ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ދައްތާ ޕްލީޒް! ވީ އެއްވެސް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ.. އެކަމަކު އަދިވެސް ވަގުތު އެބައޮތް.. އާދޭސްކޮށްފަ ބުނަން ދައްތާ.. ކުރެވެން އެއުޅޭ ކައިވެނި ހުއްޓުވާ.. އާކިންއާ ނުލ...

04 Nov 2021 | 07:00

ކުރީގެ އަދަދާއި ގުޅޭ...

" ދައްތާ ޕްލީޒް! ވީ އެއްވެސް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ.. އެކަމަކު އަދިވެސް ވަގުތު އެބައޮތް.. އާދޭސްކޮށްފަ ބުނަން ދައްތާ.. ކުރެވެން އެއުޅޭ ކައިވެނި ހުއްޓުވާ.. އާކިންއާ ނުލާ އަހަރެންނަކަށް ނޫޅެވޭނެ.. ދައްތަމެން އަބަދުވެސް ބުނަމެއްނު އަހަރެން މީ ދައްތަގެ ބަނޑުން ނުވިހާ ދަރިއެކޭ.. ދަރިއެއްގެ ހައިސިއްޔަތުން އަހަރެން އަހަރެންގެ ލޯތްބަށް އާދޭސްކުރަން.. " ރީނާގެ އަތުގައި ނަޖުވާ އޭނާގެ ދެއަތުން ހިފައިލަމުން ބުންޏެވެ. އޭނާގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ އާދޭހެވެ. ރޮއެރޮއެ އޭނާގެ ދެލޯވަނީ ދުޅަވެ ރަތްވެފައެވެ. ތުންފަތްމަތިންވެސް ދުޅަވެ އަޑުވެސް ވަނީ މުޅިން ބަދަލުވެފައެވެ.

އިރުކޮޅެއްވަންދެން ރީނާ ހިމޭނުން ހުއްޓެވެ. ހީވަނީ އެކަމާ ވިސްނަނީހެންނެވެ. އޭރުވެސް މެދުނުކެނޑި ނަޖުވާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. ވަރަށް ވިސްނުމަށްފަހު ރީނާ ފުންނޭވައެއް ދޫކޮށްލިއެވެ.

" ފުރަތަމަ ކަމަކަށް ނަޖުވާ އެހާ ބޮޑުކަމެއް އަހަރެމެންނަށް ސިއްރުކުރީ.. ތަންކޮޅެއް ކުރިން އަހަރެންނަށް ތިކަންތައްތައް އެނގުނުނަމަ ކޮންމެވެސް ގޮތަކުން ތިއެދޭ ކަންތައް ކޮށްދެވުނިސް.. އެކަމަކު މިހާރު ވަގުތު ފާއިތު ވެއްޖެ.. ނަޖުވާ ދެން ރަނގަޅުވާނީ އާކިން މަތިން ހަނދާން ނައްތާލިއްޔާ.. އެނގޭ ފަސޭހަ ކަމަކަށް ނުވާނެކަން .. އެކަމަކު އާކިން އާ މެދު ކުރިން ދެކެމުން އައި ގޮތް ބަދަލުކޮށް ޅިޔަނެއްގެ ހައިސިއްޔަތުން ދެކެން ދަސްކުރަން ފަށަންވީ.. " ރީނާގެ ބަސްތައް ނަޖުވާގެ ހިތަށް ހެރުނީ ތޫނު ކަށިތަކެއް ފަދައިންނެވެ. ރީނާގެ އަތުން އޭނާއަށް ދޫކޮށްލެވުނެވެ. ގިސްލުމުގެ އަޑުކެނޑި ނަޖުވާގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ ވޭނީ އާހެކެވެ. ކޯތާފަތް ތެންމަމުން ގެންދިޔައީ މެދެ ނުކުނޑި އޮހެމުން ދިޔަ ހޫނު ކަރުނައިންނެވެ.

ރީނާ އެންމެ އިރުކޮޅަކުވެސް އެތާ ހުންނަން ނަހަދާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ރީނާ ލޯމައްޗަށް ގެއްލުމާއެކު ނަޖުވާއަށް އަޑުން އަޑުނަގާފައި ރޯން ފެށުނެވެ. މޫނުމަތީގައި އަތް އަޅައިގެން ރޮމުން ރޮމުން ނަޖުވާ އިންތަނަށް ތިރިވިއެވެ. އެވޭނީ ރުއިމުގެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާނެކަން ޔަގީނެވެ.

*************************

މިސްކިތުން ނިކުމެގެން އާކިން މިސްރާބުޖެހީ މުއީންމެން ގެއަށް ދިއުމަށެވެ. ނަޖުވާއާ ބައްދަލުކުރާކަށް ނޫނެވެ. ރޫބީ އާ ބައްދަލުކުރާށެވެ. ކައިވެނި ހުއްޓުވޭނޭ ހަމަ އެކަނި މީހަކީ ރޫބީ ކަމަށްވާތީއެވެ. ރޫބީ ކައިވެންޏަށް ދެކޮޅު ހަދައިފިނަމަ މައްސަލަ ހައްލުވީއެވެ. އެއަށްފަހު އޭނާގެ އާއިލާއަށް ނަޖުވާގެ ވާހަކަ ކިޔައިދޭނީއެވެ. އޭރުން އޭނާގެ އާއިލާ އުފަލުން ނަޖުވާ ބަލައިގަންނާނެކަން ކަށަވަރެވެ. މިފަދަ ގޮތަކަށް ސިކުނޑީގައި ކަންތައްތައް ރާވަމުން އޭނާ ގޮސް އެގެ ހުންނަ މަގަށް އެޅިއެވެ.

****************

ރީނާގެ ކޮޓަރިން ރޫބީ ނިކުތީ ބަދިގެއަށް ކާން ދިއުމަށެވެ. ރަނގަޅަށް ބަދިގެއަށް ނުވަދެވިގެން އުޅެނިކޮށް ގޯތިތެތެރެއިން ވޭނީ ރުއިމެއްގެ އަޑު އިވުނެވެ. ކާކުގެ އަޑުކަން އެނގުނު ހިނދު ރޫބީއަށް ގޯތިތެރެއަށް ނިކުންނަން ދެވުނެވެ. ދޮރުން ނިކުމެ ބަލައިލިއިރު ފެނުނު މަންޒަރުން ރޫބީގެ ހިތްކުދިކުދިވި ފަދައެވެ. ނަޖުވާއާ ދިމާލަށް ރޫބީއަށް ދެވުނީ ބޭއިޙްތިޔާރުގައެވެ. ރޮމުން ދިޔަ ނަޖުވާ އިންތަނުން ނެގީ ރޫބީއެވެ.

" ނަޖޫ ޕްލީޒް ހުއްޓާލަބަލަ... އާދޭސްކޮށްފަ މިބުނީ.." ރޫބީ އެހެން ބުނިއިރު އޭނާއަށް ވެސް ރޮވިއްޖެއެވެ.

" ރޫބީ... އަހަރެންނަށް އާކި އާ ނުލާ ނޫޅެވޭނެ.. މިކައިވެނި ހުއްޓުވައިދީ.. ޕްލީޒް.." ނަޖުވާ އާދޭސް ކުރަމުން ބުންޏެވެ. ރޫބީ ވަގުތުން ހިމޭންވިއެވެ. މިފަހަރު އެކަމަކަށް ދޭނެ ޖަވާބެއް ނެތުމުންނެވެ. ނަޖުވާގެ ގައިން ދޫކޮށްލަމުން ރޫބީ ދާން ހިނގައިގަތެވެ.

" ރޫބީ... މިހާރު ހަމައެކަނި އުއްމީދަކީ ތީ.. ރޫބީ މިކައިވެންޏަށް އިންކާރު ކޮށްފިނަމަ ހުރިހާ މައްސަލައެއް ހައްލުވާނެ.." ދެލޯ ފޮހެން މަސައްކަތް ކުރަމުން ނަޖުވާ ބުންޏެވެ.

" އަހަރެންނަށް އެނގޭ ރޫބީ އަހަރެންގެ ހިތްހަލާކުވިޔަ ނުދޭނެކަން.. ކޮންމެވެސް ގޮތަކުން ކައިވެނި ހުއްޓުވާނެކަން.. އެކަމަކު ކުރާކަމެއް އަވަހަށް ކުރަން އެބަޖެހޭ.. މާދަން ރަން ކިޔާ މީހުން އަންނާނެ.." ރޫބީއާ ގާތަށް ޖެހިލަމުން ނަޖުވާ ބުންޏެވެ. ރޫބީ ހިންދިރުވައިލީ ހިތަށް ކުރަމުން ދިޔަ ފުންއަސަރު ފޮރުވައިލުމުގެ ގޮތުންނެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އެތެރެއަށް ހިންދާލަން މަސައްކަތް ކުރަމުން ރޫބީ ނަޖުވާ އާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

" ސޮރީ ނަޖޫ.. އަހަރެން ވަރަށް ވިސްނައިފިން... އަހ... އަހަރެން ބޭނުން.. އާކ.. އާކި... އާކިން އާ ކަ..ކައިވެނި ކުރަން.. " ރޫބީގެ ބަސްތައް ނަޖުވާގެ ހިތަށް ހެރުނީ ރުވާފައި އައި ތީރެއް ފަދައިންނެވެ. ހިނދުކޮޅަކަށް ނަޖުވާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. ފައިން ވަރުދޫވެ ވެއްޓެން އުޅޭހެންވެސް ހީވިއެވެ.

" ރޫބީ... ކީކޭ ތިކިޔަނީ.. ؟" ރޫބީ ދެއްކި ވާހަކަ ޤަބޫލުނުކުރެވިފައިހުރެ ނަޖުވާ އަހައިލިއެވެ.

" ރަނގަޅަށް ތި އިވުނީ.. ކައިވެންޏަށް އިންކާރު ކުރާކަށް އަހަރެން ބޭނުމެއް ނޫން.. އަސްލު ނަޖޫއަށް ވުރެ ކުރިން އާކިންއަށް ހިތް ކީ އަހަރެން... އެކަމަކު އަހަރެންނަށްވުރެ ކުރިން އާކިންގެ ހިތް ކާމިޔާބު ކުރީ ނަޖޫ.. އެކަމަކު އަނެއްކާވެސް އަހަރެންނަށް މިއޮތީ ފުރުސަތެއް ލިބިފައި.. މިފުރުސަތު ގެއްލޭކަން އަހަރެން ބޭނުމެއްނޫން.. " ހިތްމަތީގައި ހިލަގަނޑެއް ބާއްވާފައި ރޫބީ ބުންޏެވެ.

" ނަޖޫ ދެން ރަނގަޅުވާނީ އާކިން މަތިން ހަނދާން ނައްތައިލުން.. އެއީ ހަމައެކަނި އަހަރެންގެ ހައްޤެއް.." މިހެން ބުނުމަށްފަހު މަޑުނުކޮށް ރޫބީ ގޮސް ގޭތެރެއަށް ވަނެވެ. އެހުރިހާއިރު ދޮރުފަތް ބިއްދޮށުގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރި އާކިން ނިކުތެވެ. ރޫބީގެ ވާޙަކަތަކުން އެއީ ކިހާވަރެއްގެ ހިތްހަރު އަންހެނެއްކަން އާކިންއަށް އެނގި ސާބިތުވެއްޖެއެވެ. އާކިންގެ ހިތް ރޫބީއަށްޓަކައި ނަފްރަތުން ފުރުނީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އާކިން ބަލައިލީ ގޯތި ތެރޭގައި ހުރި ނަޖުވާ އަށެވެ. ތަނުގައި ޖެހި ބުދެއްހެން އެސްފިޔަ ޖަހައިލަންވެސް ނޭނގިފައި ނަޖުވާ ހުއްޓެވެ. ރީނާގެ ބަސްތަކަށްވުރެ ބޮޑަށް ނަޖުވާއަށް އަސަރު ކުރަމުން ދިޔައީ ރޫބީގެ ބަސްތަކުންނެވެ. އެންމެ ގާތް އެކުވެރިއަކަށްވެ ހުރެ ރޫބީ އޭނާއަށް އެދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟ ނަޖުވާ ކައިރިއަށް ދާނެ ހިތްވަރެއް އާކިންއަކަށް ނުލިބުނެވެ. ކައިވެނި ހުއްޓުވަން އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް އިރު ނަޖުވާ ކައިރިއަށް ގޮސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އާއިލާގެ އެދުމުގައި ކޮޅުންފައިން ޖެހެން ނެތްއިރު ނަޖުވާ ކައިރިއަށް ގޮސް ވަކި ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟

*******************

ރީނާގެ ކޮޓަރިއަށް ރޫބީ ވަންއިރު އަލަމާރި ކައިރީގައި ހެދުންތައް ކޮނޑުއަޅުވަން ރީނާ ހުއްޓެވެ. ދުވެފައި ކަހަލަ ގޮތަކަށް ރޫބީ ގޮސް ރީނާ ގައިގައި ބައްދައިގަތެވެ. އެއާއެކު ރޫބީގެ ބަޑި ފަޅައިގެން ގޮސް ރޮއެ ގަނެވިއްޖެއެވެ.

" މަންމާ ނަޖޫ.. އަހަރެން މިއައީ ނަޖޫގެ ހިތްހަލާކު ކޮށްލާފަ..." ރޫބީ ރޮމުން ރޮމުން ބުންޏެވެ.

" ނަޖޫގެ ހިތްހަލަކުވީއޭ.. އެއީ؟ ބައްޕަގެ ވާހަކަ ނަޖޫ ކައިރީގައި ބުނީތަ؟" ނަޖުވާ ދެއްކި އެއްވެސް ވާހަކައެއް ނޭނގޭކަމަށް ހެދެމުން ރީނާ އަހައިލިއެވެ. ބުނެވުނު އެއްޗެއް ރޫބީއަށް ވިސްނުނީ ދެނެވެ. ރީނާއާ ދުރުވެލަމުން ރޫބީ އޭނާގެ ދެލޯ ފޮހެލިއެވެ.

" މަންމާ! ބައްޕަގެ ވާހަކަ ނަޖޫއަށްވެސް އެނގެން ޖެހޭނެއްނު.." ރޫބީ ބުންޏެވެ.

" ނޫން.. އެވާހަކަ ރޫބީއަށްވެސް އަންގަން މަންމަމެން ބޭނުމެއްނުވި.. ނަޖުވާ މަންމައާ ބައްޕަދެކެ ނުލާހިކު ލޯބިވޭ.. މަންމަ ބޭނުމެއްނޫން އެއްވެސް ހާލެއްގައި ނަޖޫއަށް އެވާޙަކަ އެނގޭކަށް.." ރޫބީއަށް ފުރަގަސް ދެމުން ރީނާ ބުންޏެވެ. އަނެއްކާވެސް ރޫބީއަށް ރޮވެން އުޅުމުން އޭނާ ގޮސް އެނދުގައި އިށީނެވެ. ނަޖުވާ ކައިރީގައި ދޮގު ވާހަކަތަކެއް ދައްކަން ޖެހުނީވެސް މުއީންގެ ވާހަކަ ނަޖުވާއަށް ސިއްރުކުރުމުގެ ގޮތުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި ހަޔާތް ބަދަލުވެގެން ދިޔަ ގޮތް އަދިވެސް ރޫބީއަށް ޤަބޫލުކުރަން ދައްޗެވެ. އެނދުމަތީގައި އޮތް ފޯނު ނެގުމަށްފަހު ރޫބީ ފޯނު ހުޅުވައިލިއެވެ. ފޯނުގެ ކޮންޓެކްޓްގައި އޮތް ސައިފްގެ ނަމްބަރަށް ފިއްތައިލިއެވެ. އެއަށްފަހު ހިތްމަތީގައި ހިލަގަނޑެއް ބޭއްވުމަށްފަހު ސައިފްގެ ނަމްބަރު ފޯނުން ޑިލީޓް ކޮށްލިއެވެ. މުޅި އުމުރަށް ސައިފްގެ ނަން ހިތުންވެސް ފޮހެލުމުގެ އުއްމީދުގައެވެ.

*******************

ހަފްތާއެއް ފަސް

ޑެރެސިންގް ޓޭބަލް ކުރިމަތީގައި އިން ރޫބީގެ ދެލޯ އަމާޒުވެފައިވަނީ ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުން އޭނާގެ ސޫރައަށެވެ. ހުދުކުލައިގެ ބޮޑު ހެދުމެއްގައި އިން އިރު އެކި ފަރާތް ފަރާތުން މީހުން އޭނާ ރީތިކުރުމުގައި އުޅުނެވެ. ބޮލުމެދަށް ބޮޑު ހުޅިއެއް ޖަހާފައި ހުރިއިރު ނިތްކުރިމައްޗަށް ވެއްޓިފައި އޮތްބައި ވާތް ފަރާތު ލޮލާ ދިމާލަށް ވާގޮތަށް އެއްކައިރި ކޮށްލެވިފައިވިއެވެ. ރޫބީ އެތާ އިން އިރު މަރުވެފައިވާ މައްޔިތެއް ފަދައެވެ. މޫނުމައްޗަށް ވެރިވެފައިވާ ބަނަކަން ފޮރުވިފައިވަނީ މޭކަޕްގެ މޮޅު އުކުޅުތަކުންނެވެ.

" ވަގުތު ޖެހިއްޖެ ދަރިފުޅާ.." ރޫބީގެ ފަހަތުން ދެކޮނޑުގައި އަތް ބާއްވައިލަމުން ރީނާ ބުންޏެވެ. ރޫބީ އިންތަނުން ތެދުވިއެވެ. އެއްވެސް ދިރުމެއް ނެތްފަދަ ގޮތަކަށް ރީނާއާ ދިމާލަށް ބަލައިލިއެވެ.

" މާޝާﷲ.. މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ މިރޭ.. " ރޫބީގެ ދަތްދޮޅީގައި ހިފައިލަމުން ރީނާ ބުންޏެވެ. އެވަގުތު އެތަނަށް އައިސް ވަން މުއީނަށްވެސް ރޫބި ފެނި ތަޢުރީފުކޮށްލެވުނެވެ.

" އަވަސް ކުރޭ! އިރުކޮޅަކުން ގާޒީ އާއި އޭނާގެ ޓީމު އަންނާނެ.." ފުރިގެން އައި ދެލޯ ފޮހެލަމުން މުއީން ބުންޏެވެ. އެއަށްފަހު އޭނާ އަވަހަށް އެތަނުން ދިޔައީ އޭނާގެ މޫނުމަތިން ފެންނަން ފެށި ފުން އަސަރު ރޫބީއަށް ފެނިދާނެތީއެވެ. ނަމަވެސް އެކަން ރޫބީއަށް ސިއްރެއް ނުވިއެވެ. ދެލޯ ފުރިގެން އައި ވަގުތު ރޮނގަކަށް ކަރުނަ ފައިބަން ފެށިއެވެ.

" އުނހު މިރޭ ރޮއެގެން ނުވާނެ.. ބައްޕަގެ ކުރިމަތިން ރޫބީ ދާން ޖެހޭނީ ހިނިތުންވެ ހުރެ.. " ޓިޝޫއަކުން ރޫބީގެ ދެލޯ ކައިރި ފޮހެދެމުން ރީނާ ބުންޏެވެ. އެއަށްފަހު އެނދުމަތީގައި އޮތް އޮރެންޖު ކުލައިގެ މާބޮނޑި ގެނެސް ރޫބީގެ އަތަށް ލައިދިނެވެ. އެވަގުތު ޒޫނީ އައިސް ކޮޓަރިއަށް ވަނެވެ.

" މާޝާﷲ.. ފަހަރި ހާދަ ލޯތްބޭ" ރޫބީއަށް ތައުރީފުކޮށްލަމުން ޒޫނީ ބުންޏެވެ. ޕިންކު ކުލައިގެ އަތް ދިގު މެކްސީއެއްގައި ހުރި ޒޫނީވެސް ފެންނަލެއް ވަރަށް ހިތްގައިމެވެ.

" ހިނގާ ދާން.." އަނެއް ފަރާތުން ރޫބީ ކައިރީގައި ހުއްޓެމުން ޒޫނީ ބުންޏެވެ. ރޫބީ ގޮވައިގެން ސިޓިންގްރޫމަށް ނިކުތީ ޒޫނީއާއި ރީނާއެވެ. ނަޖުވާގެ ކޮޓަރި ހުރަސްކޮށް ގޯތި ތެރެއަށް ނިކުންނަން ދިޔަ ވަގުތު ރޫބީއަށް ލޮލުގެ ކަނަކުން އެކޮޓަރިއާ ދިމާލަށް ބަލައިލެވުނެވެ. މިވަގުތު ނަޖުވާގެ ހިތަށް ކުރާނެ އަސަރު ރޫބީއަށް އަންދާޒާ ކުރެވެއެވެ. އެދުވަހުގެ ފަހުން ނަޖުވާ އެއްގޮތަކަށް ރޫބީއަށް ނުފެނެއެވެ. ރޫބީ އުއްމީދުކުރީވެސް ކައިވެނި ކުރެވެން ދެން ނަޖުވާގެ އޭނާގެ ލޮލަށް ނުފެނުމެވެ. ކައިވެނީގެ މަޖިލީހަށް ވަދެވުނުއިރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އިންތިހާ އަށް އުފާވެރިކަމެވެ. އާކިން ފިޔަވައެވެ. ޖެހި ބުދެއްހެން އޭނާ މޭޒުކައިރީގައި އިނެވެ. ޒޫނީ ގޮސް ރޫބީ އާކިން ކައިރީގައި ބޭންދިއިރުވެސް އާކިން އިސްއުފުލާ ބަލައިވެސް ނުލައެވެ. މިވަގުތު އާކިން ދެރަވާނެވަރު ރޫބީއަށް އިހުސާސް ކުރެވެއެވެ. ނަމަވެސް ނަޖުވާއާއި އާކިން އަށްޓަކައި އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ.

ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު ރޫބީ ކަނުލައި އަޑުއަހަމުން ދިޔައެވެ. އެ ހުތުބާއިން އޭނާއަށް ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. ކައިވެނީގެ ގުޚުމަކީ ކިހާ ވަރުގަދަ ގުޅުމެއްކަމާއި ފިރިމީހާގެ މުހިންމުކަން ކިޔައިދެމުން ދިޔައިރު ކޮންމެ ގޮތަކުންވިޔަސް އެކައިވެނި ދަމަހައްޓަން ރޫބީގެ ހިތުގައި އަޒުމު ކަނޑައެޅިއެވެ. އަނބި އަޤުދު ކޮށްދީފީމޭ ބުނިވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ އާކިން އަށެވެ. އެތަނުން މީހަކު އާކިން ކައިރީގައި ސިއްރުން އަނބި ޤަބޫލުކޮށްފީމޭ ބުނުމަށް އެދުނެވެ. އެހެންނަމަވެސް އާކިން އިނީ މުޅިން ހިމޭންވެފައެވެ.

ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 07 ނޮވެމްބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް