މީހުން ހޭލަމޭލަވެ އުޅެނިކޮށް އެ ދިޔައީ މަޖީދީމަގުން ފިހާރައެއް ފަޅާލައި މުދާކޮޅު ހިފައިގެން - ޕޮލިހަކުވެސް ނުފެނޭ !

ރޭގެ ފަތިހުގެ ވަގުތެއްގައި މާފަންނުގައި ހުންނަ ޒިއޯން މޯބައިލްސްގެ 4 ނަމްބަރު ފިހާރަ ވަނީ ފަޅާލާފައެވެ. ވައްކަމުގެ އެ އަމަލުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް މިހާރު ތިލަވެފައިވާއިރު ފުރަތަމަ ފެންނަ...

04 Nov 2024 | 04:45

ރޭގެ ފަތިހުގެ ވަގުތެއްގައި މާފަންނުގައި ހުންނަ ޒިއޯން މޯބައިލްސްގެ 4 ނަމްބަރު ފިހާރަ ވަނީ ފަޅާލާފައެވެ.

ވައްކަމުގެ އެ އަމަލުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް މިހާރު ތިލަވެފައިވާއިރު ފުރަތަމަ ފެންނަނީ ބޮލުގައި ތޮތްޕެއް އަޅައިގެން، ރޮނގު ދެމި ޓީޝާޓެއް ލައިގެން ހުރި މީހަކު ހިނގާފައިދަމުން ދަތް މަރުތެޔޮ ކަހަލަ އެއްޗަކުން ޖަހާ ފިހާރައިގެ ދޮރާ ދިމާއިން ބިއްލޫރިގަނޑު ތަޅާލާ މަންޒަރެވެ.

ދެން ފެންނަނީ ކޮތަޅުތަކަކަށް އެ ފިހާރައިގެ ތެރެއިން އެތައް ސާމާނެއް އަޅައިގެން ހަމަޖެހިލާފައި ހުރެ ހިނގާލާފައި ނިކުމެގެން ދާ މަންޒަރެވެ.

އޭރު ފަތިހަށް ހިނގަންދާ މީހުން ހޭލަމޭލަވެ އުޅޭ މަންޒަރާއި ވެހިކަލްތައްވެސް މަގުގައި ދުއްވާ މަންޒަރު ފެނިގެންދެއެވެ.

އެތެރޭގެ މަންޒަރުތަކުން ފެންނަނީ ފިހާރައިގެ ވަތްގަނޑުތައް އިރާލާ، އަދި އެއަށްފަހު ފިހާރައިގެ ކޮތަޅުތަކަކަށް ޝޯކޭސްތަކުން ފޯނާއި އެހެނިހެން މުދާ އަޅާ މަންޒަރު ފެނިގެންދެއެވެ.

އެއްވެސް ބިރެއް ޖެހިލުމެއްނެތި  މޫނުވެސް ނިވާކުރުމެއްނެތި ހައެއްކަ ކޮތަޅުގެ ފުރާ މުދާ ހިފައިގެން ނިކުމެގެންދާ މަންޒަރު ފެނިގެންދެއެވެ. އަދި މުދާތައް ކޮތަޅުތަކަށް އަޅަމުންދިޔައިރުވެސް މަގުމަތިން މީހުން ހިނގާ މަންޒަރާއި ވެހިކަލް ދުއްވާ މަންޒަރު ފެނިގެންދެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ މަޖީދީމަގު "ޒިއޯން މޯބައިލް 4" ފިހާރައިގެ ބިއްލޫރުގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފަތިހު 05:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި ފަހަކަށް އައިސް ފުލުހުން ބުނެފައިވަނީ ފުލުހުންގެ އަމާޒަކީ ރައްޔިތުނަށް ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެނުން ކަމަށެވެ. އެހެންނަމަވެސް ވައްކަމުގެ މި ވީޑިއޯއިން ފެންނަގޮތުގައި އެ ވައްކަމުގެ ހުރިހާ ސްޓޭޖެއްގައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ހޭދަވުން އެކަށީގެންވާއިރު މާލޭ މަޖީދީމަގުގެ ހުރި ބޮޑު ފިހާރައެއް ލޫޓުވާލައިގެން ދިޔައިރު ފުލުހަކަށް ފެނިފައިވާކަމަކަށް ނުބެލެވެއެވެ.

މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް