1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއިން ލިބުނު ގެއްލުމަށްވުރެ މާ ބޮޑެތި ގެއްލުމާއި ބިރުވެރިކަން 2012 ފެބްރުއަރީ 8 ގައި ސިޔާސީ ޕާޓީއަކުން ދީފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ދިޔަ ސިޔާސީ ޕާޓީގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމްދީދީ ވިދާޅުވީ ސިޔާސީ ޕާޓީތައް ރާއްޖެއަށް އައިސްގެން ހަރުދަނާ ނުކޮށް ހިންގުމުގެ ސަބަބުން ރާއްޖޭގެ ހަމަހިމޭން ކަމާއި ރައްޔިތުންގެ މަޑުމައިތިރިކަމާއި ކެއްތެރިކަން އަދި ސުލުހަވެރިކަން ނަގާލާފައިވާ ކަމަށެވެ.
އެގޮތުން 2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގައި ހިނގި ކަންކަމަށް އަލިއަޅުވާލައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ އެދުވަހުގައި ހިނގާދިޔަ ބިރުވެރި ކަންކްމަކީ ސިޔާސީ ޕާޓީއަކުން ހިންގި ކަންކަން ކަމަށާއި އެއީ ބިރުވެރި ނާމާން ދުވަހެއް ކަމަށެވެ.
"އަޅުގަނޑުމެން ރޭގަ މިފާހަގަކުރީ ނަސްރުގެ ދުވަސް، ނޮވެންބަރު 3. އެދުވަހަށްވުރެ މާ ބޮޑެތި ގެއްލުންތައް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް، މާ ނާމާން، މާ ބިރުވެރި ކަންތައްތަކެއް ސިޔާސީ ޕާޓީއަކުން ފެބްރުއަރީ 8، 2012 ގައި ހިންގާފައިވޭ. ކޮބައިތޯ ސިޔާސީ ޕާޓީ އައިސްގެން ލިބުނު ފައިދާ؟" އިބްރާހިމްދީދީ ވިދާޅުވި އެވެ.
ފެބްރުއަރީ 8 ގައި އެކިތަންތަނުގައި ހުޅުޖެހިކަން ފާހަގަކޮށް ދެއްކެވި ވާހަކައިގައި އިބްރާޙިމްދީދީ ވިދާޅުވީ ފެބްރުއަރީ 8 ވަނަ ދުވަހު ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
މީގެއިތުރުން ކުރީގެ ރައީސުންނަށް ބޮޑު އަދަދެއް ދައުލަތުގެ ބަޖެޓުން ލިބޭކަން ފާހަގަކޮށް އިބްރާހިމްދީދީ ވިދާޅުވީ އެބޭފުޅުން ކުރައްވަނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށާއި ގައުމު ފަސާދުކުރުން ނޫންކަމެއް ބައެއް ވެރިިން ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް