ލޯބިވެރިޔާ މަރާލައި ކޮށާލި، އިންޑިއާގެ މަޝްހޫރު މަރުގެ މައްސަލައިގަ ހައްޔަރު ކޮށްފައި ހުރި އާފްތާބު އަމީން ޕޫނަމްވާލާ ޖަލުގައި އުޅެނީ ނުމޮށޭ ގުރާ ބާރަށް ދައިގަންނަ ފާޑަށް ކަމަށް ފުލުހުުން ބުނެފި އެވެ.
މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު އޭނާގެ ލޯބިިވެރިޔާ ޝްރައްދާ ވަލްކާ މަރާލިކަން ފަޅާ އެރީ މިމަހުގެ ކުރީކޮޅު އެވެ. ފުލުހުންގެ ތަހުގީގުގައި ޝްރައްދާ މަރާލައި 35 ބަޔަށް ބުރިކޮށް، އެކި ދުވަސް މަތިން ވެރިރަށް ދިއްލީގެ އެކި ސަރަހައްދުތަކަށް އުކާފައިވާ ކަމަށް އާފްތާބު އެއްބަސްވެފައިވެ އެވެ.
އެ މައްސަލައިގަ އޭނާ މިވަގުތު ހުރީ ތަހުގީގަށް ދިއްލީގެ ތިހާރު ޖަލުގައި ބަންދުކޮށްފައި އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޖަލު އޮފިސަރުންގެ ފަރާތުން އާފްތާބުގެ އަމަލުތަކާއި ގުޅޭގޮތުން ދަނީ ތަފާތު މައުލޫމާތު ލިބެމުންނެވެ.
އެގޮތުން އޭނާ އެދިގެން އިނގިރޭސި ވާހަކަ ފޮތެއް ޖަލުން ވަނީ ފޯރުކޮށްދީފައި އެވެ. އަދި ޖަލުގައި ގިނަ ވަގުތު ހޭދަކުރަނީ ރާޒުވާ ކުޅުމުގައި ކަމަށް އޮފިސަރުން މައުލޫމާތު ދީފައިވެ އެވެ. އޮފިސަރުންނަށް ފާހަގަވީ އޭނާއަކީ އެ ކުޅިވަރަށް ވަރަށް މޮޅު މީހެއް ކަމެވެ.
ދެތިން ގައިދީއަކާއި ނޫނީ މާ ބޮޑަށް ވާހަކަ ދައްކާވެސް ނަހަދާ ކަމަށްވެ އެވެ.
އާފްތާބުގެ އުޅުން ހުރި ގޮތަށް ބަލައި ފުލުހުންދަނީ އޭނާއަށް ވަރަށް ބޮޑަށް ޝައްކު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ އޮފިސަރަކު މީޑިއާގައި ބުނީ އާންމުކޮށް ރާޒުވާ ކުޅޭ އެކަހަލަ މީހުންގެ ސިކުނޑީގައި ކަންކަމުން ރެކުން ނުވަތަ ސަލާމަތްވެވޭނެ ގޮތެއް އަބަދުވެސް ގެންގުޅޭނެ ކަމަށާއި، އެހެންވެ އާފްތާބުގެ އުޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާ ކަމަށެވެ.
ހާއްސަކޮށް ފޮރެންސިކް ސައިންސް ލެބޯޓަރީއަށް ޓެސްޓުތަކެއް ހެދުމަށް އޭނާ ގެންދިޔަ ދުވަހު ބަޔަކު ދޭން މަސައްކަތް ކުރި އާދަޔާ ހިލާފު ހަމަލާ އަކާއި ގުޅިގެން އާފްތާބު ޖަލުގައި ބަހައްޓާފައި ހުންނަ ގޮޅި ކައިރީގައި ތިބޭ ގާޑުންގެ އަދަދުވެސް އިތުރުކޮށް، 24 ގަޑިއިރު އޭނާ މޮނިޓާ ކުރަމުންދާ ކަމަށް ބުންޏެވެ. ދިއްލީ ފުލުހުން ސިފަ ކުރަނީ އާފްތާބުގެ އުޅުން ހުރީ ނުމޮށޭ ގުރާ ބާރަށް ދައިގަންނަ އުސޫލު އުޅެ، ވަކި މަގުސަދެއް ހާސިލް ކުރުމަށެެވެ.
އުޅުން ހުރި ގޮތަށް ބަލާއިރު އަމިއްލައަށް އަނިޔާއެއް ދީފާނެ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ
ފުލުހުންގެ ތަހުގީގުގައި އާފްތާބު ބުނެފައިވާ ގޮތުގައި އޭނާ ޝްރައްދާ މަރާލީ ޗައިނާގެ މަޝްހޫރު ވައްތަރެއްގެ ވަޅިއަކުންނެވެ. އަދި މަރާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ދީފައި ވީ ނަމަވެސް ފުލުހުން ބުނީ އޭނާ ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ނުކުރެވޭ ކަމަށެވެ. ސުވާލަށް ޖަވާބުދޭގޮތުން އާފްތާބު ކަންކަން ފޮރުވައި، އޮޅުވާލައި ފުލުހުންގެ ތަހުގީގު އަވަސް ކުރަން ހުރަސް އަޅާ ކަން އެނގޭ ކަމަށް ބުންޏެވެ.
އެހެންވެ އާފްތާބާއި ގުޅޭ އެ މައްސަލަވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައި އެވެ. ޝްރައްދާ މަރާލި މައްސަލައިގެ އިތުރުން މަކަރާއި ހީލަތް ހެދުމުގެ މައްސަލަވެސް އޭނާ އާއި ދެކޮޅަށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޝްރައްދާ މަރާލީ އަބަދު ކައިވެނި ކުރަން އެދޭތީ ކަމަށް ތަހުގީގުގައި ބުންޏަސް އެކަން ދިއްލީ ފުލުހުން ގަބޫލެއް ނުކުރެ އެވެ. ފުލުހުން ބުނީ އާފްތާބުގެ އުޅުމާއި ވާހަކަ ދެއްކުން ހުރި ގޮތަށް ބަލާއިރު އޭގެ ބޮޑެތި ސިއްރުތަކެއް އެބައުޅޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް