ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... " ވީކަމެއް ވީ... އެކަމަކު އަދި ލަހެއް ނުވެއެއްނު.. އާކި މަންމަމެން ކައިރީގައި ބުނެބަލަ އާކި ލޯބިވަނީ އަހަރެން ދެކެއޭ.. " އާކިންގެ އަތްތިލައިގައި ހިފައިލަމުން ނަޖުވާ ބުންޏެވެ. ...

31 Oct 2021 | 06:16

ކުރީގެ އަދަދާއި ގުޅޭ....

" ވީކަމެއް ވީ... އެކަމަކު އަދި ލަހެއް ނުވެއެއްނު.. އާކި މަންމަމެން ކައިރީގައި ބުނެބަލަ އާކި ލޯބިވަނީ އަހަރެން ދެކެއޭ.. " އާކިންގެ އަތްތިލައިގައި ހިފައިލަމުން ނަޖުވާ ބުންޏެވެ. އާކިން ނަޖުވާ އާ ދިމާލަށް ބަލައިލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ.

" ކިހިނެއްވީ އާކީ.. އަނެއްކާ އާކިވެސް ރޫބީއާ މެރީ ކުރަން ބޭނުންވަނީތަ؟" އާކިންގެ މޫނުމަތިން ފެނުނު ކުލަވަރުން ނަޖުވާއަށް އަހައިލެވުނެވެ.

" ނޫން ނޫން ނަޖް ޕްލީޒް ތިގޮތަށް ނުވިސްނަބަލަ.. އަހަރެން ހަމައެކަނި ލޯބިވަނީ ނަޖް ދެކެ.. އަހަރެން މިއުޅެނީ އަދި މަމް އާއި ބައްޕަ ކައިރީ އެވާހަކަ ދައްކަން ނުކެރިގެން.. އެމީހުން ތިބީ ވަރަށް އުފަލުން... އެއުފާވެރިކަން ގެއްލުވާލާނެ ހިތްވަރެއް ނުލިބުނު.." ނަޖުވާގެ އަތުގައި ހިފައިލަމުން އާކިން ބުންޏެވެ. ނަޖުވާ ކައިރިއަށް ރުޅިއައީ ބޭއިޙްތިޔާރުގައެވެ.

" ދެން އަހަރެންނޯ.." އާކިންގެ އަތް ފޮޅުވައިލަމުން ނަޖުވާ ބުންޏެވެ.

" އަހަރެންގެ އުފާވެރިކަން ކޮބާ... އަހަރެންގެ ހިތްހަލާކުވިޔަސް އާކީއަށް އެންމެ ރަނގަޅުތަ... " ނަޖުވާ އެހެން ބުނިއިރު އޭނާގެ އަޑުގައި ތުރުތުރުއަޅައެވެ.

" އެހެނެއްނޫނޭ ނަޖް.. ޕްލީޒް އަހަރެންގެ ސައިޑުންވެސް ވިސްނަބަލަ... ޤަބޫލުކުރަން ކުށްވެރިއަކީ އަހަރެން ކަން.. އަހަރެންނަށް ކުރިން އެމީހުން ކައިރީގައި އަހަރެމެންގެ ގުޅުމުގެ ވާހަކަ ނުބުނެވުނީ.. މިހާރު އެމީހުން އެތިބީ މުޅިން އެހެން އުއްމީދެއްގައި.. މުއީންބެ އަކީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ.. އަހަރެންނަށް ބުނެވޭ ބަހަކުން ބައްޕަ އާއި މުއީންބެގެ ގުޅުމެއް ބުރޫއެއް އަރައިފާނެތީ އަހަރެން ޖެހިލުންވަނީ.. އޭރުން މަންމައާއި ބައްޕަ ވަރަށް ދެރަވާނެ.. އާއިލާގެ މަސްލަހަތު ގެއްލޭނެ.. އެންމެންވެސް ވަރަށް އުފަލުން ތިބީ... އެހެންވެ އަހަރެން ޖެހިލުންވަނީ.." އަނެއްކާވެސް ނަޖުވާ ކައިރިއަށް ޖެހިލައި އޭނާގެ އަތުގައި ހިފައިލަމުން އާކިން ބުންޏެވެ.

" ފޯރ ގޯޑްސް ސޭކް އާކީ.. އެހެން ހުރިހާ މީހުންނާ ދޭތެރޭގަ އާކި އަށް ވިސްނޭ.. އެކަމަކު އަހަރެން ފިޔަވައި.. " ރުޅި އާއި ރިހުން އެކުލެވިފައިވާ ރާގެއްގައި ނަޖުވާ ބުންޏެވެ. އާކިން ފުންނޭވައެއް ދޫކޮށްލަމުން އިސްޖަހައިލީ ނަޖުވާއަށް ވިސްނައިދޭނެ ގޮތެއް ނޭނގުމުންނެވެ.

" އޯކޭ އާކީ.. އަހަރެންނަށް އެނގޭ އާކިއަށް އުނދަގޫވާނެކަން.. އެއީ އާކިގެ މައިންބަފައިން އޮބްވިއަސްލީ މުހިންމުވާނީ އެމީހުން.. އަހަރެން އެކަމަކާ ޝަކުވާއެއް ނުކުރަން.. އެކަމަކު އެންމެ ކުޑަމިނުން އެމީހުންނާ ވާހަކަ ދައްކަން މަސައްކަތް ކުރެވިދާނެއްނު.. ޕްލީޒް އާކި.. އަހަރެންނަށްޓަކައި އެވަރުގެ ކަމެއް ކުރެވިދާނެއްނު.. ޕްލީޒް.." ފަހު ޖުމްލަ ބުނެލިއިރު ނަޖުވާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އާކިން އިރުކޮޅަކު އިސްޖަހައިލައިގެން ހުއްޓެވެ. ޙުދު އޭނާގެ ހިތަށް ކުރަމުންދާ ފުންއަސަރު ނަޖުވާއަށް އިހުސާސްވާނެ ނަމައޭ ހިތަށް އެރިއެވެ. މިވަގުތު ނަޖުވާއަށް ބަލައިލައިފިނަމަ ދެލޮލުތެރޭގައި ހިފަހައްޓައިފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަންނާނެކަން ކަށަވަރެވެ.

" އާކި ޕްލީޒް ކޮންމެވެސް އެއްޗެކޭ ބުނެބަލަ... " އާކިންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ނަޖުވާ ބުންޏެވެ. އާކިން އިސްއުފުލާ ނަޖުވާއާ ދިމާލަށް ބަލައިލަން އުޅުނު ވަގުތު ޖީބުގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ޖީބުން ނަގާފައި ބަލައިލިއިރު ސްކްރީނަށް އަރައި އޮތް އަރީކްގެ ނަން ފެނުމުން ފޯނު ސައިލެންޓަށް ލާފައި އަލުން ޖީބަށް ލިއެވެ.

" ނަޖް.. އަހަރެންނަށް އަދި ވަގުތުކޮޅެއްދީ.. އަހަރެން މަމް އާއި ބައްޕައާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރާނަން.." އާކިން ބުންޏެވެ.

" އޯކޭ އާކި ބޭނުން ވަގުތެއް ނަގަންވީ.. އެކަމަކު.." ނަޖުވާގެ ވާހަކަ ފުރިހަމަ ނުކުރެވުނީ އަނެއްކާވެސް އާކިންގެ ފޯނު ރިންގުވާން ފެށުމުންނެވެ. މިފަހަރުވެސް ނަގާފައި ބަލައިލިއިރު ގުޅަނީ އަރީކެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނުނަގާ ހުންނާކަށް އާކިންއަކަށް ނުކެރުނެވެ. ފޯނު ނެގުމަށްފަހު ހެލޯއޭ ނުބުނެވިގެން އުޅެނިކޮށް އަރީކް ބުނި އެއްޗަކުން އާކިންގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ފެށިއެވެ. މިދަނީއޭ ބުނުމަށްފަހު ފޯނުބާއްވަމުން އާކިން ނަޖުވާއަށް ބަލައިލިއެވެ.

" ނަޖް އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ.. އިރާދަކުރެއްވިއްޔާ އަހަރެން މިރޭ ހަމަ މިތަނުން ނަޖް އާ ބައްދަލުކުރާނަން.." އެހެންބުނެ ނަޖުވާގެ އަތަށް ފިއްތައިލުމަށްފަހު އާކިން ގެއަށް ދާން ހިނގައިގަތެވެ.

އާކިންއަށް ގެއަށް ވަދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. އަރީކް ގުޅާފައި އައްބާސް އަނބުރައިގަނެގެން އުޅޭ ވާހަކަ ބުނުމުން އާކިން އެއައީ ފަޔަށް ލެވުނުހާ ބާރެއްލާފައި ހިނގަމުންނެވެ. ކޮޓަރިއަށް ވަތްންއިރު އައްބާސް އެނދުގައި ބާއްވަފައި އޮތެވެ. އައްބާސްގެ އެއްފަރާތުގައި އޭނާގެ ބޮލުގައި ފިރުމަން ހުރާޝާ އިނެވެ. އަނެއްފަރާތުގައި އަމްރާ އިން އިރު އޭނާ އައްބާސްގެ ލޭގެ ޕްރެޝަރު ޗެކް ކުރަމުން ދިޔައެވެ. އަރީކާއި ޒޫނީ އެނދު ކައިރީގައި ކޮޅަށް ތިއްބެވެ.

" ކިހިނެއްވީ ބައްޕައަށް..." އައްބާސް ކައިރީގައި އިށީނދެ އޭނާގެ އަތްތިލައިގައި ހިފަހައްޓައިލަމުން އާކިން އަހައިލިއެވެ.

" ކައި ނިމިގެން ސިޓިންގްރޫމްގަ އިނދެފަ ކޮޓަރިއަށް ދާންވެގެން ތެދެވިތަނާހެން އެނބުރުން އަރައިގެން ވެއްޓުނީ.." ވީގޮތް ކިޔައިދެމުން އަރީކް ބުންޏެވެ.

" ދޮންތަ ބީޕީ ޗެކް ކުރިއިރު ވަރަށް މަތިކޮށް ހުރީ.. އިރުކޮޅެއް ކޮށްލާފައި އަނެއްކާވެސް ބަލައިލަނީ މިހާރު." އޭނާގެ ވާހަކައަށް އިތުރުކޮށްލަމުން އަރީކް ބުންޏެވެ.

" މިހާރު ކުޑަކޮށް ދަށްވެއްޖެ.. އެކަމަކު އަދިވެސް ނޯރމަލްއެއް ނޫން.. ބައްޕަ ބޭސް ނުކަނީތަ؟" އަމްރާ އަހައިލިއެވެ.

" މިއަދު ބޭސްކާން ބައްޕަ ހަނދާން ނެތުނީ..." ބަލި އަޑަކުން އައްބާސް ބުންޏެވެ.

" އެކަމަކު އެންމެ ދުވަހަކު ބޭސް  ނުކެއިމަ އެހާ މަތިވާންވީ ކީއްވެ.. ބައްޕަ ކަމަކާ ފިކުރު ކުރަނީތަ؟" ޒޫނީ އަހައިލިއެވެ. ހުރާޝާ އިސްޖަހައިލީ އައްބާސް ވިސްނަނީ ކޮންކަމަކާކަން އެނގޭތީއެވެ.

" ތެދެއް ބައްޕާ.. ކޮންކަމަކާ ވިސްނަނީ..؟" އައްބާސްގެ އަތުގައި ފިރުމައިލަމުން އާކިން އަހައިލިއެވެ.

" ނުވިސްނަމޭ ބައްޕަ އެއްވެސް ކަމަކާ.. ދެން އުމުރުން ދުވަސްވާ ވަރަކަށް ޕްރެޝަރާ އެއްޗެހިވެސް މައްޗަށް ދާނެއްނު..." ހިނިތުންވާން މަސައްކަތް ކުރަމުން އައްބާސް ބުންޏެވެ. އެވަގުތު އަމްރާ ބޭސް ގެނެސްދިނުމުން އައްބާސް ބޭސް ގުޅަ ފެންތައްޓަކާއެކު ދިރުވައިލިއެވެ.

" އޯކޭ ބައްޕަ ނުބުންޏަސް އެކަމަކު ދެން އެއްވެސް ކަމަކާ އެހާ ބޮޑަށް ނުވިސްނާތި.. " އަރީކް އައްބާސްގެ ފައި އޮތް ކޮޅުގައި އިށީންނަމުން ބުންޏެވެ.

" ކޮންކަމަކާތަ ބައްޕަ ވިސްނާނީ.. ބައްޕަދެކެ ތިހާ ލޯބިވާ ދަރިންތަކެއް ތިބީމަ ބައްޕަ ނުލާހިކު އުފާވޭ.. އަދި ވަކިން ހާއްސަކޮށް އާކިގެ ކައިވެނި ކުރެވެން އުޅޭތީ އުފަލުގެ ކޮޅެއްނެތް.. އެވެސް އަދި ބައްޕަގެ އެންމެ ގާތް ރަޙުމަތްތެރިޔާގެ ހުރި ހަމައެކަނި ދަރިއާ.. މިކައިވެނީގެ ސަބަބުން އަހަރެމެންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ.. " އައްބާސް ބުންޏެވެ. އެންމެންގެ ނަޒަރު އާކިންއަށް އަމާޒުވަމުން އޭނާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެތެރެއިން ހިތް ފިސްފިސްވާހެން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ކަންތައްވަމުންދާ ގޮތުން އަމުދުން އައްބާސް ކައިރީގައި ނަޖުވާގެ ވާހަކަ ދައްކާކަށް ނުކެރެނޭއެވެ. އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިންމީ އޭނާގެ މައިންބަފައިންނެވެ. އެމީހުން އޭނާއާ ދޭތެރޭ ކުރަމުން އައި އުއްމީދުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. ނަމަވެސް އޭނާ ދެން ނަޖުވާއާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ ނަޖުވާއަކީ އޭނާގެ އަލަތު ލޯތްބެވެ. ނަޖުވާގެ ހިތްހަލާކުކޮށްލާނެހާ ހިތްވަރެއްވެސް އޭނާގެ ކިބައަކު ނެތެވެ. ހަތަރު އުދަރެސް ފެނުޖެހޭހެން ހީވާން ފެށުމުން އާކިން އިންތަނުން ތެދުވިއެވެ. އެވަގުތަކީ އަސުރު ނަމާދަށް ބަންގިގޮވަން ފެށި ވަގުތެވެ. ބަންގީގެ ހިތްގައިމު ކަލިމަތައް އިވެން ފެށުމުން އޭނާ ބޭނުންވީ ވަގުތުން މިސްކިތަށް ދާށެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންކަން އޭނާއަށް ވިސްނޭތީއެވެ.

********************

ގެއަށް އައިސް ވަންއިރުވެސް ނަޖުވާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ބޭނުންވީ އެންމެ ގާތް ރަޙުމަތްތެރިޔާގެ ކޮނޑުގައި ބޯއަޅަލައިގެން އޮވެ ރޯލުމަށެވެ. ނަމަވެސް މިވަގުތު ރޫބީވެސް އޭނަ ފަދައިން ތަހައްމަލް ކުރަމުންދާނެ ވޭނާއި ހިތާމަ ނަޖުވާއަށް އިހުސާސް ކުރެވެއެވެ. ރޫބީ ރީނާއާ ވާހަކަ ދައްކަން ދިޔަ ފަހުން އަދި ރޫބިއާ ބައްދަލު ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ. އޭގެ ފަހުން ރޫބީ ލޮލަށް ނުވެސް ފެނެއެވެ. ރޫބީ ކޮބައި ހެއްޔެވެ؟ ރީނާ އާއި މުއީން ކައިރީގައި އެވާހަކަ ދެއްކީ ހެއްޔެވެ؟ މިފަދަ ހިޔާލުތަކެއްގައި ހުރެ ނަޖުވާ ގޮސް އެމީހުން އުޅޭ ކޮޓަރިއަށް ވަނެވެ. އެއްވެސް ދިމާލަކުން ރޫބީ ފެންނާކަށް ނެތެވެ. ކޮޓަރިން ނިކުމެގެން ނަޖުވާ މިސްރާބުޖެހީ ރީނާމެންގެ ކޮޓަރިއަށް ދިއުމަށެވެ. ހަމައެވަގުތު އޭނާގެ ކޮޓަރިން ނިކުމެގެން އަންނަ ރީނާ ފެނުނެވެ.

" ނަޖޫ ކޮންތާކުންތަ ތިއައީ؟ ޑިއުޓީ އިނީ މިރޭ ދަންވަރު ނޫންތަ؟ ދައްތަ ވަރަށް ހޯދައިފިން.." ނަޖުވާ ކައިރިއަށް ހުއްޓެމުން ރީނާ ބުންޏެވެ.

" ދައްތާ ކޮބާ ރޫބީ؟" ރީނާ ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ނަޖުވާ އަހައިލިއެވެ. ނަޖުވާގެ މޫނު ރީނާއަށް ރަނގަޅަށް ފެނުނީ އެވަގުތުއެވެ. ބަލާބެލުމަށް ހީވަނީ ރޮއެރޮއެ ނަޖުވާގެ ދެލޯ ރަތްވެ ދުޅަވެފައި ހުރިހެންނެވެ. އަނެއްކާ މުއީންގެ ވާހަކަ ނަޖުވާ ކައިރީގައި ބުނީހެއްޔޭ ރީނާގެ ހިތަށް އެރިއެވެ.

" ނަޖޫ ލޮލަށް ކިހިނެއްވެފަތަ އެހެރީ.. ރޮއެފަތަ؟" ޔަގީން ކޮށްލުމުގެ ގޮތުން ރީނާ އަހައިލިއެވެ.

" ނޫން.. އެލާޖިކެއް ކަންނޭނގެ.. ދެލޮލަށް ދިލަނަގާފައި ހިރުވަނީ...." ނަޖުވާ ދޮގެއް ހަދައިލިއެވެ. ރީނާ ވާހަކަ ދައްކާ ގޮތުން ރޫބީ އެއްވެސް ވާހަކައެއް ރީނާ ކައިރީގައި ނުދައްކާކަން ނަޖުވާއަށް އެނގުނެވެ.

" ހިނގާ ދައްތައާ އެކު ޑޮކްޓަރަށް ދައްކާލަން.... " ރީނާ ބުންޏެވެ.

" ނޫނޭ ދައްތާ އެކަން ރަނގަޅުވެދާނެ.. ދެން ބުނެބަލަ ކޮބާތަ ރޫބީ؟" އަނެއްކާވެސް ނަޖުވާ އަހައިލިއެވެ.

" ރޫބީ އެބަ އޮތް ދައްތަ ކޮޓަރީގައި ނިދިފައި.. ވަރަށް ބޮލުގައި ރިއްސާތީ އުޅެފައި ނިތްކުރީގައި ބާމް ކޮޅެއް އުނގުޅައިދިނީމަ ނިދުނީ.. ނަޖޫވެސް ދޭބަލަ ފެންވަރައިލައިގެން އަންނަން ދައްތައާ އެކު ތި ލޯ ޑޮކްޓަރަށް ދައްކާލަން ދާން.." އެހެންބުނުމަށްފަހު ރީނާ ނަޖުވާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ގޯތިތެރެއަށް ނިކުމެވެން ހުންނަ ދޮރުން ނިކުތެވެ.

ނަޖުވާގެ ދެލޮލުގައި ހިފަހައްޓާފައި ކަރުނަތައް ހޯސްލާފައި ފައިބަންފެށީ ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުންނެވެ. ރޫބީ އެވާހަކަ ރީނާ ކައިރީ ނުދެއްކީ ކީއްވެ ހެއްޔެވެ؟ ޙުދު އޭނާ އެއުޅެނީ އެއްތާކު ފައި ހަރު ނުލައިގެންނެވެ. އެކަމަކު ރޫބީ އެއޮންނަނީ އަރާމުކޮށް ނިދާލާފައެވެ. ނޫނީ ރޫބީވެސް ޙިޔާލު ބަދަލުވީ ހެއްޔެވެ؟ އަނެއްކޮޅުން އާކިންވެސް ހުރީ އޭނާގެ މައިންބަފައިން ކައިރީގައި ނަޖުވާގެ ވާހަކަ ދައްކަން ނުކެރިފައެވެ. ރޫބީއާއި އާކިން ފަދައިން ފިނޑިއަކަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ. މިފަދަ ވިސްނުމެއްގައި ހުރެ ނަޖުވާ ގޯތި ތެރެއަށް ނިކުތެވެ. ރޯނުގައި ހިއްކަން އަޅާފައި ހުރި އެއްޗެހި ނަގަން އުޅުނު ރީނާ ކައިރިއަށް ނަޖުވާ ގޮސް ހުއްޓުނެވެ.

"އަދިވެސް ނުދަންތަ ފެންވަރާކަށް... ލަސް ނުކޮށް ހިނގާބަލަ ޑޮކްޓަރަށް ދައްކަން.." ރީނާ ބުންޏެވެ.

" ދައްތާ! އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. " ހިތްވަރުކޮށްލާފައި ނަޖުވާ ބުންޏެވެ. އަތުގައި ހުރި އަންނައުނުތައް އެއްކޮލުމަށްފަހު މެޔާލާ ބޮނޑިކޮށްލަމުން ރީނާ ނަޖުވާއަށް ބަލައިލިއެވެ. ނަޖުވާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ރީނާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ހަޤީގަތުގައިވެސް މުއީންގެ ވާހަކަ ނަޖުވާ ކައިރީގައި ރޫބީ ބުނީހެއްޔޭ ހިތަށް އެރިއެވެ.

" ކޮންވާހަކައެއް ނަޖޫ.. ދައްތަ މިހިރީ އަޑުއަހަން..." އޯގާތެރިކަމާއެކު ރީނާ އަހައިލިއެވެ. ނަޖުވާގެ ތުރުތުރު އަޅަމުން ދިޔަ ދެތުންފަތް ދޭތެރެއިން ވޭނީ އާހެއް ބޭރުވެގެން ދިޔައެވެ.

" ދައްތާ! އަހަރެން..." ނަޖުވާ ބުނަން އުޅުނެވެ. ނަމަވެސް ރޮވޭވަރުން އޭނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

" ދައްތާ! ޕްލީޒް ރޫބީ އާއި އާކިންގެ ކައިވެނި ނުކުރޭ.. ޕްލީޒް ދައްތާ.." ހޮތްހުސްވެފައިވާ މީހަކު ފަދައިން ގިސްލެވޭ ހާލު ނަޖުވާ ބުންޏެވެ. އޭނާގެ ހިތަށްވެސް ނާރާ ވާހަކައެއް ނަޖުވާ ދައްކަން ފެށުމުން ރީނާގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ.

" އެއީ ކީއްވެ؟.." ހައިރާންވެފައި ހުރެ ރީނާއަށް އަހައިލެވުނެވެ.

" ދައްތާ! އާކިން ދެކެ ރޫބީ ލޯތްބެއް ނުވޭ.. " އަނެއްކާވެސް ނަޖުވާ ބުންޏެވެ.

" ރޫބީ މިގެއިން ދާން އުޅޭތީ ދޯ ނަޖޫ ތިރޮނީ.. " ހިތްހަމަޖެހުމުގެ ނޭވައެއް ލަމުން ރީނާ އަހައިލިއެވެ.

" ނޫން ދައްތާ.. އާކިން ދެކެ... އާކިންއާއި އަހަރެން.." ގިސްލެވޭ ވަރުން ނަޖުވާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"އާކި އާއި އަހަރެން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވަން.. އަހަރުމެން ދެމީހުން މިއުޅެނީ ސްކޫލް ދައުރުއްސުރެން ރައްޓެހިވެގެން.. " ހިތްވަރުކޮށްލާފައި ނަޖުވާ ބުންޏެވެ. ރީނާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ބަލާކަށް ނުހުރެ ނަޖުވާގެ ކޯމަތީގައި ވިހެލެވިއްޖެއެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާއަށް އަތް އިސްކޮށްފައިނުވާ ރީނާއަށް ނަޖުވާއަށް ބަލައިލެވުނީ ހައިރާންވެފައެވެ.

" ބަލާބަލަ ހުރި ގޮތްކުޑަކަން.. ރޫބީއާއި ނަޖުވާއަށް ކަންތައްތައް އެނގެން ފެށީއްސުރެންވެސް އަހަރެން މިއަންނަނީ އަހަރެންނަށް ވެވުނު އެންމެ ރަނގަޅަކަށް ތިދެމީހުންނަށް ރަނގަޅު ތަރުބިއްޔަތެއް ދެމުން.. އަހަރެން ކިޔައިނުދެންތަ ކައިވެނީގެ ކުރިން ރައްޓެހިވެގެން އުޅުމަކީ ހަރާމް ކަމެކޭ... ކިހާވަރަކަށް އެކަން ކިޔައިދިނީ!!.. އެކަމަކު މިއަދު ނަޖުވާ ތިބުނަނީ ސްކޫލް ދައުރުއްސުރެން ފެށިގެން ރައްޓެހިވެގެން އުޅޭ ވާހަކަ... ނުވީތާކަށް މިވީހާ ދުވަހު އެކަން ސިއްރުކޮށްގެން ތިއުޅުނީ.. ޗި.. ރޫބީވެސް ބޮޑުވީ ނަޖުވާއާ އެއްކޮށް ނޫންތަ؟ އެކަމަކު އޭނާ އެބައުޅޭތަ އެފާޑަށް.." ރީނާ ކައިރިއަށް އައި ރުޅި މަތީގައި ކިޔައިލެވުނެވެ.

" ދައްތާ ޕްލީޒް! ވީ އެއްވެސް ކަމެއް ދެން ބަދަލެއް ނުކުރެވޭނެ.. އެކަމަކު އަދިވެސް ވަގުތު އެބައޮތް.. އާދޭސްކޮށްފަ ބުނަން ދައްތާ.. ކުރެވެން އެއުޅޭ ކައިވެނި ހުއްޓުވާ.. އާކިންއާ ނުލާ އަހަރެންނަކަށް ނޫޅެވޭނެ.. ދައްތަމެން އަބަދުވެސް ބުނަމެއްނު އަހަރެން މީ ދައްތަގެ ބަނޑުން ނުވިހާ ދަރިއެކޭ.. ދަރިއެއްގެ ހައިސިއްޔަތުން އަހަރެން އަހަރެންގެ ލޯތްބަށް އާދޭސްކުރަން.. " ރީނާގެ އަތުގައި ނަޖުވާ އޭނާގެ ދެއަތުން ހިފައިލަމުން ބުންޏެވެ. އޭނާގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ އާދޭހެވެ. ރޮއެރޮއެ އޭނާގެ ދެލޯވަނީ ދުޅަވެ ރަތްވެފައެވެ. ތުންފަތްމަތިންވެސް ދުޅަވެ އަޑުވެސް ވަނީ މުޅިން ބަދަލުވެފައެވެ.


ނުނިމޭ.. ވާހަކައިގެ އާ ބައެއް، ދޭއް ނޮވެމްބަރު ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް