ޒިއޯން މޯބައިލްސްގެ ހަތަރު ނަމްބަރު ފިހާރަ ފަޅާލި މައްސަލައިގާ ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހއ. މާރަންދޫ، ފިނިރޯޅިގޭ، އުމުރުން 47 އަހަރުގެ އަޙްމަދު ނިޔާޒެވެ.
"އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގިކަމަށް ބެލެވޭ 09 މޯބައިލް ފޯނު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ރޭ ފަތިސްވެ އިރުއަރާން ދިޔަވަގުތު، މަޖީދީމަގު އޯޑިއޮން ބަސް ސްޓޮޕް ސަރަހައްދުގައި ހުންނަ ޒިއޯން މޯބައިލްސް 4، ފިހާރައިގެ ދޮރު ބިއްލޫރިގަނޑު ތަޅާލި މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ. އެއަށްފަހު ފިހާރަތެރެއިން ވަތްގަނޑުތައް ފަޅާލައި އެއްޗެހިތަކެއް ނަގައި އަދި ފިހާރަތެރެއިން ކޮތަޅުތަކެއް ނަގައިގެން ޝޯކޭސްތަކުން ފޯނުތަކެއް އަޅައިގެން ފިހާރައިން ނިކުމެގެންދާ މަންޒަރުވެސް ސީސީޓީވީ ފުޓޭޖުން ފެނިގެންދެއެވެ.
ބިއްލޫރިގަނޑު ތަޅާލި ވަގުތުވެސް އަދި ވައްކަންކުރި ވަގުތުވެސް މަގުމަތީގައި މީހުން ހޭލަމޭލަވެ އުޅޭ މަންޒަރުވެސް ސީސީޓީވީ ފުޓޭޖުން ފެންނަމުންދެއެވެ.
މިއަދު ހެނދުނު ފުލުހުން ބުނެފައިވަނީ މަޖީދީމަގު “ޒިއޯން މޯބައިލް 4” ފިހާރައިގެ ބިއްލޫރުގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފަތިހު 05:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް