެކޮޅަށް ނުކުންނަ ޕޮލަންޑު ގުރޫޕް މަރުހަލާ ނިންމާލީ ވަރަށް އާދައިގެ ގޮތަކަށެވެ. އެންމެ މެޗަކުން މޮޅުވެ އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެ ޕޮލަންޑުން ގުރޫޕް މަރުހަލާ ނިންމާލީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟

ރައުންޑް އޮފް 16 ގެ މި މެޗުން މޮޅުވާ ގައުމެއް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ ގަޑިން 00:00 ގައި ފަށާ މެޗުގައި ވާދަކުރާ އިންގްލެންޑް އާއި ސެނެގާލްގެ ތެރެއިން މޮޅުވާ ގައުމަކާއެވެ.

ފްރާންސް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ހޫގޯ ލޮރިސް؛ ޖޫލްސް ކައުންޑޭ، ދަޔޮޓް އުޕަމެކާނޯ، ރަފައެލް ވަރާން، ތެއޯ ހަނާންޑޭޒް؛ އޮރެލިއަން ޗުއަމެނީ، އެޑްރިއަން ރަބިއޯޓް، އެންޓޮއިން ގްރިޒްމަން؛ އުސްމާނޭ ޑެމްބެލޭ، އޮލިވިއާ ޖިރޫޑް، ކިލިއަން އެމްބާޕޭ.

ޕޮލަންޑް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ވޮޖްޗެޗް ޝްޗެސްނީ؛ ބާޓޮޒް ބެރެސިންސްކީ، ޖަކަބް ކިވިއޯ، ކާމިލް ގްލިކް، މެޓީ ކޭޝް؛ ޕްރްޒެމިސްލާވް ފްރެންކޯވްސްކީ، ސެބަސްޓިއަން ޒިމަންސްކީ، ކްރިސްޓިއަން ބިއެލިކް، ޕިއޮޓް ޒިއެލިންސްކީ؛ އާކާޑިއަސް މިލިކް، ރޮބަޓް ލެވަންޑޯސްކީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް