އާއްމުގޮތެއްގައި ޣައްޒާގެ ރައްޔިތަކަށް މިހާރު ލިބޭ މިންވަރަކީ ދުވާލަކަށް ދެފޮތި ޕާން: އދ

ޣައްޒާގެ އާއްމު ހާލަތު އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވާކަމުގައި އދ އިން ބުނެފިއެވެ. އދ އިން އެހީފޯރުކޮށްދޭ ޖަމާއަތްތަކުގައި ފަލަސްތީނަށް ހާއްސަކޮށްފައިވާ އިސް ވެރިޔާ ކަމުގައިވާ ތޯމަސް ވައިޓް މިއަ...

04 Nov 2023 | 08:29

ޣައްޒާގެ އާއްމު ހާލަތު އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވާކަމުގައި އދ އިން ބުނެފިއެވެ.

އދ އިން އެހީފޯރުކޮށްދޭ ޖަމާއަތްތަކުގައި ފަލަސްތީނަށް ހާއްސަކޮށްފައިވާ އިސް ވެރިޔާ ކަމުގައިވާ ތޯމަސް ވައިޓް މިއަދު ބުނެފައިވަނީ އާއްމުގޮތެއްގައި ފަލަސްތީނުގެ ރައްޔިތަކަށް މިވަގުތު ލިބޭ މިންވަރަކީ ދުވާލަކަށް ދެ ފޮތި ޕާން (އަރަބި ޕާން – އަރަބި ޕާނަކީ ދިވެހިން މި ބޭނުންކުރާ ފަރާޓާއާއި ދާދި އެއްގޮތް ގޮތަކަށް ފިހެ އުޅޭ ޕާނެއް) ކަމަށެވެ. އަދި ބޯނެ ފެންފޮދެއްވެސް ނުލިބޭ ހިސާބަށް ހާލަތު ގޮސްފައިވާކަމަށެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާއަށް ފޯރުކޮށްދެމުންދިޔަ ފެނާއި ކަރަންޓު ކަނޑާލާފައެވެ. އަދި އެއްވެސް އިންސާނީ އެހީއެއް ނުލިބޭނެހެން ހުރިހާ ބޯޑަރެއްވެސް ބަންދުކޮށްފައެވެ.

ނަމަވެސް މިދިޔަ މަހުގެ 21 އިން ފެށިގެން ރަފަހަ ބޯޑަރު ހުރަސްކޮށް އެހީގެ ކޮންމެވެސް މިންވަރެއް މިހާރު ލިބެމުންދެއެވެ. ނަމަވެސް ހަނގުރާމައިގެ ކުރިން ކޮންމެ ދުވަހަކު އެވްރެޖްގޮތެއްގައި ހާހަކަށްވުރެ ގިނަ އެހީގެ ލޮރީ ދަތުކުރުކުރަމުންދިޔަ އެ ބޯޑަރުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 15 އެހީގެ ލޮރީވެސް ހަނގުރާމަ ފެށިފަހުން އެތެރެވިޔަ ދީފައެއް ނުވެއެވެ. އަދި އެހީގެ ހުއްދަ ކޮންމެވެސް މިންވަރަކަށް ދިން ނަމަވެސް ތެޔޮ އެތެރެކުރުމުގެ ހުއްދަ އެއްގޮތަކަށްވެސް ދީފައެއް ނުވެއެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 9،227 މީހަކު ޝަހީދުވެފައިވެއެވެ. މި އަދަދުން 3،826 އަކީ ކުޑަކުދިންނެވެ. 2،405 އަކީ އަންހެނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް