އޭއައި މެދުވެރިކޮށް ތައްޔާރު ކުރެވިފައިވާ ފޮޓޯއެއް -
ގެއްލުނު ސިނގިރޭޓު ހޯދުމުގައި ދިވެހި ފުލުހުން
އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިރޭ ނެރުނު
ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް
ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ
ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް،
އެއްވެސް ފަރާތަކަށް އެނގޭ ކަމަށްވާނަމަ، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު
9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށެވެ.
މައްސަލައިގެ އިތުރު ބައެއް ތަފްސީލުވެސް ފުލުހުންގެ
އެ ނޫސްބަޔާނުގައި ހިއްސާކޮށްފައިވެއެވެ.
އެގޮތުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން މިހައިތަނަށް
ޖުމުލަ ނުވަ މީހަކު ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކުރި
މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި،
ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް
ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން
ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭ"
ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު،
މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި
ތިލަފުށީގެ 21 ތަނެއް ބަލައި ފާސްކުރިކަންވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
"މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ
ގޮތުގައި، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، މި ދެ ކޮންޓެއިނަރާ
އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމް.ޕީ.އެލް ޓާރމިނަލްގައި ބަހައްޓާފައި
ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް
ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމް.ޕީ.އެލް ޓާރމިނަލްގައި
ބެހެއްޓުމަށް ފަހުގައި، އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި
ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ"
ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް
އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި
ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި
ހުއްޓައި ފުލުހުން ހޯދާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް