ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޢާން އާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދެވެ. ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރޭޑް، ޕްރޮފެސަރ ޑރ. އޯމަރ ބޮލަޓްއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދައިދިނުމުގެ އިތުރުން، ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމާއި، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް، ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި، ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް، ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިގްތިސާދީ ގޮތުން ގާތް ގުޅުމެއް ގާއިމްކުރެވެމުން އަންނަކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ސަބަބުން، މި ގުޅުން އިތުރަށް ހަރުދަނާކުރެވި، ކުރިއަށްއޮތްތާނގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އައު ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް