ކިޔެވުމުގެ ފުރުސަތު ނެތް، ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރުވާ ގޮތަށް، ނެޝަނަލް ސާވިސް ޕްރޮގްރާމެއް ފަށަން ކަމަށްރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުން ހާމަކުރީ އާދިއްތަ ދުވަހުގެ ރޭ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ބޭއްވި ރަސްމީ ޖައްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރައްވާ ވިދާޅުވާ ދިވެހި އަސްކަރިއްޔާގެ މަސައްކަތަށް ބޭނުންވާ ވަރަށް މީހުން ހޯދުމަށް މިހާތަނަށް މަސައްކަތެއް ނުކުރެވޭ ކަމަށާއި އެގޮތުން އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ތިބޭ އަދި އޭލެވެލް ނިންމައި ޑިގްރީއަށް ނުދެވި ތިބޭ ބައިވަރު ކުދިން އެބަތިބިކަމަށެވެ. އަދި އެ ކުދިންނަށް މުޖުތަމައުގައި ވަޒީފާ ވެސް ނުލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ރާއްޖޭގައި، ދިވެހިރާއްޖޭގެ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި، ނެޝަނަލް ސާވިސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ". ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައިވެއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ކުދިން މަސްތުވާތަކެއްޗާއި އެކި ކަހަލަ ނުބައި އަމަލުތަކަށް ހުށަހެޅެމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމައުއިންނާއި، އެ ކުދިންގެ އާއިލާއިން އުފުލަންޖެހޭ ބުރަ ބޮޑުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެކުދިންނަކީ އަސްކަރީ ތަމްރީނު ލިބި، ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ގައުމަށާއި ސިފައިންގެ ޚިދުމަތަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ކޮންމެ އަހަރަކު 1،000 ސިފައިން ތަމްރީނުކުރަންޖެހޭ ކަމަށެވެ.
އަދި ހަމައެއާއެކު ފުލުހުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުން 1،000 ފުލުހުން ތަމްރީނުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ސާވިސްގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފެށޭނެ ކަމަށެވެ.
އޭގެ ނަތީޖާއަކީ މަގުމަތީގައި ބާކީވެ ތިބުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ދަރީންތަކެއް ތަރުބިއްޔަތުވެގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ގާނޫނުގައިވާ ގޮތުންނަމަ ސިފައިން ނުވަތަ ފުލުހަކަށް ވެވޭނީ 18 އަހަރު ފުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް