ކުރީގެ ރައީސް ޔާމީނަކީ އޭރު ޕީޕީއެމަށް ވެސް ޕީއެންސީއަށް ވެސް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސެންޓު ވަގަށް ނަގައި ކައިފަވީ އިއްޒަތްތެރި ރައީސްކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ އުފެއްދި ސިޔާސީ ޕާޓީ ޕީއެންއެފް އުވާލުމަށް ގޮވާލަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީން އަކީ އޭރު ޕީއެންސީއަށް ވެސް އަދި ޕީޕީއެމް އަށް ވެސް ސަރުކާރުގެ ބަޖެޓުން ލިބުނު ފައިސާގެ90 އިންސައްތަ ވަގަށް ނަގައި ކާލި އިއްޒަތްތެރި ރައީސް ކަމަށެވެ. އަދި މިއީ ހީއަކަށް ދައްކާ ވާހަކައެއްނޫންކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
"ރައީސް ޔާމީނަކީ އޭރު ޕީޕީއެމަށް ވެސް ޕީއެންސީއަށް ވެސް ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާގެ 90 ޕަސެންޓު އެ މަނިކުފާނު ވަގަށް ނަގާފައި ކައިފަވީ އިއްޒަތްތެރި ރައީސް. މިއީކީ ހީއަކަށް ދައްކާ ވާހަކައެއްނޫން،" ފަލާހު ތުހުމަތުކުރެއްވިއެވެ.
ފަލާހު ވިދާޅުވީީ ކުރީގެ ރައީސް ޔާމީން އަކީީ އެއްވެސް ތާއީދެއް ނެތް ބޭފުޅެއް ކަމަށާއި އެ މަނިކުފާނުގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުވާލަން ގޮވާލާކަމަށެވެ.
އަދި ހަމަ އެފަދައިން 3،000 މެންބަރުން ހަމަކޮށްގެން، ތިން ހަތަރު އަހަރުވެގެން ދާއިރު ވެސް ޕާޓީއަށް މެންބަރުން އިތުރުނުވާނަމަ އެއީ ސިޔާސީ ޕާޓީއެއްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
އެގޮތުން، ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރާއިރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެ ކަންކަމަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
"މި ގާނޫނަށް އިސްލާޙު ގެންނައިރު އީސީން އެބަޖެހޭ ވަރަށް ބޮޑަށް ރިއާޔަތްކުރަން، ސިޔާސީ ޕާޓީއެއް ފަށަން އޯކޭ 3،000 މީހުން ހަމަކުރަން. އެހެންނަމަވެސް، ފަހުން އެ 3،000 މީހުން ތިބެގެން އެއް އަހަރު ނޫނީ ދެ އަހަރުގެ މުއްދަތެއް ކަނޑައަޅާފައި ޕާޓީއަށް މެންބަރުން އިތުރުކުރާނެ އަދަދުތަކެއް ކަނޑައަޅާފައި އެ އަދަދުތައް ހަމަނުވާނަމަ އެ ޕާޓީއެއް އުވާލަން ޖެހޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އިންތިޚާބުތަކުގައި ބައިވެރިނުވާ އަދި ރައްޔިތުންގެ ތާއީދެއް ނެތް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ދައުލަތުން ލާރި ނަގައިގެން ތަންތަނުގައި "ހަ މީހުންނާ އެކު" ކުދިކުދި ޖަލްސާ ބާއްވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.
އެފަދައިން ފަލާހު އިޝާރާތް ކުރެއްވީ ޕީއެންއެފްއަށެވެ. އެގޮތުން، ޔާމީންގެ ޕާޓީއަށް 3،000 މެންބަރުން ވެސް ހަމަނުވާނެ ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ.
"ޔާމީނަށް ހީވޭ އިއްޒަތްތެރި ރައީސް، ޔާމީނަކީ ވަރަށް ތާއީދު އޮތް ރައީސެކޭ. މިހާރު ވެސް ރަނގަޅަށް ޗެކްކުރައްވާ. ނުތިބޭނެ އެ ޕާޓީއަކު 3،000 މީހުންނެއް. އަޅުގަނޑަށް ޔަގީން 3،000 މީހުން ނުތިބޭނެ ޔާމީން ޕާޓީއަކު،" އޭނާ ތުހުމަތުކުރެއްވިއެވެ.
އޭނާ ވަނީ ވަކި މުއްދަތެއް ކަނޑައަޅާ، އެ މުއްދަތުގައި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލަން ގޮވާލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް