ހަމާސްގެ ވެރިޔާ ހުރިތާކުން ހޯދާ މަރާލާނެކަމަށް ޔަހޫދީ ދިފާއީ ވަޒީރު ބުނެފި

ހަމާސްގެ ޣައްޒާ ގޮފީގެ ވެރިޔާ ޔަހްޔާ އައްސިންވާރު ހުރިތާކުން ހޯދައިގެން މަރާލާނެކަމަށްބުނެ އިސްރާއީލްގެ ދިފާއީ ވަޒީރު ޔުއާވް ގެލެންތު މިރޭ އިންޒާރެއް ދީފިއެވެ. ގެލެންތު މިހެން ބުނެފައިވަނީ އިޒްރޭލުން ...

04 Nov 2023 | 18:51

ހަމާސްގެ ޣައްޒާ ގޮފީގެ ވެރިޔާ ޔަހްޔާ އައްސިންވާރު ހުރިތާކުން ހޯދައިގެން މަރާލާނެކަމަށްބުނެ އިސްރާއީލްގެ ދިފާއީ ވަޒީރު ޔުއާވް ގެލެންތު މިރޭ އިންޒާރެއް ދީފިއެވެ.

ގެލެންތު މިހެން ބުނެފައިވަނީ އިޒްރޭލުން ހިންގަމުން އަންނަ ހަނގުރާމައިގެ އަދާހަމަ ދިނުމަށް މިރޭ ބޭއްވި ޕްރެސް ބްރީފިންގައެވެ.

އޭނާ މިރޭ ބުނެފައިވަނީ މި ހަނގުރާމަ ނިމޭއިރު ޣައްޒާގައި ހަމާސް ޖަމާއަތެއް ނޯންނާނެކަމަށާއި އަދި ޣައްޒާއިން އިޒްރޭލަށް ހަމަލާއެއް ދޭނެ ކަމުގެ ބިރެއްވެސް ނޯންނާނެކަމަށެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު މިހެން ބުނެފައިވާއިރު އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާދެމުންނެވެ. އެ ހަމަލާތައް ދެމުން އަންނަނީ ހަމާސް ނައްތާލައި ޣައްޒާގައި އިސްރާއީލުން ބޭނުންވާ ވެރިކަމެއް ގާއިމުކުރަން ކަމަށް ބުނެއެވެ.

އެހެންނަމަވެސް ހަމަލާތައް ދެމުން އަންނަނީ އާއްމު ރައްޔިތުންނަށާއި ކުޑަކުދިންނަށާއި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށްވެސް އަމާޒުކޮށެވެ. ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލުތަކާއި ރެފިއުޖީ ސެންޓަރުތަކަށްވެސް ބެލުމެއްނެތި އަންނަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން އެއެއް މިއެއް ބެލުމެއްނެތި ދެމުން އަންނަ މި ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިއަދު ވަނީ 9،572 އަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ 26 ހާހުން މައްޗަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް