އިމްރާން ޚާން މަރާލަން އުޅުނީ ރައްޔިތުންނަށް އޮޅުވާލާ ދޮގުހަދާތީ: ހަމަލާ ދިން މީހާ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދިނީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދާތީ ކަމުގައި އެ ހަމަލާ ދިން މީހާ ބުނެފިއެވެ. އެ ހަމަލާ ދިން މީހާއާއި ޕާކިސްތާނު ފުލުހުން ސުވާލުކުރާ ވީޑ...

04 Nov 2022 | 14:48

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ބަޑިން ހަމަލާދިނީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދާތީ ކަމުގައި އެ ހަމަލާ ދިން މީހާ ބުނެފިއެވެ.

އެ ހަމަލާ ދިން މީހާއާއި ޕާކިސްތާނު ފުލުހުން ސުވާލުކުރާ ވީޑިއޯއެއް އާއްމުވެފައިވާއިރު އެ ވީޑިއޯގައި އެ މީހާ ބުނަނީ އުޅުނީ އިމްރާން ޚާން މަރާލަން ކަމަށާއި އިތުރު މީހަކަށް އަނިޔާއެއް ދޭން ބޭނުން ނޫންކަމަށެވެ.

އިމްރާން ޚާން މަރާލަން މަސައްކަތްކުރީ ކީއްވެތޯ ސުވާލުކުރުމުން އެމީހާ ބުނަނީ އިމްރާން ޚާން އަންނަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުމައްޗަށް ދޮގު ހަދަމުން ކަމަށެވެ.

ހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއްތޯ އެހުމުން އޭނާ ބުނަނީ ފަހަތުގައި އެއްވެސް މީހަކު ނުވަތަ ބަޔަކު ނެތްކަމަށާއި އެކަން ކުރީ އޭނާ އެކަނި ކަމަށެވެ. އަދި އެ ސަރަހައްދަށްވެސް ދިޔައީ އެކަނި، އަމިއްލަ ސައިކަލުގައި ކަމަށާއި އެ ބަޑިއަކީވެސް އަމިއްލަ ބަޑިއެއް ކަމަށެވެ.

އިއްޔެ އިމްރާން ޚާނަށް ހަމަލާ އަމާޒުވީ ޕާކިސްތާނުގެ ވަޒީރުއާބާދުންނެވެ. އެ ހަމަލާ އަމާޒުވިއިރު އިމްރާނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ މުޅި ގައުމަށް ދެމިގެންދާނޭހެން ސިޔާސީ ބޮޑު ޓުއަރ އެއް ކުރިއަށްގެންދަމުންނެވެ. ސިޔާސީ އެ ހަރަކާތުގެ މަގްސަދަކީ އަވަސް އިންތިހާބަކަށް ގޮވާލުމެވެ.

އިއްޔެގެ އެ ހަމަލާގައި ވަޒަން އަމާޒުވީ އިމްރާން ޚާންގެ ކަށިމައްޗަށެވެ. އިމްރާން ޕާޓީގެ އިތުރު ބައެއް އިސްވެރިންވެސް ޒަހަމްވެފައިވެއެވެ. އަދި އިމްރާންގެ ސަޕޯޓަރަކުވެސް މަރުވެފައިވެއެވެ.

ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވީނަމަވެސް، ހައްޔަރުކުރި އެމީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް