29 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ވިކްޓްރީ ރަން" އިއްޔެ މާލޭގައި ބާއްވައިފި އެވެ.
އިއްޔެ ހެނދުނު 06:00 ގައި ބޭއްވި މި ދުވުން ފައްޓަވައިދެއްވީ ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވައިސް ޗީފް އޮފް ޑިފެންސ ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އެވެ.
މި "ވިކްޓްރީ ރަން" ކުރިއަށްގެންގޮސްފައި ވަނީ ކަޅުތުއްކަލާކޮށިން އުތުރަށް ގޮސް، އަމީނީ މަގުން ހުޅަނގަށް އަޅައި، ބޮޑުތަކުރުފާނުމަގުން އުތުރަށް ގޮސް، މަޖީދީމަގުން އިރަށް، އަދި ކަނބާއައިޝާރަނި ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް މާލެ ވަށައި ދުވުމަށްފަހު، މާފަތްތަކުރުފާނު ހިނގުމުން އުތުރަށް ގޮސް، އަމީނީމަގުން ހުޅަނގަށް އައިސް މި ދުވުން ނިންމާފައި ވަނީ ކަޅުތުއްކަލާކޮށްޓަށް ކަށާއި، "ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާ ތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ޤައުމީ ރޫޙާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެއްކަމާއި، ވަކިން ޚާއްޞަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ދުވުން ކުރިއަށްދިޔައިރު ޤައުމީ ޝިޢާރު އަދި ސިފައިންގެ އަޒުމް އަޑު ހަރުކޮށް ކިޔާފައިވާއިރު، މި ވިކްޓްރީ ރަންގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް