ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ،، އޮސްޓްރޭލިއާ އަތުން 2-1 އިން މޮޅުވެ، އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާއިން ރަނގަޅަށް ކުޅުނުއިރު، އެޓީމުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ 35 ވަނަ މިނެޓުގައި ލިއޮނެލް މެސީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް މެސީ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެެވެ. މިއީ މި ފަހަރުގެ މުބާރާުތުގައި މެސީ ޖެހި ތިން ވަނަ ލަނޑެވެ.
މެސީގެ ލަނޑާއި އެކު އާޖެންޓީނާއިން ކުރިީގައި އޮވެގެން މެޗުގެ ފުރަތަމަ ފާހު ނިމުނުއިރު، ދެ ވަނަ ހާފްގައި ކުޅެން އަރައި ވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އަޖެންޓީނާއިންނެވެ. އެގޮތުން އާޖެންޓީނާ އިން މި މެޗުގައި ލީޑުފުޅާކުރީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ. އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާން ހެދި ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ލިބުނު ފުރުސަތުން އަލްވަރޭޒް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑަށް ފަހު އޮސްޓްރޭލިއާ އަށް ތިން ބަދަލެއް ގެނައިއިރު، އެޓީމުން ވަނީ ކުރިޔަށް ޖެހި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 77 ވަނަ މިނިޓްގައި އޮސްޓްރޭލިއާއިން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި އެވެ. މި ލަނޑަކީ އޭރިއާބޭރުން އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިން ފޮނުވާލި ބާރު ބޯޅައެއް އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ވަން ލަނޑެކެވެ.
މެޗުގައި ނަތީޖާ ހަމަހަމަކުރަން އޮސްޓްރޭލިއާއަށް ވަރަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އޮސްޓްރޭލިއާގެ އަޒީޒް ބެހިޗް އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓީނޭޒް ވަނީ ޓެކުލްކޮށް އެ ބޯޅަ ބޭރުކޮށްލާފަ އެވެ.
އޮސްޓްރޭލިއާގެ މި ހަމަލާއަށް ފަހު އާޖެންޓީނާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެނެވެ. މި ދެ ފުރުސަތު ވެސް ލިބުނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި ލަޓާރޯ މާޓީނޭޒަށެވެ. ނަމަވެސް މި ދެފުރުސަތުގައި ވެސް އޭނާ ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވިއެވެ. އޮސްޓްރޭލިއާ އަށް މެޗުގެ އެންމެ ފަހު ވަގުތުގައި އެއްވަރުކުރަން ހުސް ފުރުސަތެއް ލިބުނެވެ. މި ފުރުސަތުގައި ގަރަން ކުއޯލް ފޮނުވާލި ބޯޅަ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ވަނީ މަތަކޮށްފަ އެވެ. މިއީ މި މެޗުގައި ލަނޑެއް ޖަހަން އޮސްޓްރޭލިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.
ރޭގެ މި މޮޅާއި އެކު އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދިޔައިރު، އެޓީމު ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ ރޭ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެމެރިކާ ބަލިކޮށް ކުއަޓާއަށް ދިޔަ ނެދަލެންޑް އާއެވެ. މި މެޗު ކުޅޭނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް