ގޭތެރޭގެ މަސައްކަތުގައި ފިރިން އަނބިންނަށް އެހީ ނުވަނީ ކީއްވެ!؟

މައިންބަފައިންގެ އަމަލުތައް ދަރީން ދަސްކުރާނޭ ވަރަށް ގިނަ މީހުން ބުނެ އެވެ. އަދި ދަރީން ތަރުބިއްޔަތުވަނީ މައިންބަފައިން އޭނާ ތަރުބިއްޔަތު ކުރިގޮތަކަށޭވެސް ބުނެ އުޅެތެވެ. ވީމާ ދަރީންނަކީ ޕްރޮގްރާމު ކުރ...

04 Nov 2017 | 03:17

މައިންބަފައިންގެ އަމަލުތައް ދަރީން ދަސްކުރާނޭ ވަރަށް ގިނަ މީހުން ބުނެ އެވެ. އަދި ދަރީން ތަރުބިއްޔަތުވަނީ މައިންބަފައިން އޭނާ ތަރުބިއްޔަތު ކުރިގޮތަކަށޭވެސް ބުނެ އުޅެތެވެ. ވީމާ ދަރީންނަކީ ޕްރޮގްރާމު ކުރާ ރޮބަޓުތަކެކޭ ނުވަތަ ޕްރޮގްރާމެކޭ، ބުނެވިދާނެ، ދެއްތޯއެވެ؟

އެކުދިން ޕްރޮގްރާމްކޮށްދިން ގޮތަކަށް އެކުދިންގެ އުޅުން ހުންނާނެއެވެ. ބުނަން މިއުޅޭ ވާހަކައަކީ ކޮންމެ މީހެއްގެވެސް ވަކި އާދަތަކެއް   ދެމެހެއްޓުމަށް އެހީވެދެނީ ނުވަތަ ދަސްކޮށްދެނީ މައިންބަފައިންކަމެވެ. ނުވަތަ މިކަމުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ މައިންބަފައިންކަމެވެ. މިގޮތުން އަނބިމީހާއަށް އެހީވުމަށްވެސް ނުވަތަ ނުވުމަށްވެސް ތަރުބިއްޔަތު ދެވޭނީ މައިންބަފައިންނަށެވެ. ނުވަތަ މިއާދަ ހަރުލެއްވުމާއި ނުލެއްވުމަކީ ތަރުބިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ފުރަތަމަ ބުނެލިހެން ދަރިންނަކީ އެކުދިންނަށް ފެންނަ ކަންކަން ވަރަށް ފަސޭހައިން ދަސްކުރާބައެކެވެ. ވީމާ ކުޑައިރުއްސުރެ އެކުދިންގެ ބައްޕަ މަންމައަށް ގޭތެރޭގެ މަސައްކަތްތަކުގައި އެހީވެދޭތަން ފެންނަނަމަ އެކުދިންގެ ހިތުގައިވެސް މަންމައަށް އެހީވުމުގެ ޝައުގު އުފެދޭނެއެވެ. ގޭތެރޭގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ޝައުގު އިތުރުވާނެއެވެ. އަދި ބޮޑުވެ ކައިވެނި ކުރުމުން ބައިވެރިޔާއަށް އެހީވުމުގެ އާދަ އޭރުން ހިފާނެއެވެ. ކުޑައިރުއްސުރެ ކަށީގައި މިހެން ހިފާ އާދަތަކަކީ ނައްތައިލަން ވަރަށް އުނދަގޫވާނެ އާދަތެކެކެވެ. ވީމާ މިފަދަ ރަނގަޅު އާދައެއް ގެއްލިދިޔުމަކީ ވަރަށް ދުރުގައި އޮތް ކަމެކެވެ.

ދެވަނަ ކަމަކަށް އޮތީ ތަރުބިއްޔަތު ކުރުމުގައި ގޭތެރެގެ މަސައްކަތްތަކުގައި އެހީވުމަށް އެކުދިންނަށް ދަސްކޮށްދިނުމެވެ. މިކަން ކުރުމަށް އެއްމެ މުހިއްމުކަމަކަށް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، އެހީއެއް ވެދޭހިތުން ކޮށްދޭންވީ ކޮންކަމެއްތޯ އެކުދިން އެހުމުން ޖަވާބުގައި "ދަރިފުޅަށް ކުރެވޭނެ ކަމެއް ނެތޭ"، "ފިރިހެން ކުދިން ކުރާކަމެއް ނެތޭ" ނުވަތަ "ދަރިފުޅު އެއްވެސް މަސައްކަތެއްކުރާނެ ކަމެއްނެތޭ" ބުނެ ފޮނުވައިލުމުން ނުސީދާ ގޮތެއްގައި އެ ހިތްވަރުދެވެނީ ނުވަތަ ވިސްނައިދެވެނީ އަންހެނުން ކުރާ މަސައްކަތުގައި ފިރިހެނުން ބައިވެރިނުވުމަށެވެ. އޭގެ ބަދަލުގައި ދަރިފުޅު ކަމެއްކޮށްދޭން އެހުމުން އޭނާއަށް ކުރަން އުނދަގޫ ނުވާވަރުގެ އެކަށީގެންވާ ކޮންމެވެސް މަސައްކަތެއް ކޮށްލުމަށް ބުނާށެވެ. މިކަމުގައި ވިސްނަންވީ އަނެއްކަމަކީ ބައެއް ކުދިންނަށް އަހަން ނުކެރޭކަމެވެ. އެކި ކުދިންގެ މިޒާޖު ތަފާތުވާނޭކަމެވެ. ބައެއްކުދިން ސީދާކޮށް ކޮށްދެންވީ ކޮންކަމެއްތޯ އެހިނަމަވެސް އަނެއްބައި ކުދިން ތިމާގެ ގާތުގައި "ފޫބުޑުން އެނބުރިދާނެއެވެ." ކަން މިހެން އޮތްނަމަވެސް ކުއްޖާގެ އުޅުމުން އޭނާ ބޭނުން ވަނީ ނުވަތަ ބުނަން އުޅެނީ ކީކޭކަން ހުރިހާ މައިންނަށްވެސް ނަގައިގަނެވޭނެއެވެ.

ތިންވަނަ ކަމަކީ ތަރުބިއްޔަތުގެ ތެރެއިން އަނބިމީހާއަށް އެހީވުމަށް ފިރިހެން ކުއްޖާއަށް ދަސްވެފައިވީނަމަވެސް ކައިވެންޏަށްފަހު އަނބިމީހާގެ ސަބަބުން މިއާދަ ފުހެވިގެން ދިޔުމެވެ. މިކަން މިހެން ހިނގަނީ ބައެއްއަނބީ ންނަށް ކަންތަށް ކުރެވޭ ގޮތުންނެވެ. މިސާލަކަށް ކައި ނިމިގެން ކެއި ތަށި އަމިއްލަޔަށް ދޮންނަން އާދަކޮށްފައި ފިރިމީހާ ހުރެދާނެއެވެ. ނަމަވެސް އަލަށް ކައިވެނި ކޮށްގެން އުޅޭއިރު ގިނަ އަނބިން އެމީހުންގެ ފިރިންލައްވާ މިވަރުކަމެއް ކުރުވާކަށް ބޭނުމެއްނުވެއެވެ. ގިނަ އަނބިންނަށް އެއީ ލަދުވެތިކަމެކެވެ. ނަމަވެސް މިކުޑަކަމުންވެސް ކިހާ ލުޔެއް އަދި ފަސޭހައެއްވާނޭކަން އެނގެނީ ދަރިން ލިބި އިންތިހާއަށް ބުރަވާން  ފެށުމުންނެވެ. ނަމަވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. ފިރިމީހާ ހުންނާނީ ކުރިން ހުރި އެއާދައާއި ދުރުވެފައެވެ.

ބުނެލަން ބޭނުން ވާ ވާހަކައަކީ ފިރިމީހާ ގޭތެރޭގެ އެއްވެސް މަސައްކަތެއްގައި އެހީވެ އުޅޭނަމަ އޭނާއަށް އެކަން ކުރުމަށް މާނާ ނުކުރާށެވެ. ހުރަސްނާޅާށެވެ. އަދިފިރިހެން ދަރިފުޅަށްވެސް މަނާ ނުކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް